ޕެރޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއް އާއިލާއެއްގެ 10 މީހުން މަރުވެއްޖެ

ޕެރޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއް އާއިލާއެއްގެ 10 މީހުން ވަނީ މަރުވެފައި. ފޮޓޯ/ގެޓީ

ޕެރޫގެ ވެރިރަށް ލީމާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް ކުޑަކުދިން ހިމެނޭ ގޮތަށް އެއް އާއިލާއެއްގެ 10 މީހުން މަރުވެއްޖެއެވެ.

ޕެރޫގެ ނޭޝަނަލް ޕޮލިސްގެ ޖެނެރަލް އޮސްކާ އަރިއޯލާ ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނީ ލާ ވިކްޓޯރިއާ ޑިސްޓްރިކްޓްގެ ދެކުނުގައި ހުންނަ ގެއަކަށް ކަމަށެވެ.

ބީބިސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ހިނގި އެ ހާދިސާގައި މަރުވީ އުމުރުން ތިން އަހަރާއި 15 އަހަރާ ދެމެދުގެ ފަސް ކުދިންގެ އިތުރުން 29 އަހަރާއި 72 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. ހާދިސާގައި ދެން މަރުވީ މީހާގެ އުމުރު ހާމަކޮށްފައެއްނުވެއެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ. ފޮޓޯ/ދަ ސްޓޭންޑާޑް

ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލީ ކަމަށް ޝައްކު ކުރެވޭތީ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ޕެރޫގެ މީޑިއާތަކުން ބުނާ ގޮތުގައި ގޮނދަޑި އުފައްދާ އަދި އިލެކްޓްރިކް ސައިކަލު ގެންގުޅޭ އެ އާއިލާއަށް މީގެކުރިން ބަޔަކު ވަނީ ފައިސާ ދޭން ބުނެ ބިރު ދައްކާފައެވެ.

ސަރުކާރުގެ ނޫސް އެޖެންސީ އަންޑިނާ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުގައި އެގޭގެ ބޭރުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ބަޔަކު އަލިފާން ރޯކޮށްފައިވާ ކަމަށް އަވަށްޓެރިން ބުނެފައިވެއެވެ.

ޕެރޫގެ ގަޑިން 03:00 (ޖީއެމްޓީ 08:00) ގައި އަލިފާން ރޯވާން ފެށިއިރު އާއިލާގެ 17 މީހުން އެ އިމާރާތުގައި ތިބި ނަމަވެސް ހަތް މީހުން ސަލާމަތްވެފައިވާ ކަމަށް އިންފޯބާއީ ނިއުސް ސައިޓުން ބުނެފައިވެއެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް އަނދާފައި ވަނީ ކާކުކަން ދެނެނުގަނެވޭ ވަރަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް