ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ޑައިރެކްޓަރު ކްރިސްޓޮފަ ނޯލަންގެ ފިލްމު "ދަ އޮޑިސީ"ގެ ޕްރޮމޯޝަން އިވެންޓެއްގައި އެ ފިލްމުގެ ބަތަލާ ޒެންޑޭއާ އީރާނުގެ ދުވަސްވީ އާސާރީ ގަހަނާއެއް ބޭނުންކުރުމާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ނޯލަންގެ އާ ފިލްމު އިޝްތިހާރު ކުރުމަށްޓަކައި، ޒެންޑޭއާ ބޭނުންކޮށްފައިވަނީ ގާތްގަނޑަކަށް 3،000 އަހަރުވީ ރަނުގެ އާސާރީ ތަކެއްޗެވެ.
"ދަ އޮޑިސީ" އަކީ ގްރީކް ރަސްކަލަކު އެނބުރި ޤައުމަށް ދިއުމަށް ކުރި ދިގު ދަތުރުގެ ވާހަކައެއް ނަމަވެސް، މި ފިލްމުގެ ޕްރޮމޯޝަން ދަތުރުގައި ޒެންޑޭއާ އެޅި އެލިފަތީގެ ސަބަބުން މިހާރު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އެ އެލިފައްޗަކީ އޭގެ އަސްލު ވަޒަނާ ވަރަށް ދުރުގައިވާ އެއްޗެކެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި ފޮޓޯ ކޯލް އެއްގައި، ނޯލަންގެ މި ފިލްމުގައި "އެތީނާ"ގެ ރޯލު ކުޅޭ ޒެންޑޭއާ ބޭނުންކޮށްފައި ވަނީ އީސާގެފާނުގެ މީލާދުގެ 700 އަހަރު ކުރީގެ އީރާނުގެ އާސާރީ ތަކެތިން ތައްޔާރުކޮށްފައިވާ އެލިފައްޗެކެވެ.
މިކަމާ ގުޅިގެން އާސާރީ އިލްމުވެރިން ވަނީ ވަރަށް އަވަހަށް ނުރުހުން ފާޅުކޮށްފައެވެ. ހޮލީވުޑް ފިލްމެއް އިޝްތިހާރު ކުރުމަށްޓަކައި، ސަގާފީ ގޮތުން މުހިންމު އަދި އަގުބޮޑު އާސާރީ ތަކެތި ފާޅުކަން ބޮޑު ގޮތުގައި ބޭނުންކުރުމަކީ އީރާނުގެ ތާރީހީ ތަރިކައަށް އަރައިގަތުން ކަމަށް އެ ބޭފުޅުން ސިފަކުރައްވައެވެ.
މި އެލިފައްޗަކީ ލަންޑަނުގެ މޭފެއާގައި ހުންނަ "ބެރޮން ލަންޑަން" ކިޔާ ގެލެރީއެއްގެ އެއްޗެކެވެ. އެ ގެލެރީގެ ވެބްސައިޓުގައިވާ ގޮތުން، އެތަނަކީ މުހިންމު އާސާރީ ތަކެތި ހޯދައި، އެ ތަކެތި ރައްކާތެރިކޮށް ބަލަހައްޓާ ތަނެކެވެ.

ޒީވިއޭގެ ރަނުގެ ޚަޒާނާއިން ފެނިފައިވާ، މީހަކު ސިންގާ އަކާ ހަނގުރާމަކުރާ މަންޒަރު ދައްކުވައިދޭ ރަނުގެ ތަބަކެއް. މީލާދީ ގޮތުން 700 އަހަރު ކުރީގެ މި އާސާރީ ތަކެތި މިހާރު ބެހެއްޓިފައި ވަނީ ޕެރިހުގެ ލޫވް މިއުޒިއަމްގައި--ފޮޓޯ/ލެންމާސް،އެލަމީ
ބެރޮން ގެލެރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2025 ވަނަ އަހަރު ލަންޑަނުގެ ގަހަނާ ވިޔަފާރިވެރިއެއް ކަމަށްވާ ގްލެން ސްޕައިރޯ އަތުން ގަތް މި ތަކެއްޗަކީ 1940ގެ އަހަރުތަކުގެ ފަހުކޮޅު އުތުރު-ހުޅަނގު އީރާނުން ފެނުނު "ޒިވިޔޭ ހޯޑް"އާ ގުޅުންހުރި ތަކެއްޗެވެ.
ނަވާރަސަތޭކަ ސާޅީސް ހަތްވަނަ އަހަރު ފެނުނު މި އާސާރީ ރަނާއި، ރިއްސާއި، ލޮއި އަދި މަށީގެ ތަކެއްޗަކީ އޭރު ކުޑަކުދިންތަކެއް ވަގަށް ނެގި ތަކެއްޗެވެ. ދެހާސްފަނަރަ ވަނަ އަހަރުގެ ދިރާސާއެއްގައިވާ ގޮތުން، މީގެ ތެރެއިން ސަލާމަތްވި ބައެއް ތަކެތި 1960ގެ އަހަރުތަކުގައި އީރާނުން ބޭރުގެ މާކެޓުތަކުގައި ވިއްކާލެވުނު ކަމަށާއި، މިހާރު އެ ތަކެތި ހުރީ ދުނިޔޭގެ އެކި ދާރުލްއާސާރުތަކާއި އަމިއްލަ މީހުންގެ އަތްމަތީގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޒެންޑޭއާ އެފަދަ ދުވަސްވީ ތަކެތި އެޅުމުން ނުރުހުން ފާޅުކުރައްވަމުން އާސާރީ އިލްމުވެރިން ވިދާޅުވީ، މަޝްހޫރު ތަރިންނަށް ހެދުން އެޅުވުމާއި ގަހަނާ ހޮވައިދޭ މީހުންގެ ކިބައިގައި ސަގާފީ ހޭލުންތެރިކަމާއި އިހުސާސްތެރިކަން ކުޑަކަމަށެވެ. މިކަމާ ގުޅޭގޮތުން ޒެންޑޭއާގެ ފަރާތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އާސާރީ އިލްމުވެރިއެއް ކަމަށްވާ ޑރ. އެނަލީސް ބެއަ ވިދާޅުވި ގޮތުގައި، މީގައި އެންމެ ބޮޑު އަޚްލާޤީ މައްސަލައަކީ އެލިފަތި ތައްޔާރުކޮށްފައިވަނީ ވަގަށް ނަގާފައިވާ އާސާރީ ތަކެތި ބޭނުންކޮށްގެން ކަމަށް ވުމެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޒެންޑޭއާ އެ އެޅުމަށްވުރެ ބޮޑަށް، ނަމަވެސް ބައިނަލްއަޤްވާމީ ރެޑް ކާޕެޓް އިވެންޓެއްގައި އެ އެޅުމުން މި މައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީގެއިތުރުން، މިކަން މި ހިނގީ އީރާނުގެ ދާޚިލީ އަދި ސިޔާސީ މަސްރަޙު ނުތަނަވަސްވެފައިވާ ވަގުތެއްގައި ކަމަށް ވުމުން ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބެރޮން ގެލެރީން ބުނި ގޮތުގައި މި އެލިފަތި ދޫކުރުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފައިދާއެއް ހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި އީރާނުގެ ކުރީގެ ފަންނުވެރިކަން ދައްކާލައި، އެ ޤައުމުގެ މުއްސަނދި ސަގާފަތާއި ތާރީޚު ހަނދާންކޮށްދިނުމަކީ މީގެ އެންމެ ބޮޑު އެއް ބޭނުން ކަމަށް އެ ގެލެރީއިން ބުނެފައިވެއެވެ.