ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް ގާއިމުކުރަން ސަރުކާރުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދޫކުރި ބިމުގެ މައްސަލަ، ކޯޓުން ބޭރުގައި ހައްލު ކުރުމަށް، އެޗްޑީސީން އެފްއޭއެމާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ފޭސް އެކަކުން އެފްއޭއެމަށް ބޮޑު ބިމެއް ދިނީ އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެއްވެސް ކުއްޔަކާ ނުލައެވެ. އެކަމަކު އެ ބިމުން ބައެއް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަން އެފްއޭއެމުން ބޭނުންވުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި އެޗްޑީސީން އެއްބަސްވުން ބަދަލުކޮށްދީ ވިޔާފާރި އުސޫލުން ވެސް ބޭނުންއެ ކުރުމުގެ ހުއްދަ ދިނެވެ. އަދި އެއްބަސްވުން ބަދަލު ގެނައި ހިސާބުން ކުލި ދައްކަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމްގެ މައްޗަށް ޝަރުތު ކުރިއެވެ.
އެކަމަކު، އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީން އެކި މަރުހަލާތަކުގެ މަތިން ނޯޓިސް ވެސް ދިނެވެ. ފަހުން ބިން އަތުލާނެކަމުގެ އިންޒާރާ އެކު އެ ތަނުގައި ރެޑް ނޯޓިހެއް ވެސް ހަރުކުރުމުން ވެސް އެފްއޭއެމުން ކުއްޔެއް ނުދެއްކިއެވެ. އޭގެ ފަހުން އެފްއޭއެމާއެކު ހެދި އެއްބަސްވުން ބާތިލުކޮށް އެޗްޑީސީން ބިން އަތުލިއެވެ. އަދި އެ ބިމުން ކުއްޔަށް ދީފައިވާ ސަރަހައްދު ހުސްކުރަން އެފްއޭއެމަށް އެންގިއެވެ.
އޭގެ ފަހުން އެފްއޭއެމާ ދެކޮޅަށް އެޗްޑީސީން ދައުވާ ކުރީއެވެ. އެކަމަކު، އެ މައްސަލަ އެޗްޑީސީން މިއަދު އަނބުރާ ގެންދިޔައީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ.
ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީތަކެއް އެޅުމަށް ސަރުކާރުން އިއުލާނުކޮށް އެކަމުގެ ބޭނުމަށް އެފްއޭއެމާއި އެޗްޑީސީއާ ދެމެދު ވީ އެއްބަސްވުންތަކުގެ ތެރެއިން އެފްއޭއެމުން ސަބްލީޒްކުރި ބިންތަކުން ލިބުނު ފައިސާއިން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭންގި ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ކުރިން ބުނެފައިވެއެވެ.
ރައީސް އޮފީހާއި، ސްޕޯޓްސް މިނިސްޓްރީ، އަދި އެފްއޭއެމް ގުޅިގެން 2018 ވަނަ އަހަރު ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް ތަރައްގީކުރަން ހިންގި ޕްރޮޖެކްޓާ ގުޅޭ ކޮރަޕްޝަނާއި، ޚިޔާނާތާއި، އިހުމާލުގެ ސީރިއަސް މައްސަލަތަކެއް އޮޑިޓް އޮފީހުން ފާހަގަކޮށް، އެކަންކަން އިތުރަށް ތަހުގީގުކުރަން އޭސީސީގައިވަނީ އެދިފައެވެ.