ޝިއާއުގެ މަރު: ޝާހިލްގެ އިސްތިއުނާފު މައްސަލަތައް އަނެއްކާވެސް ހައިކޯޓުން ބޭރުކޮށްލައިފި

ކްރިމިނަލް ކޯޓުގެ އަޑުއެހުން ނިންމާލުމަށްފަހު ޝާހިލް ގެންދަނީ: އޭނާއަށް ދައުލަތުން ވަނީ ވަކީލަކު ހަމަޖައްސަދީފަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ޖަލަށްލާން ހުކުމް ކުރި ދެ މައްސަލައެއްގެ އިސްތިއުނާފު ފޯމް ހައިކޯޓުން އަނެއްކާވެސް ބޭރުކޮށްލައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، މިއަދު ބޭރުކޮށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި، އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލައެކެވެ. މި ދެ މައްސަލަވެސް މީގެ ކުރިންވެސް އެއް ފަހަރު ހައިކޯޓުން ބޭރުކޮށްލާފައިވެއެވެ.

ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ.

https://sun.mv/222032

އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް ވެސް އޮތީ ސިއްރުކޮށްފައެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ބުނެފައެވެ.

މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދެ މައްސަލައެއް އެ ކޯޓުން ބޭރުކޮށްލައިފިއެވެ. މިގޮތުން ބޭރުކޮށްލާފައިވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައިވާ މަސްތުވާތަކެތީގެ މައްސަލައަކާއި އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލައެއްގެ އިސްތިއުނާފެވެ. މިއީ މި ދެ މައްސަލަ ހައިކޯޓުން ބޭރުކޮށްލި ދެވަނަ ފަހަރެވެ. އޮގަސްޓް 2022 ގައި ހިނގި ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ހުރީ ބަންދުކޮށްފައެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޝިއާއު މަރުވެފައިވަނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. މި މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހާމަކޮށްފައެވެ.

  • އަލީ ޝާހިލްގެ މައްޗަށް ސާބިތުވެފައިވާ މަސްތުވާތަކެއްޗާއި އޮރިޔާން ކާޑުގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލައިފި.
  • މިއީ މި ދެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލި ދެވަނަ ފަހަރު.
  • ޝިއާއު މަރާލާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު.
  • ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ހުރީ ބަންދުކޮށްފައި.
  • މަރުގެ މައްސަލައިގެ ހުކުމް މި މަހުގެ ތެރޭގައި އިއްވުމަށް ކްރިމިނަލް ކޯޓުން އަންނަނީ މަސައްކަތްކުރަމުން.
comment ކޮމެންޓް