މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަން ލިބޭ މީހުންނަށް ހަވާލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރެއްގެ ދައުރުގެ ތެރޭގައި މަޝްރޫއުތައް ނިންމައި ހައްގުވެރިންނާ ހަވާލުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުން 7,800 ފްލެޓު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

މި ސްކީމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ހަމަވެފައިވާއިރު، ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ރައީސް ތަކުރާރު ކުރެއްވިއެވެ. މިހާރުވެސް ބައެއް ފްލެޓްތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ކަނޑުފަޅުން" ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީން ދޫކުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައިވާ ކަމަށާއި، ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅިފަޅުގެ ގޯތިތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ރައީސް ވާހަކަދައްކަވަނީ: އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ ދެކޮޅު ކަންތައްތައް ކުރައްވަން އޮޑަރު ލިބޭ، އިދިކޮޅު ފަރާތެއް ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
"މި ދައުރު ނިމޭއިރު އިރާދަކުރެއްވިޔާ އަޅުގަނޑުމެން އުއްމީދަކީ އަދި ޔަގީންކަން ދޭ ކަމަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ސަރުކާރެއްގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އަމަލީ ގޮތުން ނިންމައި، އެ ތަންތަން ލިބޭ ފަރާތްތަކަށް އެ ތަންތަން އަޅުގަނޑުމެން ހަވާލުކޮށްދޭނަމޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ފަށާފައިވާ ފަހި ފްލެޓްތަކުގެ މަސައްކަތް މި ސަރުކާރުން ހަވާލުވިއިރު ނިމިފައިވަނީ އެންމެ 25 އިންސައްތަ ކަމަށާއި، ނަމަވެސް މިހާރު އެ މަޝްރޫއު ނިންމައި ހައްގުވެރިންނާ ތަންތަން ހަވާލުކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ދޭ އިސްކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި، ޚާއްސަކޮށް މާލެ ސަރަޙައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ އިޖުތިމާޢީ އަދި އިގްތިސާދީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ދަނީ ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ފަދަ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގައި، ގޯއްޗާއި ފްލެޓް ދޫކުރަމުންނެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ މި ސަރުކާރުން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވާއިރު މި ސަރުކާރަށް ތިން އަހަރު ފުރެންދާއިރު އަދި މާ ބޮޑު އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށް ސަރުކާރުން އިއުލާން ކުރި ނަމަވެސް އަހަރު ނިމިގެން ދިޔައީ މާ ބޮޑު އަމަލީ މަސައްކަތެއް ނުފެށިއެވެ.