މާލޭ ދެކުނު ފަރާތު ނެރުމައްޗަށް ލޯންޗެއް މިއަދު އަރައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ މާލޭ ދެކުނު ފަރާތު ނެރުމައްޗަށް ލޯންޗެއް އަރާފައިވާ ކަމަށް މިއަދު މެންދުރުފަހު 3:17 ހާއިރު މައުލޫމާތު ލިބުނު ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ މިއަދު ހަވީރު މާލެއަށް އުދަ އެރި ވަގުތު ކޮންޓްރޯލް ނުވެ، ހުދު ކުލައިގެ ލޯންޗެއް ނެރުމައްޗަށް އަރާފައިވާ މަންޒަރެވެ.
ފުލުހުން ބުނީ، 20 މީހުން ދަތުރުކުރި އެ ލޯންޗު އުރި ހިނގި ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށާއި، އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދިން ކަމަށެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެ ލޯންޗަށް އެކިވަރުގެ ގެއްލުންވި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފައިވެއެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ޕާކިން ސްލޮޓާއެކު ހުޅުވި ސަރަހައްދު ވެސް ހިމެނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މީގެ ކުރިން ވަނީ، މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.
އެ އިދާރާއިން ވަނީ، މިހާރު ކުރިއަށްދާ ސްކޫލު ބަންދު މި ހަފުތާގައި ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ޗުއްޓީ ނިންމައިފައި ދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.