ވިލިމާލޭގައި ޑިންގީ ޖެޓީއެއް ހެދުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރަން، 60 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ލިމާލޭގައި ޑިންގީ ޖެޓީއެއް ހެދުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ

ވިލިމާލޭގައި ޑިންގީ ޖެޓީއެއް ތަރައްގީ ކުރުމަށާއި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަޝްރޫއާ ގުޅޭ އެއްބަސްވުންތަކުގައި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ.

ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 14.91 މިލިއަން ރުފިޔާއަށް، 150 ދުވަސް (ފަސް މަސް ދުވަސް) ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުތެރެއާއި ނެރު ފުންކުރުމާއި، ރޭމްޕާއި ސިޑިއާއެކު 74 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، ތިން މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމުގެ އިތުރުން 74 މީޓަރު ދިގު، ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެއެވެ.

ވިލިނގިލީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 45.66 މިލިއަން ރުފިޔާއަށް، ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 1.09 ހެކްޓަރުގެ (1.1 ހެކްޓަރުގެ) ސަރަހައްދަކަށް ވެލިއަޅައި ބިން ހިއްކުމާއި، 150 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި، 181 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ (ބޭރު ތޮށި) ލުމުގެ އިތުރުން ކުރިން ހަދާފައިވާ ބްރޭކްވޯޓާގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނެގުން ހިމެނެއެވެ.

ލިމާލޭގައި ޑިންގީ ޖެޓީއެއް ހެދުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ

ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރިއިރު، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އެ ރަށުގެ ދެކުނު ފަރާތުން ގޮނޑުދޮށުގެ ބޮޑުބައެއް މިހާރު ވެސް ވަނީ ގިރައިގެން ގޮސްފައެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބޭނެއެވެ. އަދި ޑިންގީ ޖެޓީ ނިމުމުން އެކި ބޭނުންތަކަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ވެސް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި ޕްރޮޖެކްޓުތައް އެމްޓީސީސީއާއި ހަވާލުކުރަމުން އަންނައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިޞާދީ ބޭފުޅުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ އެތައް މަޝްރޫއެއް އެއްފަހަރާ އެ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އެ ކަންކަން ހިންގުމުގައާއި އެ ކަންކަމަށް ފައިސާ ހޯދުމުގައި ވެސް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ސިޔާސީ ވާދަވެރިން އަންނަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް