އަމިއްލަ ސްޓިކާ ޕެކް ހެދޭ އާ ފީޗާއެއް ޗެޓްޖީޕީޓީއަށް ތަޢާރަފުކޮށްފި

ޓެކްސްޓް ޕްރޮމްޕްޓްގެ އިތުރުން އަމިއްލަ ފޯނުގައި ހުންނަ ފޮޓޯތައް ބޭނުންކޮށްގެން ވެސް ސްޓިކާ ހެދޭނެ ---

މެސެޖު ކުރުމުގައި ބޭނުންކުރުމަށް އަމިއްލަ ޚިޔާލާއި ފޮޓޯތައް ހިމަނައިގެން ސްޓިކާ ޕެކް ތައްޔާރުކުރެވޭ އާ ފީޗާއެއް އޯޕަންއޭއައިގެ ޗެޓްޖީޕީޓީއަށް ތަޢާރަފުކޮށްފިއެވެ.

މި އައު ޚިދުމަތުގެ އެހީގައި އަމިއްލަ ފޮޓޯ، ޚިޔާލުތައް އަދި މަޖާ ވާހަކަތައް ނުވަތަ އިންސައިޑް ޖޯކްސް ސްޓިކާތަކަށް ބަދަލުކޮށްލުމަށްފަހު ވަޓްސްއެޕް އަދި އައިމެސެޖުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ. މިއީ މޯބައިލް ފޯނުތަކުގައި ޗެޓްޖީޕީޓީ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މުޅި ދުނިޔޭގައި ވެސް މުޅިން ހިލޭ ލިބެން ހުންނާނެ ފީޗާއެކެވެ.

މި ފީޗާ ބޭނުންކުރުމަށްޓަކައި ޗެޓްޖީޕީޓީގެ ސައިޑްބާގައިވާ އިމޭޖަސް އަށް ގޮސް އޭގެ ތެރެއިން ސްޓިކާސް އޮޕްޝަން ޚިޔާރުކުރަންޖެހެއެވެ. އެއަށްފަހު ބޭނުންވާ ސްޓިކާގެ ތަފުސީލު ލިޔުމުން ނުވަތަ ޕްރޮމްޕްޓް ދިނުމުން، އެ އެދުނު ގޮތަކަށް ޗެޓްޖީޕީޓީން ސްޓިކާ އުފައްދައިދޭނެއެވެ.

އެއް ސްޓިކާ ޕެކެއްގައި އެންމެ ގިނަވެގެން ނުވަ ސްޓިކާ ހިމެނޭ ގޮތަށް އުފެއްދޭ މި ފީޗާގައި، ތަފާތު 18 ވިޝުއަލް ސްޓައިލެއް ބޭނުންކުރުމުގެ ފުރުސަތު އޮވެއެވެ. އޭގެ ތެރޭގައި ހޮލޯގްރެފިކް، އެނިމޭ އަދި ތުރީޑީ ފަދަ މަގުބޫލު ސްޓައިލްތައް ހިމެނޭއިރު، އިމޯޖީތަކާ އެއްކޮށްގެން އިތުރު ބަދަލުތައް ނުވަތަ ރީމިކްސް ވެސް ހެދެއެވެ.

ޓެކްސްޓް ޕްރޮމްޕްޓްގެ އިތުރުން ޔޫޒަރުންގެ އަމިއްލަ ފޯނުގައި ހުންނަ ފޮޓޯތައް ބޭނުންކޮށްގެންވެސް ސްޓިކާ ހެދުމުގެ ފުރުސަތު މި ފީޗާއިން ލިބިގެންދެއެވެ. އެހެންކަމުން ގޭގައި ގެންގުޅޭ ޖަނަވާރުތަކާއި، ރައްޓެހިން ނުވަތަ ކެއުންބުއިމުގެ ތަކެތި ފަދަ އަމިއްލަ ފޮޓޯތައް ސްޓިކާއަށް ބަދަލުކޮށްލެވެއެވެ.

މިގޮތަށް އުފައްދާ ސްޓިކާތަކުގެ ބެކްގްރައުންޑް ހުންނަނީ ޓްރާންސްޕޭރަންޓްކޮށް ކަމަށްވާތީ، މެސެޖުތަކުގައި ފޮނުވާއިރު އަސްލު ސްޓިކާއެއްގެ ގޮތުގައި ފުރިހަމައަށް ފެންނާނެއެވެ. އަދި ސްޓިކާ ޕެކް ތައްޔާރުވުމުން ސީދާ އައިމެސެޖާއި ވަޓްސްއެޕަށް ފޮނުވައިލެވޭނެ ގޮތާއި، ފޯނަށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި އައު ފީޗާ މަސައްކަތްކުރަނީ އޯޕަންއޭއައިގެ އެންމެ ފަހުގެ އިމޭޖް ޖެނެރޭޝަން މޮޑެލް ކަމަށްވާ "ޗެޓްޖީޕީޓީ އިމޭޖަސް 2.0" ގެ އެހީގައެވެ.

މިއީ މީގެ ކުރިން ތައްޔާރުކޮށްފައި ހުންނަ ސްޓިކާތަކުގެ ބަދަލުގައި، ކޮންމެ މީހަކަށްވެސް އަމިއްލަ ފަރުމާތަކެއް އުފެއްދުމަށް ހުޅުވާލެވުނު ވަރަށް ފަސޭހަ ފުރުސަތެކެވެ.

comment ކޮމެންޓް