ފިލްމު 'ރާޒް'އިން މަޝްހޫރުކަން ހޯދި ބަތަލާ ބޮލީވުޑާ ދުރަށްޖެހި އާދައިގެ ހިމޭން ދިރިއުޅުމެއްގައި

ފިލްމު "ރާޒް"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ކުރީގެ ބަތަލާ މާލިނީ ޝަރުމާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

މީގެ 23 އަހަރު ކުރިން ރިލީޒްވި ބޮލީވުޑްގެ މަގުބޫލު ފިލްމު "ރާޒް"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ މާލިނީ ޝަރުމާގެ މަތިން ހަނދާން އެބަހުރިހެއްޔެވެ.

އެ ފިލްމުގައި "މާލިނީ"ގެ ނަމުގައި މާލިނީ ކުޅުނު ކެރެކްޓަ އަކީ މިއަދާ ހަމައަށްވެސް ބެލުންތެރިންގެ ހިތްތަކުން ހާއްސަ މަގާމެއް ދެވި ހަނދާނުން ފޮހެލަން އުނދަގޫ ކެރެކްޓާއެކެވެ.

ބެލުންތެރިންނަށް މާލިނީ ފެނުނު ހަމައެކަނި ފިލްމަކީ ވެސް 2002 ވަނަ އަހަރު ވިކްރަމް ބަޓް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "ރާޒް"އެވެ. އޭގެކުރިން އޭނާ ވަނީ ދެ ޓެލެވިޒަން ސީރީޒްއެއްގައި މަސައްކަތްކޮށްފައެވެ.

ކުރިން މޮޑެލިންގް ދާއިރާގައި ވެސް މަސައްކަތްކުރި މާލިނީ ފިލްމީ ދާއިރާގެ ހަލަބޮލި މާހައުލު ދޫކޮށްލުމަށްފަހު މިހާރު އުޅެމުންދަނީ ވަރަށް ހަމަހިމޭން ދިރިއުޅުމެއްގައެވެ.

މާލިނީ ފިލްމު "ރާޒް"ގެ މަންޒަރެއްގައި އަދި އޭނާގެ ފަހުގެ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

މިއަދު އޭނާ ދިރިއުޅެނީ އިންޑިއާގެ ނަދަން ސެންޓްރަލް ސެކްޝަންގެ ހިތްގައިމު ވެސްޓަން ގާޓްސްގެ ސަހްޔާދްރީ ފަރުބަދަ ސަރަހައްދުގައެވެ. އެތަނުގައި ފާމްސްޓޭއެއް ހިންގައި، ތަރުކާރީ ހައްދައި، މެހެމާނުންނަށް މަރުހަބާ ކިޔުމުގައި އަވަދިނެތި އުޅޭއިރު އެ ދިރިއުޅުން އޭނާ ސިފަކުރަނީ ވަރަށް ހިތްގައިމު އަމިއްލަ ނަފްސަށް އުފާވެރިކަން ގެނެސްދޭ ދުޅަހެޔޮ ދިރިއުޅުމެއްގެ ގޮތުގައެވެ.

މާލިނީ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ ބޮމްބޭ ވައިކިންގްސްގެ މަޝްހޫރު ލަވަ "ކިޔާ ސޫރަތު ހޭ"އިންނެވެ. އޭގެ ފަހުން މީކާ ސިންގްގެ "ސާވަން މޭ ލަގްގައީ އާގް" ފަދަ މަގުބޫލު ވީޑިއޯތަކުން އޭނާ ވަނީ ފެނިފައެވެ. މޮޑެލްކުރުމުގައި ކުރިއަރަމުން ދަނިކޮށް 'ކެޓްސް'އިން ލިބުނު ފުރުސަތާ އެކު ފިލްމީ ދާއިރާގެ ދޮރުތައް މާލިނީއަށް ހުޅުވުނެވެ. ފިލްމީ ތަރިން ކަމަށްވާ ޑީނޯ މޯރިއާ އާއި ބިޕާޝާ މައިގަނޑު ރޯލްތައް ކުޅުނު ފިލްމު "ރާޒް" އަކީ އެގޮތުން ލިބުނު ފުރުސަތެކެވެ.

މި ބިރުވެރި ފިލްމު ބޮޑު ކާމިޔާބީއެއް ހޯދިއިރު، މާލިނީގެ ކެރެކްޓަރަކީ ބެލުންތެރިންގެ ހިތްތަކުގައި ބޮޑު ތަރުހީބެއް އުފެއްދި ރޯލެކެވެ. އެ ދުވަސްވަރު މާލިނީ ކައިވެނީގެ ގޮތުން ގުޅިގެން އުޅުނީ އެކްޓަރު ޕްރިޔަންޝޫ ޗެޓަޖީއާއެވެ. ނަމަވެސް މަދު އަހަރުތަކެއްގެ ތެރޭގައި އެ ކައިވެނި ރޫޅި، މާލިނީ މަޑުމަޑުން ފިލްމީ ދާއިރާއާ ދުރަށް ދާން ފެށިއެވެ.

މާލިނީ އެކްޓަރު ޑީނޯއާ އެކު ފިލްމު "ރާޒް"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ

ދެހާސް ވަނަ އަހަރު "އެންކައުންޓަ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ފަށަން އެންމެ 48 ގަޑިއިރަށް ވެފައި ވަނިކޮށް މާލިނީ އެ ފިލްމު ދޫކޮށްލިއެވެ. އޭނާ ބޭނުންވީ އެކްޓްކުރުމުގެ ބަދަލުގައި ކެމެރާގެ ފަހަތުގައި މަސައްކަތް ކުރާށެވެ. އޭގެ ފަހުން މާލިނީ މީޑިއާތަކުގެ ސަމާލުކަމުން ގެއްލުނު ނަމަވެސް، އޭނާ ދިޔައީ އަމިއްލަ މަސައްކަތެއް ބިނާކުރަމުންނެވެ.

މާލިނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަނީ އޭނާގެ މަޝްހޫރު ނަމަކުން ނޫނެވެ. އޭނާ ހިންގަނީ 'ދަ ސްލޯ ލޯކަލް' ނަމަކަށް ކިޔާ ޕްރޮޖެކްޓެކެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ފެށި މި މަސައްކަތުގެ ތެރެއިން އޭނާ ވަނީ އަމިއްލައަށް ތައްޔާރުކުރާ ކާނާއާއި، އެކި ވައްތަރުގެ ތެޔޮ، ޖޭމް، އަދި އަތްތެރި މަސައްކަތުގެ ސާމާނު ވިއްކައި، ތަފާތު ވޯކްޝޮޕްތައް ހިންގާފައެވެ.

މާލިނީ ހިންގާ ފާމްސްޓޭ ހުންނަނީ ޕޫނޭއާ ދެ ގަޑިއިރެއްހާ ދުރުގައެވެ. އޭނާ އެތަނުގައި އަމިއްލައަށް ތަރުކާރީ ހައްދައި، މެހެމާނުންނަށް ކާނާ ތައްޔާރުކޮށްދެއެވެ. އަމިއްލަ ކުޑަކުޑަ ޖަންގައްޔެއްގެ ގޮތުގައި އޭނާ ސިފަކުރާ މި ބިމަކީ ގުދުރަތީ ރީތިކަމުން މުއްސަނދި، އެތައް ބޭސްވެރި ގަސްތަކެއް ހިމެނޭ ތަނެކެވެ.

ބޮލީވުޑާ ދުރަށް ދިޔަ ސަބަބާ ބެހޭގޮތުން މާލިނީ މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ނަމަވެސް އޭނާގެ އިންސްޓަގްރާމްގައި ފޭނުން ކުރާ ސުވާލުތަކަށް ބައެއް ފަހަރު ޖަވާބުދެއެވެ. އެގޮތުން، އޭނާއަކީ "ރާޒް"ގެ މާލިނީކަން ކަށަވަރުކޮށްދީ، އޭނާގެ މިހާރުގެ ދިރިއުޅުމުގެ ކުޑަ މިންވަރެއް ހިއްސާކުރެއެވެ.

މާލިނީއަށް ތަރުހީބުކުރާ ފަރާތަކުން ބޮލީވުޑް ދޫކޮށްލެވުނީތީ ދެރަވޭތޯ އެހުމުން، އޭނާ ބުނީ ފިލްމީ ދާއިރާއާ ދުރަށް ނުދާ ކަމަށާއި ނަމަވެސް ވަގުތީގޮތުން އިންޑަސްޓްރީއާ ދުރަށްޖެހިލީ ކަމަށެވެ.

މާލިނީ އޭނާގެ އާ ވީޑިއޯ ސީރީޒް 'ދަ ސްލޯ ލޯކަލް ޑައިރީޒް' ފަށަމުން ބުނީ، މިއީ "ރާޒް" އަށްފަހު އޭނާ ކެމެރާއާ ކުރިމަތިލާ ފުރަތަމަ ފަހަރު ކަމަށެވެ.

comment ކޮމެންޓް