ޓޭލާގެ 'ރެޕިއުޓޭޝަން' އަކީ އާންމުންގެ މަލާމާތުން ދިފާއުވުމަށް ނެރުނު އަލްބަމެއް ކަމަށް ބުނެފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް--ފޮޓޯ/ވެރައިޓީ

ދުނިޔޭގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެތެރޭ ހިމެނޭ ޓޭލާ ސުވިފްޓްގެ އަލްބަމް 'ރެޕިއުޓޭޝަން' އަކީ އާންމުންގެ މަލާމާތާއި އޮޅުންއެރުވުންތަކުން ދިފާއުވުމަށް ނެރުނު އަލްބަމެއް ކަމަށް އޭނާ ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިހެން ބުނީ ރެކޯޑިންގް އެކަޑަމީގެ ސީއީއޯ ހާވީ މޭސަން ޖޫނިއާއާ އެކު މިއުޒިކީ ދާއިރާގައި ހޭދަކުރި 20 އަހަރުގެ ދަތުރާ ބެހޭގޮތުން ވާހަކަދައްކަމުންނެވެ.

ޓޭލާ ބުނި ގޮތުގައި، އޭނާގެ ފާހަގަކޮށްލެވޭ 'ރެޕިއުޓޭޝަން' އަލްބަމް އުފަންވީ އާންމުންގެ ފާޑުކިޔުންތަކާއި މަލާމާތް އޭނާއަށް އިންތިހާއަށް އަމާޒުވި ދުވަސްވަރެއްގައެވެ. މިއީ އޭނާގެ ހިތްހަމަނުޖެހުންތައް ލަވަތަކެއްގެ ސިފައިގައި ބޭރުކޮށްލުމަށް ލިބުނު ހިތްވަރަކަށްވި ކަމަށާއި، އެ އަލްބަމްގެ ލަވަތަކުން މަލާމާތާއި ދިފާއީ އުކުޅުތައް ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

'ދަ އައިކަން ސެޝަންސް ވިތު ޓޭލާ ސުވިފްޓް: އަ 20-އިޔަ ރެޓްރޯސްޕެކްޓިވް'ގައި ވާހަކަދައްކަމުން، އުމުރުން 36 އަހަރުގެ މި ފަންނާނު ވަނީ މިއުޒިކީ ދާއިރާގައި ހޭދަކުރި 20 އަހަރުގެ މައްޗަށް ބަލާލާފައެވެ. އޭނާ ބުނި ގޮތުގައި މިއީ ފުރާވަރުގެ ޅަފަތުގެ ޚިޔާލީ ވާހަކަތަކުން ފެށިގެން، އަމިއްލަ އިސްނެގުމާ އެކު އައު ތަޖުރިބާތަކަށް ކުރިމަތިލާ ފަންނާނަކަށް އޭނާ ބަދަލުވި ދަތުރުގެ ވާހަކަ ގެނެސްދޭނެ އަލްބަމެކެވެ.

ޓޭލާ ފިރިމީހާ ޓްރެވިސްއާ އެކު--ފޮޓޯ/ސްކްރީން

ސުވިފްޓް ބުނި ގޮތުގައި އެއީ އޭނާގެ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް، މީހުން ގަސްތުގައި އޭނާ ބުނާ އެއްޗެހި އޮޅުވާލައި، އޭނާގެ މަގުސަދުތަކާ މެދު ސުވާލު އުފެއްދި ދުވަސްވަރެކެވެ. މި ތަޖުރިބާ އަކީ އަމިއްލަ ދިރިއުޅުމުގަ އާއި ފަންނީ މަސައްކަތްތަކުގައި ވެސް ވަރަށް ދަތި އަދި ހުރަސްތަކެއް ކުރިމަތިވި ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާންމު މަޝްހޫރު މީހަކާ މެދު ނަފުރަތު ފެތުރިފައިވާ ދަނޑިވަޅެއްގައި، ކިތަންމެ އިހުލާސްތެރިކަމާ އެކު ޖަވާބުދާރީވި ނަމަވެސް، އެކަމަށް މީހުން މަލާމާތްކޮށް ކަންކަން އިތުރަށް ގޯސްވާކަމުގެ އިހުސާސް އަބަދުވެސް ކުރެވުނު ކަމަށް ޓޭލާ ވަނީ ބުނެފައެވެ.

މި ތަޖުރިބާގެ ސަބަބުން ލަވަތަކުގެ އިބާރާތްތަކަށް ބަދަލު އައި ކަމަށާއި، ސީދާކޮށް ބުނާ އިހުލާސްތެރި ބަސްތަކަކީ މަލާމާތްކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެދާނެކަން އޭނާއަށް ދަސްވި ކަމަށް މިއުޒިކީ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ ބުނެފައިވެއެވެ.

އެގޮތުން 2017 ވަނަ އަހަރު ނެރުނު 'ރެޕިއުޓޭޝަން' އަލްބަމަކީ އޭނާގެ ހަލަބޮލި ދިރިއުޅުމުގެ ދެ ފަރާތެއް ދައްކުވައިދޭ އަލްބަމެއް ކަމަށް ޓޭލާ ވަނީ ބުނެފައެވެ.

ލަވަލިޔުމަކީ ފަންނެއްގެ އިތުރުން އިހުސާސްތައް ރައްކާކުރާ ވަސީލަތެއް ކަމަށް ސުވިފްޓް ދެކެއެވެ. އޭނާ އަބަދުވެސް އޭނާގެ ސަޕޯޓަރުންގެ އަޑު އަހައި، އޭނާގެ އުފެއްދުންތެރިކަން ބޭނުންކޮށްގެން ދިރިއުޅުމުގެ ތަޖުރިބާތަކުން މާނަ ނެރެއެވެ.

މި ހަފުލާގައި އޭނާ ވަނީ 'އޯލް ޓޫ ވެލް' އަދި 'އޮގަސްޓް' ފަދަ މަޝްހޫރު ލަވަތަކެއް ހުށަހަޅާފައެވެ. މިއީ ޓްރެވިސް ކެލްސީއާ ކައިވެނިކުރުމަށްފަހު އޭނާ ބައިވެރިވި ފުރަތަމަ ހަރަކާތެވެ.

ސުވިފްޓް އިތުރަށް ބުނި ގޮތުގައި ލަވަލިޔުމަކީ ހަމައެކަނި އަމިއްލަ ސިއްރުތައް ހާމަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކިޔައިދޭ ވާހަކައަކުން ނުކުންނަ އަސަރާއި މަގުސަދަށް ސަމާލުކަން ދިނުން މުހިންމެވެ. އޭނާގެ ކާމިޔާބީގެ އަސްލަކީ ސަޕޯޓަރުން ކަމަށާއި، 'އޯލް ޓޫ ވެލް' އަދި 'ކްރޫއަލް ސަމަ' ފަދަ ލަވަތަކަށް ދިރުން ލިބުނީ ސަޕޯޓަރުންގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށް ޓޭލާ ވަނީ ބުނެފައެވެ.

comment ކޮމެންޓް