އިންޑިއާގެ ހޮޓަލުން ބައްދަލުވި މުވައްޒަފު އެންމެފަހުން ހަޔާތުގެ ބައިވެރިޔާއަށް

ޓައިވާނުގެ އެކްޓަރު ޗެންގް ޗަންގް ފޭން އަދި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އިންޑިއާގެ ޒުވާނާ--ފޮޓޯ/އިންޑިއާޓުޑޭ

ޓައިވާނުގެ އެކްޓަރެއް ކަމަށްވާ ޗެންގް ޗަންގް ފޭން އާއި އިންޑިއާއަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކާ އެކު މި ދެ ޒުވާނުންނަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި ދެ ޒުވާނުންނަށް ގިނަ ބައެއްގެ ސަމާލުކަން ލިބެންފެށީ ޗެންގް، އިންޑިއާގެ މި އަންހެން ކުއްޖާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރުމުންނެވެ. އިންޑިއާގެ ހޮޓަލަކުން މި ދެ ޒުވާނުން ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން، އެ ދެމެދުގައި ގުޅުމެއް އޮންނަކަމަށް ސަޕޯޓަރުން ބުނަމުންދިޔަ ނަމަވެސް، އެއިން އެއްވެސް މީހަކު އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރު ޗެންގް އިންޑިއާއަށް ކުރި ދަތުރެއްގައެވެ. ހޮޓަލަށް އޭނާ ދިޔުމުން، އަންހެން މުވައްޒަފަކު ވަނީ އިންޑިއާގެ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ގެންގުޅޭ ސަގާފީ އާދަކާދަތަކާ އެކުމަރުހަބާ ކިޔާފައެވެ. އެ ވަގުތު ޗެންގް އެ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރި ގޮތުން، އެއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ފަދަ "ފުރަތަމަ ނަޒަރުން އުފެދުނު ލޯތްބެއް" ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ޓައިވާނުގެ އެކްޓަރު ޗެންގް ޗަންގް ފޭން އަދި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އިންޑިއާގެ ޒުވާނާ ހޮޓަލުން ފުރަތަމަ ބައްދަލުވި ދުވަހުގެ ފޮޓޯއެއް--ފޮޓޯ/އިންޑިއާޓުޑޭ

އޭގެ އަހަރެއް ފަހުން، ޗެންގް އެ އަންހެން ކުއްޖާއާ އެކު ވަގުތު ހޭދަކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް އިންސްޓަގްރާމުން ފެނުމުން އެ ވާހަކަތަކުގެ އަޑު އިތުރަށް ވަނީ ގަދަވެފައެވެ.

އަދި ބައެއް މީހުން މި ވާހަކަ އިންޑިއާގެ ކުރީގެ ކެޕްޓަން އެމްއެސް ދޯނީ އާއި އޭނާގެ އަންހެނުން ސާކްޝީގެ ލޯބީގެ ވާހަކައާވެސް އަޅާކިޔާފައިވެއެވެ. އެ ދެމީހުންގެ ބައްދަލުވުންވެސް ފުރަތަމަ ފެށުނީ ހޮޓަލަކުންނެވެ.

އެ ފޮޓޯތައް އަމިއްލަ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރަމުން ޗެންގް ބުނީ، އިންޑިއާގެ އަންހެނުންގެ އެންމެ ފުރިހަމަ ސިފައަކީ އެ މީހުންނަށް ލިބިފައިވާ ރީތި ސިފަ އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ މީހުންނަކީ، ނުހަނު ލޯތްބާއި، އޯގާތެރިކަމާއި، ހިތްހަމަޖެހުމާ އެކު ހިނިތުންވާ ބައެއް ކަމަށާއި އެމީހުންގެ ކިބައިގައި އަބަދުވެސް މަޑުމޮޅިކަން ހުންނަ ކަމަށް ޗެންގް ވަނީ ބުނެފައެވެ.

މީގެއިތުރުން މެހެމާނުންނަށް މަރުހަބާ ކިޔުމުގައި އިންޑިއާ މީހުން ގެންގުޅޭ ހިތްހެޔޮކަމާއި އިހުލާސްތެރިކަމުގެ ސަބަބުން ބީރައްޓެހިންނަށްވެސް އެއީ ގާތް ބައެއްގެ ގޮތުގައި އިހުސާސްކުރެވޭ ކަމަށް ޗެންގް ވަނީ ފާހަގަކޮށްފައެވެ.

ޗެންގް ޗުއްޓީ ހޭދަކޮށްލަން މަޑުކޮށްލި ހޮޓަލަށް ވަން ފުރަތަމަ ދުވަހުވެސް އެކަން އިހުސާސްކުރެވުނު ކަމަށާއި އެއީ ހަމަ ހަގީގަތުގައިވެސް އޭނާއަށް ލިބުނު ނަސީބެއް ކަމަށް ޗެންގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

މި ދެ ޒުވާނުންނަށް އާއްމުންގެ މިހާ ބޮޑު ސަމާލުކަމެއް ލިބިފައިވީ ނަމަވެސް، އެ އަންހެން ކުއްޖާއަކީ ޗެންގްގެ ލޯބިވެރިޔާ ކަމެއް އޭނާ ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

އެ އަންހެން ކުއްޖާވެސް މިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާއިރު އެ ކުއްޖާގެ ވަނަވަރު ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، މިއީ އަދިވެސް ހަމައެކަނި ފެތުރެމުންދާ އަޑުތަކެއް ކަމަށް ބެލެވިދާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން، މި ފޮޓޯތަކާއި ވީޑިއޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއް ނޫންކަން ޔަގީންކުރެވޭނެ ގޮތެއްވެސް ނެތެވެ.

ޓައިޕޭއަށް އުފަން ޗެންގް ޗަންގް ފޭން އަކީ ޔުނިވަސިޓީ އޮފް ދި އާޓްސް ލަންޑަނުން ތައުލީމު ހާސިލުކޮށްފައިވާ، ފެޝަން އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނެކެވެ.

އޭނާ ވަނީ 2020 ވަނަ އަހަރުގެ ޑްރާމާ "ކްރޭވިންގް ޔޫ"ގައި ކިޔާންގެ ރޯލު ކުޅެފައެވެ. އަދި 2022 ވަނަ އަހަރު "އެއިންޓް ނަތިންގް"ގެ ނަމުގައި އަމިއްލަ ލަވައެއްވެސް ނެރެފައިވެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު