އިންސާނުންގެ އަތްތަކެކޭ އެއްގޮތަށް ހަރަކާތްކުރާ ރޮބޮޓިކް އަތްތަކެއް އުފައްދަނީ

ލިންކާބޮޓުން މަސައްކަތް ކުރަމުންދަނީ އެންމެ މޮޅު ފަންނުވެރިއެއްގެ ހުނަރު ރޮބޮޓިކް އަތްތަކަށް ގެނެސްދިނުމަށް ---

އިންސާނުންގެ އަތްތަކެކޭ އެއްފަދައިން ނާޒުކު އަދި ހުނަރުވެރި ހަރަކާތްތައް ކުރެވޭނެ އަގުހެޔޮ ރޮބޮޓިކް އަތްތަކެއް، ޗައިނާގެ ވެރިރަށް ބެއިޖިންގަށް ނިސްބަތްވާ ސްޓާޓްއަޕެއް ކަމަށްވާ ލިންކާބޮޓުން އުފައްދަން ފަށައިފިއެވެ.

މިއީ ހިއުމަނޮއިޑް ރޮބޮޓްތަކަށާއި ސިނާއީ ރޮބޮޓްތަކަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ގެނެސްދޭނެ އުފެއްދުމެއްކަމަށް ދިރާސާވެރިން ބުނެއެވެ.

ޓެސްލާގެ އޮޕްޓިމަސް ރޮބޮޓަށް ހިނގުމުގެ ގާބިލުކަން ލިބިފައިވީ ނަމަވެސް، އިންސާނެއްގެ އަތް ފަދައިން ހަރަކާތްކުރާ ހާޑްވެއާ އަދި ސޮފްޓްވެއާ އުފެއްދުމަކީ ރޮބޮޓިކްސް ދާއިރާގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ޓެސްލާގެ ވެރިޔާ އީލޮން މަސްކް ވަނީ މިދިޔަ އަހަރު ލޮސް އެންޖެލިސްގައި ބޭއްވި އޯލް-އިން ސަމިޓުގައި ފާހަގަކޮށްފައެވެ.

އުމުރުން 40 އަހަރުގެ އެލެކްސް ޒޯ 2023 ވަނަ އަހަރު އުފެއްދި ލިންކާބޮޓުން މަސައްކަތް ކުރަމުންދަނީ އެންމެ މޮޅު ފަންނުވެރިއެއްގެ ހުނަރު ރޮބޮޓިކް އަތްތަކަށް ގެނެސްދިނުމަށެވެ.

ފަސް އިނގިލި ހިމެނޭ މި އަތްތަކަކީ މިހާރުވެސް ޗައިނާގެ ފެކްޓްރީތަކުގައި ތަކެތި ހިފެހެއްޓުމަށާއި އެކި ބައިތައް ގުޅުވުމަށް ބޭނުންކުރަމުންދާ އެއްޗެހި ކަމަށްވާއިރު، އެ ކުންފުނީގެ ދެން އޮތް އަމާޒަކީ ކެއްކުމާއި ސާފުކުރުން ފަދަ ގޭތެރޭގެ މަސައްކަތްތަކަށް މި އަތްތައް ފައްކާކުރުމެވެ.

ލިންކާބޮޓުން ރޮބޮޓްގެ ހުރިހާ ބައިތަކެއް އަމިއްލައަށް އުފައްދާތީ އެ ކުންފުންޏަށް އަގުތައް ވަރަށް ބޮޑަށް ހެޔޮކުރެވޭ ----

އެންޓް ގްރޫޕާއި އެޗްއެސްޖީ އަދި ސީއައިސީސީ ކެޕިޓަލް ފަދަ ބޮޑެތި އިންވެސްޓަރުންގެ އެހީއާއެކު އެޕްރީލް މަހު ނިންމާލި ސީރީޒް ބީ-ޕްލަސް ފަންޑިން ބުރަށްފަހު، މި ކުންފުނީގެ އަގު ވަނީ 3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ކުންފުނީގެ %31 ހިއްސާ އޮންނަ ޒޯ، މިހާރު ދަނީ 6 ބިލިއަން ޑޮލަރުގެ ވެލިއުއޭޝަނަކަށް އަމާޒުކޮށް އިތުރު އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި 2027 ވަނަ އަހަރު ހޮންކޮންގް ސްޓޮކް އެކްސްޗޭންޖުގައި ކުންފުނި ލިސްޓުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިވަގުތު ލިންކާބޮޓްގެ ޕޯޓްފޯލިއޯގައި 6,666 ޔުއާން (980 ޑޮލަރު) އާއި 99,999 ޔުއާން (14,700 ޑޮލަރު) އާ ދެމެދުގެ އަގުތަކެއްގެ ހަ މޮޑެލެއް ހިމެނެއެވެ. މީގެ ތެރެއިން އެންމެ އަގުހެޔޮ '06' މޮޑެލުން ސްމާޓްފޯން ފަދަ ތަކެތީގައި ހިފެހެއްޓޭއިރު، އެންމެ އަގުބޮޑު 'އެލް30' މޮޑެލްގެ ކޮންމެ އިނގިއްޔަކާއި ހުޅެއް ވަކިން ހަރަކާތްކޮށް، ދަތި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުދި އިސްކުރު ނެގުން ފަދަ ބުރަ މަސައްކަތްތައް ކުރެވެއެވެ. އެންމެ ގިނައިން ވިކޭ 49,999 ޔުއާންގެ 'އެލް20' މޮޑެލަކީ ފުޅީގެ މަތި ނެގުމާއި، އިސްކުރު ބާރުކުރުމާއި، ތަށި ފަދަ ތަކެތި ހިފެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ މޮޑެލެކެވެ.

ވާދަވެރި އެހެން ކުންފުނިތަކާ ޚިލާފަށް ލިންކާބޮޓުން ގާތްގަނޑަކަށް ހުރިހާ ބައިތަކެއް އަމިއްލައަށް އުފައްދާތީ އެ ކުންފުންޏަށް އަގުތައް ވަރަށް ބޮޑަށް ހެޔޮކުރެވެއެވެ. މިސާލަކަށް ސިންގަޕޫރުގެ ޝާޕާ ކުންފުނީގެ 'ވޭވް' އަތެއް 50,000 ޑޮލަރަށް އަދި ލަންޑަންގެ ޝެޑޯ ރޮބޮޓްގެ އަތެއް 125,000 ޑޮލަރަށް ވިއްކާއިރު، ލިންކާބޮޓްގެ އަގުތައް މާ ބޮޑަށްވެސް ހެވެވެ.

ބެއިޖިންގައި އޮގަސްޓް މަހު ހުޅުވި އައު ޕްރޮޑަކްޝަން ލައިނާއެކު ޗައިނާގައި އެ ކުންފުނީގެ ފެކްޓްރީތަކުގެ އަދަދު ހަތަރަކަށް އަރާފައިވާއިރު، އަހަރަކު 100,000 އަތް އުފެއްދުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރޮބޮޓިކް ދެ އަތުގެ ހާޑްވެއާގެ އަގު 100 ޑޮލަރަށް ނުވަތަ 500 ޔުއާން (75 ޑޮލަރު) އަށް ދަށްކުރުމެވެ.

ކުންފުނީގެ ކަސްޓަމަރުންގެ ތެރޭގައި އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީއާއި ބެއިޖިންގެ ސިންހުއާ ޔުނިވާސިޓީގެ އިތުރުން ސެމްސަންގް އަދި ސީމެންސް ހިމެނެއެވެ. އަދި މަސައްކަތްތެރިން މަދުވަމުންދާތީ ޗައިނާގެ ކާބޯތަކެތި ތައްޔާރުކުރާ ކުންފުންޏެއް ކަމަށްވާ ގިއަންވެއިޔަންޗޫ ފުޑް ފަދަ ކުންފުނިތަކުންވެސް ދަނީ މި އަތްތައް ބޭނުންކުރަމުންނެވެ.

ހާޑްވެއާގެ އިތުރުން ލިންކާބޮޓުން ވަނީ 'ލިންކާސްކިލްނެޓް' ގެ ނަމުގައި 500 އަށްވުރެ ގިނަ ހުނަރު ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ޑޭޓާބޭސް އުފައްދާފައެވެ. މީގެއިތުރުން އަނގަބަހުން ދޭ އަމުރުތަކަށް ބޯލަނބާ 'ލިންކާ ޖެނެސިސް' ގެ ނަމުގައި އޭއައި މޮޑެލެއް ތަރައްގީކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ޓްރަމްޕްގެ ސަރުކާރުން ޖުލައި މަހުގެ ފަހުކޮޅު ޗައިނާގެ ބައެއް ހިއުމަނޮއިޑް ރޮބޮޓްތައް އެމެރިކާއަށް އެތެރެކުރުން މަނާކުރި ނަމަވެސް، މި ފިޔަވަޅުގެ އަސަރު ރޮބޮޓިކް އަތް އުފައްދާ ކުންފުނިތަކަށް ކޮށްފައި ނުވާކަމަށް ލިންކާބޮޓުން ބުނެއެވެ.

ޒޯ ގެ އަމާޒަކީ އޭއައި ދާއިރާގައި އެންވީޑިއާ އިން އަދާކުރާ މުހިންމު ދައުރު ފަދައިން، މުޅި ރޮބޮޓިކްސް ސިނާއަތަށް އެންމެ މުހިންމު ބައިތައް ފޯރުކޮށްދޭ މައި ކުންފުންޏަކަށް ލިންކާބޮޓް ހެދުމެވެ.

comment ކޮމެންޓް