އެމެރިކާގެ މަޝްހޫރު ކަންޓްރީ މިއުޒިކް ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، އުމުރުން 80 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
އޭނާގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޑޮލީ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، ވެންޑަބިލްޓް-އިންގްރަމް ކެންސާ ސެންޓަރުގައެވެ. އޭނާ މަރުވިއިރު ގާތުގައި އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިން ތިބި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޑޮލީގެ އާއިލާއިން ބުނި ގޮތުގައި، އޭނާގެ ޖަނާޒާ ކުރިއަށް ގެންދާނީ ހަމައެކަނި އާއިލާގެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް ވަރަށް އާދައިގެ ގޮތަކަށެވެ. ފަހަކަށް އައިސް ޑޮލީއަށް ވަނީ ސިއްހީ އެކި މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ކިޑްނީގައި ހިލަ އުފެދުމާއި، ދިފާއީ ނިޒާމުގެ މައްސަލަތަކުގެ އިތުރުން ހަށިގަނޑުން ފެން މަދުވުމުގެ މައްސަލަތައް ހިމެނެއެވެ. މި ސަބަބުތަކާ ހުރެ އޭނާ ވަނީ ލަސް ވެގަސްގައި ބާއްވަން ހަމަޖެހިފައި އޮތް ޝޯތަކެއް ވެސް ފަސްކޮށްފައެވެ.
މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު އުމުރުން 82 އަހަރުގައި އޭނާގެ ފިރިމީހާ ކާލް ޑީން މަރުވުމާ ގުޅިގެން، ޑޮލީގެ ސިއްހަތަށް އިތުރު އަސަރުތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑޮލީ މަރުވުމާ ގުޅިގެން މިއުޒިކީ ދާއިރާގެ ގިނަ ފަންނާނުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ބުނި ގޮތުގައި، ޑޮލީ ނެތް ދުނިޔެއެއް ތަސައްވުރު ކުރަން ވެސް ދަތިކަމަށާއި، އޭނާއަކީ އަބަދުވެސް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތެއް ކަމަށެވެ. އަދި ސެލީން ޑިއޯން ވެސް ވަނީ ޑޮލީގެ ހިތްހެޔޮކަމާއި ދީލަތިކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން، ޑިއޯން ވޯވިކް ބުނި ގޮތުގައި އޭނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ރީބާ މެކްއެންޓަޔާ ބުނި ގޮތުގައި ޑޮލީ ވަނީ އޭނާގެ ހިތްހެޔޮކަމާއެކު ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޓޮމް ޖޯންސް ބުނި ގޮތުގައި ޑޮލީ މަރުވުމުން ބޮޑު ހުސްކަމެއް ވަނީ އިހުސާސްކުރެވެން ފަށާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ އެތައް މިލިއަން ބަޔަކަށް ލިބުނު ފުން ހިތާމައެކެވެ. އަދި ޑޮލީގެ ހަނދާނުގައި އެއް ހަފުތާ ވަންދެން އެމެރިކާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ އަންގަވައިފައެވެ. އެމެރިކާގެ އެކި މުޖުތަމައުތަކުން އަންނަނީ ޑޮލީގެ ހަނދާންތައް އާކުރަމުންނެވެ.
މިއުޒިކީ ރޮނގުން ޑޮލީ ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން، އޭނާއަކީ އިންސާނިއްޔަތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. ޑޮލީވުޑް ފައުންޑޭޝަންގެ ދަށުން ހިންގާ "އިމޭޖިނޭޝަން ލައިބްރަރީ" ޕްރޮގްރާމް މެދުވެރިކޮށް، އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައިވާ ކުޑަކުދިންނަށް 300 މިލިއަނަށް ވުރެ ގިނަ ފޮތް ވަނީ ހިލޭ ބަހާފައެވެ. މީގެ އިތުރުން، ޑޮލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބްރޯޑްވޭ މިއުޒިކަލް "ޑޮލީ: އަ ޓްރޫ އޮރިޖިނަލް މިއުޒިކަލް" ގެ ޕްރިވިއު ޝޯތައް މި އަހަރުގެ ޑިސެންބަރު ހަތެއްގައި ނިއުޔޯކްގެ ސެންޓް ޖޭމްސް ތިއޭޓަރުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޝޯ ރަސްމީކޮށް ހުޅުވުމަށް ތާވަލުކޮށްފައިވަނީ ޑޮލީގެ 81 ވަނަ އުފަންދުވަސް ކަމަށްވާ 2027 ވަނަ އަހަރުގެ ޖެނުއަރީ 19 ގައެވެ.