މާފަރު އެއާޕޯޓް މައްސަލައިގައި ދައުލަތުން ނެގި އިޖުރާއީ އިއުތިރާޒު ހައިކޯޓުން ބޭރުކޮށްލައިފި

މާފަރު އެއާޕޯޓް

ނ. މާފަރުގައި އެއާޕޯޓަކާއި ރީޖަނަލް ޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން ހުށަހެޅި އިސްތިއުނާފާ ގުޅިގެން ދައުލަތުގެ ފަރާތުން ނެގި އިޖުރާއީ އިއުތިރާޒު ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު ހަތެއްގައި ސަރުކާރާއި މިލޭނިއަމް ކެޕިޓަލްއާ ދެމެދު ވެވުނު އެއްބަސްވުން ދައުލަތުން ބާތިލުކުރުމާ ގުޅިގެން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 475.7 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅޭ މައްސަލައެކެވެ.

ސިވިލް ކޯޓުން ނިންމާފައި ވަނީ ދައުލަތުން އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށާއި އެހެންކަމުން ބަދަލު ދޭންޖެހޭނެ ތަނެއް ނެތް ކަމަށެވެ. އެ ނިންމުން މިލޭނިއަމް ކެޕިޓަލްއިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މައްސަލައިގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒުގައި ބުނެފައިވަނީ، މިލޭނިއަމް ކެޕިޓަލްގެ އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ، އިސްތިއުނާފީ އޮޅިގަނޑު ގިރާކޮށްފައިނުވާ މައްސަލައެއް ކަމަށެވެ.

އެހެންކަމުން މުޅި އިސްތިއުނާފު ބާތިލުކޮށްދިނުމަށް ދައުލަތުން އެދެއެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުން ނިންމެވީ ދައުލަތުގެ މި އިއުތިރާޒު ބަލައިގަނެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ މިންގަނޑުތަކަށް ފެތޭ ނުކުތާތަކެކެވެ. އަދި އެ ނުކުތާތަކާ މެދު ގޮތެއް ނިންމޭނީ މައްސަލައިގެ މައުޟޫއީ އަޑުއެހުންތަކުގައި ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުސަތު ދީގެން ކަމަށްވާތީ، މިއީ އިޖުރާއީ މަރުހަލާގައި ބާތިލުކުރެވޭނެ މައްސަލައެއް ނޫން ކަމަށް މިއަދު ހައިކޯޓުން ކަނޑައެޅިއެވެ.

މި މައްސަލައިގައި ހިމެނޭ ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ވެސް ވަނީ ދައުލަތުގެ އިއުތިރާޒު ބަލައިނުގަތުމަށް ތާއީދުކުރައްވާފައެވެ. ފަނޑިޔާރު މާނިޢު ފާހަގަކުރެއްވީ، އިސްތިއުނާފީ ނުކުތާތަކުގެ ބުރަދަނާމެދު ސުވާލު އުފައްދައި އިޖުރާއީ އިއުތިރާޒެއް ނެގުމަކީ ޤާނޫނީ ގޮތުން ރަނގަޅު އަސާސެއް އޮތް ކަމެއް ނޫން ކަމަށެވެ.

ހައިކޯޓުގެ މި ނިންމުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިސްތިއުނާފު މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް އަންގައި، މައްސަލައިގެ މައުޟޫއީ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް