ކުޑައިރު ކިޔާ އުޅުނު ވާހަކައެއް މިއަދު ހަނދާނަށް އަތުވެއްޖެއެވެ. އަލްމަރުޙޫމް މުޙަންމަދު ޖަމީލުދީދީ ވެސް ދިވެހި ބަހުން މި ވާހަކަ ލިޔުއްވައިފައިވެއެވެ. ބޭރުގެ ބަސްބަހުން ވެސް މި ވާހަކަ ވަރަށް ގިނައިން ލިޔެފައި ހުއްޓާ ދުށީމެވެ. ހަނދާންވާ ގޮތުން އެ ވާހަކައިގައި އޮންނަނީ ކޮންމެ ދުވަހަކު ރަންބިހެއް އަޅާ އަސްދޫންޏެއް ފަގީރު ދަނޑުވެރިއަކަށް ލިބިގެން އެއިން މަންފާ ހޯދާ އޭނާ ތަނަވަސްކަމުގެ ދިރިއުޅުމެއް އުޅޭން ފެށި ވާހަކައެވެ. އެހެނަސް ތަނަވަސްކަން ލިބުނީމާ، ހިތަށް ވަން ދަހިވެތިކަމެއްގެ ސަބަބުން ކޮންމެ ދުވަހަކު އަސްދޫނި އަޅާ ރަން ބިހުގެ ބަދަލުގައި އަސްދޫނި ބަނޑުގައި ހުރި ހުރިހާ ރަންބިހެއް ނަގަން ވެގެން އަސްދޫނި ކަތިލީއެވެ. ނަތީޖާއަކީ، ބަނޑުގައި އެންމެ ރަންބިހެއް ވެސް ނެތި، ދާއިމީކޮށް ކޮންމެ ދުވަހަކު ލިބެމުން ދިޔަ ރަން ބިސް ވެސް ނުލިބޭ ގޮތް ވުމެވެ.
މިއަދު ދިވެހިރާއްޖޭގެ ބައެއް ކަންކަން ހިނގަމުން ދާ ގޮތުން، ރަން ބިސް އަޅަމުން ދިޔަ އަސްދޫންޏަށް ވީ ގޮތް ވާންއުޅޭކަމުގެ އަލާމާތްތަކެއް ފެންނާން ފަށައިފިއެވެ. ދިވެހި ފަތުރުވެރިކަމަކީ ރަން ބިސް އަޅާ ކުކުޅުގެ މިސާލުން މިސާލުޖަހައިގެން ވާހަކަދައްކާތީ، ދިވެހި ހަރު މީހުން ކިޔައިދެމުން އައި "ރަން ބިސްއަޅާ ކުކުޅު" ގެ ވާހަކަ ހަނދާނަށް އައީއެވެ. އަމިއްލަ ވިޔަފާރިވެރިންގެ ބުރަ މަސައްކަތާއި ދާ އޮހޮރުވައިގެން ނަގާ ކޮޅަށް ޖަހައިފައިވާ ފަތުރުވެރިކަމުން ސަރުކާރަށް ދައްކަންޖެހޭ ބައި ދިޔައީ ބަރާބަރަށް ދައްކަމުންނެވެ. އެ ދުވަސްވަރަކަށް ބޭނުން ޖެހޭ ކޮންމެ މިންވަރެއް އެއިރަކު ސަރުކާރުގައި ތިބި ބަޔަކު ނިންމި ގޮތަކަށް ދިޔައީ ސަރުކާރަށް ދައްކަމުންނެވެ. ފޯރާފަހަރާއި ނުފޯރާ ފަހަރު ވެސް ދިޔައީ ސަރުކާރަށް ދައްކަންޖެހޭ ބައި ދައްކަމުންނެވެ. އެހެނަސް މިހާރު ވެގެން މި އުޅެނީ ތަފާތު ގޮތެކެވެ.
ޝައްކެއް ވެސް ނެތެވެ. ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިބަދައަކީ ފަތުރުވެރިކަމެވެ. ދައުލަތުގެ ހުރިހާ ޚަރަދެއް ފޫބެއްދުމަށް އެންމެ ބޮޑަށް ބަރޯސާވަނީ މި ސިނާއަތުން ލިބޭ ބޭރު ފައިސާގެ އާމްދަނީއަށެވެ. ނަމަވެސް، ފަހަކަށް އައިސް ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުސްތައް އެތައް ގުނައަކުން އިތުރުކުރުމާއި، ބޭރު ފައިސާ މާރުކުރުމަށް މަޖުބޫރުކުރާ އާ އުސޫލުތަކާ ގުޅިގެން، މުޅި ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ކަންބޮޑުވުމާއި ބިރު ވަނީ އުފެދިފައެވެ. ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ރިޒާވް މަތިކުރުމާއި ދަރަނި އަދާކުރުން ކަމަށް ވިޔަސް، ކުއްލިއަކަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި، އިންވެސްޓަރުންނަށާއި އާދައިގެ މުވައްޒަފުންނަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު އެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ރާއްޖެއަށް 2.25 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ހިފަހައްޓަނީ ސީދާ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ފައިސާއިންނެވެ. މިސާލަކަށް، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު އެކަނި ވެސް މީރާއަށް ލިބުނު 3.24 ބިލިއަން ރުފިޔާގެ ތެރެއިން 53.2 އިންސައްތައަކީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ)އެވެ. އަދި 16 އިންސައްތައަކީ ރިސޯޓުތަކުގެ ބިމު ކުއްޔެވެ. މީގެ އިތުރުން، ގްރީން ޓެކުހާއި އެއަރޕޯޓު ޓެކުސް ފަދަ ފީތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެމުންދެއެވެ. މިއިން އެނގެނީ ސަރުކާރުގެ ބަޖެޓުގެ ބޮޑު ބައެއް ބިނާވެފައިވަނީ މި ދެންނެވި ފައިސާގެ މައްޗައްކަމެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ޚަރަދުކުރުމަށް ނަގާ ގްރީން ޓެކުސް ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދެގުނައަށް ބޮޑުކޮށްފައެވެ. ކުރިން ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ރެޔަކަށް 6 ޑޮލަރު ނަގަމުން އައި ނަމަވެސް، މިހާރު އެ އަދަދު ވަނީ 12 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރިއަށް ވުރެ މަދު ގެސްޓްހައުސްތަކުން ނަގަމުން އައި 3 ޑޮލަރު ވަނީ 6 ޑޮލަރަށް އިތުރުކޮށްފައެވެ. މިއީ ފަތުރުވެރިންގެ ޖުމްލަ ޚަރަދަށް އިތުރުވާ ބޮޑު އަދަދެކެވެ.އަދި މި އަދަދުތައް ބޮޑުކުރި ފަހުން މިވީ އެންމެ އަހަރެކެވެ. މި ސަރުކާރު އައުމަށް ފަހު އެ ކަންވެސް ކުރީ މި ވިޔާފާރީގައި އުޅޭ މީހުން އެކަމަށް އެންމެ ރުހިގެނެއް ނޫނެވެ. އެހެނަސް ސަރުކާރުން އެ ގޮތަށް ނިންމީމާ އެކަމަށް ވެސް އެ ތިބީ ބޯލަބައިގެންނެވެ.
ވައިގެ ބަނދަރު ތަރައްގީކުރުމަށް ކުރާ ބޮޑެތި ޚަރަދުތައް ފޫބެއްދުމަށް ނަގާ އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުސް ވެސް ވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ބިދޭސީން އިކޮނޮމީ ކްލާހުގައި ދަތުރުކުރާނަމަ ކުރިން ނެގި 30 ޑޮލަރުގެ ބަދަލުގައި މިހާރު 50 ޑޮލަރު ނަގާއިރު، ބިޒްނަސް ކްލާހުން 120 ޑޮލަރު އަދި ފަސްޓް ކްލާހުން 240 ޑޮލަރު ނަގައެވެ. ޕްރައިވެޓް ޖެޓުތަކުގައި ފުރާ މީހުންގެ އަތުން ނަގާ އަދަދު ވަނީ 480 ޑޮލަރަށް ބޮޑުކޮށްފައެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރު އެކަނިވެސް އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ފަހަރު ވެސް އަސްދޫނީގެ ބަނޑަށް ފިތައިލައިގެން ރަން ބިސް އަޅަން އޮތް ގަޑިއަށް ވުރެ އަވަސްކޮށްލީއެވެ. ނުވަތަ އަޅާ ބިހަށް ވުރެ ބިސް ބޮޑުކޮށްލީއެވެ. އަސްދޫނީގެ ހަށްޓަށް އަންނަމުންދާ ބަދަލު ދިރާސާއެއް ނުކުރެއެވެ.
މި ދެންނެވި ޓެކުސްތަކުގެ އިތުރުން، ފަތުރުވެރިން ނިދާ ކޮންމެ އެނދަކުންނާއި ހޯދާ ޚިދުމަތްތަކުން ނަގާ ޓީޖީއެސްޓީ ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކޮށްފައެވެ. ހަމައެހެންމެ، ފަތުރުވެރިކަން ކުރާ ރިސޯޓުތަކުން ރަށުގެ ކުލީގެ ގޮތުގައި ބޮޑު އަދަދެއް ސަރުކާރަށް ދައްކަން ޖެހެއެވެ. ރަށުގެ ބޮޑުމިނާއި ސަރަހައްދަށް ބަލައި، އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް ކުލީގެ ގޮތުގައި ދައްކަންޖެހެއެވެ. އަލަށް ދޫކުރާ ބޮޑެތި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2.1 މިލިއަން ޑޮލަރު ފަދަ ބޮޑެތި އަދަދުތައް ވެސް ދައްކަންޖެހެނީ ހަމަ ރިސޯޓު އޯނަރުންނަށެވެ. މިއީ ރިސޯޓު ހިންގާ ފަރާތްތަކަށް އޮތް ބޮޑު މާލީ ބުރައެކެވެ. މިކަންކަމާ ނުވިސްނާ ތިބެ، އަނެއްކާ ވެސް އަސްދޫނީގެ ބަނޑު ފަޅަން ވަޅި ތޫނުކުރަމުން ދިއުމަކީ ހިތާމަހުރިކަމެކެވެ.
މިހާރު އަލަށް ތައާރަފުކުރަން އުޅޭ ކަމަށް ބުނާ އަނެއް ޓެކުހަކީ ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކުހެކެވެ. މިއީ ސިނާއަތަށް ނުރައްކާ ބޮޑުވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ގިނަ ރިސޯޓުތަކުން ހުންނަނީ އެއް އަހަރު ނުވަތަ ދެ އަހަރު ކުރިއާލައި ކޮޓަރިތައް ޓުއަރ އޮޕަރޭޓަރުންނަށް ވަކި އަގެއްގައި ވިއްކަން އެއްބަސްވެފައެވެ. ނުވަތަ ވިއްކާފައެވެ. އަދި ޓުއަރ އޮޕަރޭޓަރުން ހުންނަނީ ފަތުރުވެރިންނަށް އެ ކޮޓަރިތައް އިސްތިހާރުކޮށް ވިއްކައި ފައިސާ ނަގާފައެވެ. މިހާރު ކުއްލިއަކަށް މިފަދަ ޓެކުހެއް ތައާރަފުކޮށްފިނަމަ، ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ފައިސާއާއި ޚަރަދުގެ ގޮތުގައި ދެކޮޅެއް ނުޖެހޭނެއެވެ. ޓުއަރ އޮޕަރޭޓަރުންަށް ލިބޭ ގެއްލުން ފޫބެއްދުމަށް ރިސޯޓުތަކަށް ޕްރެޝަރުކުރާނެކަން އެއީ ކަށަވަރުކަމެކެވެ. އޭގެ ނަތީޖާއަކީ، ރާއްޖެއަށް ފަތުރުވެރިން ފޮނުވުން މަދުކޮށްފައި މި ފަދަ އެހެން މަންޒިލުތަކަށް ފަތުރުވެރީން ފޮނުވަން ފެށުމެވެ.
ޓެކުހުގެ ބުރައިގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންނަން އުޅޭ ބޭރު ފައިސާގެ ގަވާއިދުގެ ސަބަބުން ރިސޯޓުތަކަށް ވަނީ ބޮޑު ހާސްކަމަކާ ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މީގެ ދެ ދުވަހެއް ކުރީން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގާނޫނީ އިސްލާހެއް ސަރުކާރުން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެއެވެ. މީގެ ކުރިން އޮތީ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތް މާރުކުރުމުގެ އުސޫލެކެވެ. ނަމަވެސް ކުއްލިއަކަށް ގެންނަން ނިންމި އާ އިސްލާހުގެ ދަށުން ސީދާ 40 އިންސައްތަ ކޮންމެ މަހަކު މާރުކުރަން ޖެހޭނެއެވެ. މިއަދު އެ ވަނީ އެ އިސްލާހު, ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނި ގޮތުގައި، މި 40 އިންސައްތަ މާރުކުރާ އުސޫލަކީ ރިސޯޓުތަކަށް އަމަލުކުރެވޭނެ އުސޫލެއް ނޫނެވެ. ރިސޯޓުތަކުން ތެލަށާއި، ބޭރުގެ ލޯނުތަކަށާއި، ރަށު ކުއްޔަށާއި، މުދާ އެތެރެކުރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަނީ ޑޮލަރުންނެވެ. އާމްދަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރުފިޔާއަށް މާރުކުރަން މަޖުބޫރުވުމުން، ރިސޯޓުތައް ހިންގުމަށް ބޭނުންވާ ބޭރު ފައިސާ ނުލިބި، ވިޔަފާރިތައް ހުއްޓުމަކަށް އައުމުގެ ބިރު އެބަ އޮތް ކަމަށް ރިސޯޓު އޯނަރުން ދަނީ ބުނަމުންނެވެ. އަދި ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް މަޓީން ވަނީ ބުނެފައެވެ.
މިކަމުގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ރިސޯޓުތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުންނަށެވެ. މިހާރު ގިނަ ރިސޯޓުތަކުގައި މުވައްޒަފުންނަށް މުސާރައާއި ގާނޫނީ ގޮތުން ދޭންޖެހޭ 10 އިންސައްތައިގެ ސަރވިސް ޗާޖު ދެމުން އަންނަނީ ޑޮލަރުންނެވެ. ނަމަވެސް ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ ބޭންކަށް މާރުކޮށްފި ނަމަ، މުވައްޒަފުންނަށް ޑޮލަރުން ފައިސާ ދިނުމަށް ރިސޯޓުތަކަށް ދަތިވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މުސާރައާއި ސަރވިސް ޗާޖު ރުފިޔާއިން ދޭން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ވެއްޖެ ނަމަ، އެންމެ ބޮޑޫ ގެއްލުމަކާ ކުރިމަތިވާނީ އާދައިގެ ނިކަމެތި މީހާއަށެވެ.
ޑޮލަރުން މުސާރަ ލިބޭ ކުދިންނަށް މިއީ ވަރަށް ބޮޑު ގެއްލުމެކެވެ. ގިނަ މުވައްޒަފުންނަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވާ، ނުވަތަ ބޭރުގެ އެކި ބޭނުންތަކަށް ޑޮލަރު ބޭނުންވާ މީހުންނެވެ. އެންމެން ވެސް ދަންނަ ހަގީގަތަކީ، ރަސްމީ ރޭޓުގައި ބޭންކުތަކުން ޑޮލަރު ނުލިބޭކަމެވެ. އެމީހުންގެ މުސާރަ ރުފިޔާއިން ލިބެން ފެށުމުން އެ މީހުންނަށް މަޖުބޫރުވާނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ، 22 ރުފިޔާއަށް ވުރެ މަތީގައެވެ. މިއީ އެކަމަކު ނުދައްކާ ވާހަކައެއް ކަމަށް ހަދައިދޭށެވެ. އެއީ މި ވާހަކަ ދެއްކުމަކީ ވެސް އަދި ލިޔުމަކީ ވެސް ކުށެއް ދޯއެވެ؟ ކަޅު ބާޒާރުން ޑޮލަރު ގަނެ އަމިއްލަ ބޭނުންތަކަށް ޑޮލަރު ހޯދަން ޖެހުމަކީ، މުވައްޒަފުންގެ އާމްދަނީގެ ބޮޑު ބައެއް ގެއްލި، ދިރިއުޅުމުގެ ފެންވަރު ދަށަށް ދާނެ ކަމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަކީ ނާޒުކު ސިނާއަތަކަށް ވާއިރު، ރަނގަޅަށް ދިރާސާކުރުމަށް ފަހު ނޫނީ މިފަދަ ބޮޑެތި ބަދަލުތައް ގެނައުމަކީ ނުރައްކާތެރި ކަމެއް ކަމަށް އިގުތިސާދީ މާހިރުން ފާހަގަކުރެއެވެ. ޓެކުސްތައް ބޮޑުކުރުމާއި ޑޮލަރު މާރުކުރުން މަޖުބޫރުކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ބޮޑުވެ، ވާދަވެރި އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖެއަށް އޮންނަ ޑިމާންޑު ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތައް އަޅަން ޖެހުނު ނަމަވެސް، އެ ފިޔަވަޅުތަކުގެ ސަބަބުން މުޅި ސިނާއަތް އިނދަޖެހިއްޖެނަމަ ލިބޭނެ ގެއްލުން މާ ބޮޑުވާނެއެވެ.
ކުރިމަތިވެގެން އުޅޭ އަސްލު މައްސަލަ ދުރުގައި ބާއްވައިފައި "އަސްދޫނި ކަތިލީމާ" ކަމަކު ނުދާނެއެވެ. އަދި ދުވާލަކު ލިބެމުން މި ދާ އެއް ބިސް ވެސް ނުލިބޭނެ ކަން މިހާރުގެ ތައުލީމީ ސިކުނޑިތަކަށް ވިސްނޭނެއެވެ. އަދި ނުރުހުމާއި ތުން ފިއްތުމާއި ފުސްމޫނު ދައްކައިފައި ތިބެ، ކިތަންމެ ވަރަކަށް ހަރު އަޑުން ބިރު ދެއްކިއަސް އެކަން ގަބޫލެއް ނުކުރާނެއެވެ.