ޝާހިދުގެ ކެމްޕެއިނުގައި ބައިވެރިވުމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަޙުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވި އަޙުމަދު އަބްދުﷲ --

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވި އަޙުމަދު އަބްދުﷲ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަޙުމަދު އަބްދުﷲ މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައި، އެކަން ސިޓީއަކުން ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދައަށް އަންގަވައިފައެވެ.

އެ ސިޓީގައިވާ ގޮތުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވާދަކުރައްވަން ނިންމެވުމުން، ޝާހިދުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވުމަށްޓަކައެވެ.

އޭނާގެ ސިޓީގައި ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންނާއި ޗެއާޕާސަންގެ އިތުރުން ޑެޕިއުޓީ ޗެއާޕާސަނުންނަކީ ޕާޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކުރަންޖެހޭ ބަޔަކަށްވެފައި އެ މަގާމުތަކުގައި ތިބެގެން ވަކި ކެނޑިޑޭޓަކަށް މަސައްކަތްކޮށްދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދެހާސް އަށާވީހުގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާކަން ޝާހިދު ރަސްމީކޮށް އިއުލާނުކުރެއްވީ ނިމުނު ޖުލައި މަހުގެ 14 ވަނަ ދުވަހުގައެވެ. އެއަށްފަހު އޭނާ ވަނީ އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ.

https://sun.mv/226033

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަކުރައްވައިފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް ސީދާ ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ހާމަ ނުކުރައްވައެވެ.

comment ކޮމެންޓް