ފުރަތަމަ ފަހަރަށް އޭއައިގެ އެހީގައި ސިކުނޑިން ޓިއުމަރެއް ނަގައިފި

ދުނިޔޭގައި ފުރަތަމަ ފަހަރަށް، ވަގުތުން މައުލޫމާތު ދެނެގަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި މީހެއްގެ ސިކުނޑީގެ އޮޕަރޭޝަނެއްކޮށް، އޭނާގެ ސިކުނޑީގައި އިން ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފިއެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަން ހޮސްޕިޓަލް (ޔޫސީއެލްއެޗް) ގެ ސާޖަނުން ބުނި ގޮތުގައި، އުމުރުން 48 އަހަރުގެ ރީސް ހިބަޓްގެ ސިކުނޑިން ނެގީ 11 މިލިމީޓަރުގެ ކެންސަރު ނޫން ޓިއުމަރެކެވެ. މި ޓިއުމަރު އުފެދިފައި އިނީ ސިކުނޑީގެ ތިރީގައި އިންނަ ޕިޓިއުޓަރީ ގްލޭންޑްގައެވެ. މިއީ ހަށިގަނޑު ބޮޑުވުމަށާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ހޯމޯންތައް އުފައްދާ ގުނަވަނެކެވެ. ޑޮކްޓަރުން ފާހަގަކުރި ގޮތުގައި، މި ޓިއުމަރުގެ ސަބަބުން ހިބަޓްގެ ލޮލުގެ ފެނުން އެއްކޮށް ގެއްލުމުގެ ނުރައްކާ އޮތެވެ.

ނޭފަތުގެ ތެރެއިން ކެމެރާއެއް ލައިގެން ކުރި މި އޮޕަރޭޝަނުގައި އޭއައި ޓޫލް ބޭނުންކުރީ ލައިވް ވީޑިއޯ ފީޑް އެނަލައިޒް ކުރުމަށެވެ. އާންމު ގޮތެއްގައި މިފަދަ އޮޕަރޭޝަންތަކުގައި މުޅި ޓިއުމަރު އެއްކޮށް ނުނެގުމުގެ ފުރުސަތު 25 އިންސައްތައާއި 50 އިންސައްތައާ ދެމެދުގައި އޮންނަ ކަމަށާއި، މުހިންމު ލޭހޮޅިއަކަށް ގެއްލުންވުމުގެ ފުރުސަތު 0.5 އިންސައްތައާއި ދެ އިންސައްތައާ ދެމެދުގައި އޮންނަ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އޭއައި ސިސްޓަމުން ވަނީ ސާޖަނުން ބޭނުންކުރި އާލާތްތައް ޓްރެކްކޮށް، ސިކުނޑީގެ މުހިންމު ނާރުތަކާއި ލޭހޮޅިތައް ހުރި ތަންތަން ދެނެގަނެ، ޓިއުމަރު ނެގުމަށް އެންމެ ރައްކާތެރި ސަރަހައްދުތައް ސާޖަނުންނަށް ދައްކައިދީފައެވެ.

ސިކުނޑީގެ އޮޕަރޭޝަން ކުރި ޑޮކްޓަރުން

މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ހާނީ މާކަސް ވިދާޅުވި ގޮތުގައި، މި އޭއައި ސިސްޓަމް ފަރުމާކޮށްފައިވަނީ ޕިޓިއުޓަރީ ޓިއުމަރު ނަގާ އެތައް ސަތޭކަ އޮޕަރޭޝަނެއްގެ ވީޑިއޯ ބޭނުންކޮށްގެންނެވެ. އެހެންކަމުން، މިއީ އާންމު ސާޖަނަކަށް އޭނާގެ މުޅި ހަޔާތުގައިވެސް ނުފެންނާނެހާ ގިނަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ، "ދެވަނަ ތަޖުރިބާކާރެއްގެ ލޯ" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އޮޕަރޭޝަނަށްފަހު ހިބަޓް ބުނީ، އޭނާގެ ލޮލުގެ ފެނުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި، ކުރިން ހުރި ވަރުބަލިކަމާއި އެނބުރުން އެރުން ފަދަ މައްސަލަތައް މިހާރު އެއްކޮށް ހައްލުވެފައިވާ ކަމަށެވެ.

"މިއީ އަހަރެންގެ ފުރާނަ އަނބުރާ ލިބުން ފަދަ ކަމެއް،" އޭނާ ބުންޏެވެ.

އަދި ބަލިމީހުންގެ ރައްކާތެރިކަމަށް ބަލާއިރު، ސިކުނޑީގެ ތެރޭގައި މަގުދައްކައިދޭނެ ނިޝާންތަކެއް ނުހުންނާތީ، އޭއައިގެ ސަބަބުން ލިބޭ ފައިދާ ވަރަށް ބޮޑުކަން އޭނާ ފާހަގަކުރިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ ރިސާޗް އާއި ގޫގުލް ގުޅިގެން ފަންޑުކޮށްފައިވާ މި ޓެކްނޮލޮޖީ އިތުރަށް ތަރައްގީކޮށް، ސާޖަނުންނަށް ލަފާދޭ "ޗެޓްޖީޕީޓީ" ފަދަ ނިޒާމެއް އުފެއްދުމަކީ ދިރާސާކުރާ ޓީމުގެ އަމާޒެވެ.

އިނގިރޭސިވިލާތުގެ ހެލްތު އިނޮވޭޝަން މިނިސްޓަރު ޖޭމްސް ފްރިތު ވިދާޅުވި ގޮތުގައި، އޭއައި ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. ނަމަވެސް އޭގެން ލިބޭ ފައިދާތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް