ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލަ ޕީޖީއަށް ފޮނުވައިފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު, ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

ދެހާސް ސައްވީސް ވަނަ އަހަރުން ފެށިގެން ފުލުހުން ތަހުގީގު ކުރި މައްސަލައަކީ, ތިނަދޫ ކައުންސިލުން އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާއިގުޅުން ހުރި އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މި މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މި މަހުގެ 10 ވަނަ ދުވަހު ވަނީ އެ ސިޓީގެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

ކަންކަން އޮޅުވާލި ކަމަށް ކުރާ ތުހުމަތު ސައުދު ދޮގު ކުރައްވައެވެ.

https://sun.mv/225836

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލު ނުދެއްވާތީ ދައުވާ ކުރަން އެދުނީ ކޮން ބައެއްގެ މައްޗަށް ކަމެއް, އަދި ތުހުމަތު ކުރަނީ ކޮން ކަމެއް ކަމެއް ސާފުވާ ގޮތެއް ނުވިއެވެ.

މި ކަމާ ގުޅިގެން ޕީޖީގެ ބަހެއް ހޯދުމަށް "ސަން" އިން ގުޅައި, މެސެޖު ކުރުމުން ވެސް މީޑިއާ އޮފިޝަލް އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވައިފައެވެ. މެންބަރު ސައުދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ.

އެކަން އެގޮތަށް ކުރީ ތިނަދުއަށް އިންތިޚާބުވި ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައާއި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިފައި އޮތުމުގެ ސަބަބުން ކަމަށް މެންބަރު ސައުދުﷲ ތުހުމަތުކުރައްވާފައިވެއެވެ.

ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް ޞާލިޙު، 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. އޭގެ ފަހުން، މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމައިފައެވެ.

comment ކޮމެންޓް