ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ މަގްޞަދުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަހަރީ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަހަރުގެ ސެޕްޓެމްބަރުގެ އިންޓޭކަށް ހުޅުވާލައިފިއެވެ.
މިއީ ސިއްޙީ ދާއިރާއިން އުޖާލާ މުސްތަގްބަލެއް ބިނާކުރަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ.
މި ޕްރޮގްރާމް 2021 ވަނަ އަހަރު ތަޢާރަފުކުރި ފަހުން، މިހާތަނަށް ޖުމްލަ 23 ފަރާތަކަށް ވަނީ ނާސިން ސްކޮލަޝިޕް ފޯރުކޮށްދީފައެވެ. މީގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން ތަޢުލީމާއި ތަމްރީނު ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން 12 ނަރުހުން މިހާރުވެސް ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޚިދުމަތް ދެމުންނެވެ. މިއީ ގާބިލު ދިވެހި ނަރުހުން ބިނާކުރުމަށް ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ.
މިފަހަރުގެ ސްކޮލަޝިޕް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިލާ ކޮލެޖުގައި ހިންގާ ދެ ޕްރޮގްރާމަކަށެވެ. އެއީ ބީއެސްސީ (އޮނަސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި ތިން އަހަރުގެ ޑިޕްލޮމާ އިން ނާސިންގ ކޯހަށެވެ.
މި ފުރުޞަތަށް އެދި ހުށަހެޅޭނީ ދިވެހި ރައްޔިތުންނަށެވެ. އަދި މިއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. ނަމަވެސް ސްކޮލަޝިޕަށް އެދޭ ފަރާތަކީ އެހެން އެއްވެސް މުއައްސަސާއަކުން ތަޢުލީމީ ސްކޮލަޝިޕެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، ޞިއްޙީ ޚިދުމަތްތަކުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކަކަމަށެވެ. ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްގީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޞިއްޙީ ޚިދުމަތްތަކުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް. ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްގީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް." މި ޕްރޮގްރާމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވިއެވެ.