ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ، ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މިއީ، މީގެ ދެ މަހެއްހާ ދުވަސް ކުރިން، އެއްރޭ ދަންވަރު، ބަރުދަނުގައި ގާތްގަނޑަކަށް، 395.92 ގްރާމް، މަސްތުވާތަކެތި، ޑްރޯންއެއްގެ އެހީގައި މާފުށީ ޖަލަށް ވައްދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. މި މައްސަލައިގައި، ފުލުހުން، ކ. ކާށިދޫ، މީހަކު، ހައްޔަރު ކުރިނަމަވެސް މާފުށީ ކޯޓުންވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ.
މާފުށީ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ 8 ދުވަސް، އަދި ދެވަނަ ފަހަރަށް 9 ދުވަހުގެ މުއްދަތެއް ބަންދަށް ދިނެވެ. އަދި ތިންވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި، މާފުށީ މެޖިސްޓްރޭޓް ކޯޓުން 30 ޖުލައި 2026 ގައި އެމީޙާ، ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލިއެވެ. އޭނާ ދޫކޮށްލުމުން ދައުލަތުން މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓުގައި ޕީޖީ އޮފީހުން ބުނި ގޮތުގައި، ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މަތީ މަރުހަލާގެ ކޯޓުތަކުގެ އުޞޫލުތަކާ އެއްގޮތަށް ސަބަބު ސާފުކޮށް ބަޔާންނުކޮށެވެ. އަދި އޭނާގެ ދިރިއުޅޭ ކޮޓަރިން ޓްރެފިކިން މިންގަނޑަށް ފެތޭ މަސްތުވާތަކެއްޗާއި، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރުމަށް ޑްރޯންތަކެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތުމުން ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
ދަށު ކޯޓުން ބަންދުން ދޫކޮށްލުމުގައި ސަބަބު އިޖުމާލީ ގޮތެއްގައި ބަޔާންކޮށްފައިވީ ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކަށާއި (ފެނުނު މަސްތުވާތަކެތީގެ މިންވަރާއި ޑްރޯން ފަދަ ތަކެތި) މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކަލަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައި ނުވާތީ، މާފުށީ މެޖިސްޓްރޭޓް ކޯޓުން އެ މީހާޝަރުޠުތަކާއެކު ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ވަނީ މިއަދު ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފައެވެ.
މާފުށީ ކޯޓުގެ ނިންމުން ބާތިލުކޮށް، ހައިކޯޓުން އެންގީ، އެ މީހާ ބަންދުގައި ބަހައްޓަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދޭނަމަ، ދެ ދުވަހުގެ ތެރޭގައި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުށަހެޅުމަށާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެއާމެދު ގޮތެއް ކަނޑައެޅުމަށެވެ.