ރާއްޖެއަށް އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް މަހެއްހާ ދުވަސް ނަގާނެތީ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް އިމިގްރޭޝަނުން ރޭ ނިންމައިފިއެވެ.
އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ، ދިވެހި ޕާސްޕޯޓު ބުކްލެޓު ފޮނުވަން ނިންމާފައިވާ ތާރީޚަށް އެ ޚިދުމަތް ފޯރުކޮށް ދެވެން ނެތް ކަމަށް ޖަރުމަނުގެ ކުންފުނިން އަންގާފައިވާ ކަމަށެވެ. އެއީ، އެ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ޕާސްޕޯޓްގެ އާ ސްޓޮކު ލިބޭނީ، އަންނަ މަހުގެ ފަހުކޮޅެވެ.
އެހެންވެ، އިމިގްރޭޝަނުން ވަނީ ޕާސްޕޯޓުތައް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެސްފައެވެ.

އުނގޫފާރުގައި ހުންނަ އިމިގްރޭޝަން: އިމިގްރޭޝަނުން ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ވަނީ ގެނެސްފައި-- ފޮޓޯ/ އިމިގްރޭޝަން
މިގޮތުން، އާ ޕާސްޕޯޓެއް ހެއްދުމަށް އެދޭ މީހުންނަށް، އެއްވެސް ފީއަކާ ނުލައި މިހާރުގެ ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. އަދި، އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ލަންކާ ފަދަ އާންމުކޮށް ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އިމަޖެންސީ ޕާސްޕޯޓެއް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމަޖެންސީ ޕާސްޕޯޓަކީ، އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ދޫކުރާ ޕާސްޕޯޓެކެވެ.
އިމިގްރޭޝަނުން ވަނީ، މި ބަދަލުތަކާ އެކުވެސް، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން ދީފައެވެ.
މިދިޔަ މޭ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން ވެސް އިމިގްރޭޝަނުން މެދުކަނޑާލިއެވެ. އޭރު އިމިގްރޭޝަނުން ބުނީ އެކަން މެދުކަނޑާލާފައިވަނީ ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން ކަމަށެވެ.