މައިންބަފައިންނަށް އެހީވުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަން ހަނދާންކޮށްދީ، އެ މީހުންނަށް އެހީވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދު އިއްވި ޚުތުބާގައި އަލިއަޅުވާލީ، މުޖުތަމައުގައި ހިނގާ ނޭދެވޭ މައްސަލަތަކުގެ މައްޗަށެވެ.
އެއް ކަމަކަށް ޚުތުބާގައި ފާހަގަކުރީ، މުސްކުޅި މައިންބަފައިންނަށް އޯގާތެރިނުވާ ކަމެވެ.
މިގޮތުން، މައިންބަފައިން އެ މީހުންނަށް އިހުސާންތެރިވުމަކީ މާތް ﷲ އިންސާނާއަށް ކުރައްވާފައިވާ ވަސިއްޔަތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
އެ މީހުންނަށް ހެޔޮކޮށް ހިތުމަކީ، އުމުރުގައި ބަރަކާތް ލައްވާނެ ކަމެއް ކަމަށާއި އެއީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށް ޚުތުބާގައި ބުންޏެވެ. މަައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއްގެ ގޮތުގައި ސިފަކޮށް ޚުތުބާގައި ބުނީ މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރާނެ ކަމަށެވެ.

މީހަކު ދުވަސްވީ މީހެއްގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކަން އެހެން ނަމަވެސް، މިއަދުގެ މުޖުތަމައުގައި ކަން ހިނގާ ގޮތް ތަފުސީލުކޮށް ޚުތުބާގައި ކިޔައިދިނެވެ.
"މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލައިފައިވަނީ ކިތައް މީހުންހެއްޔެވެ؟ ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ސަކަރާތުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެ" ޚުތުބާގައި ބުނެފައިވެއެވެ.
އެހެންވެ، އަހަރެމެންގެ އުފާ ހޯދައިދިން މަންމައާއި ބައްޕައަށް އެހީތެރިވުމަށް ޚުތުބާގައި ވަނީ ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ.
މި ކަމުގެ އިތުރަށް ޚުތުބާގައި ވަނީ، މިސްކިތުގެ ހުރުމަތް ކެނޑުމާއި ވިޔަފާރީގައި މަކަރުހެދުމާއި ނަމާދު އަޅާފައި ކުޅިވަރު ކުޅުންފަދަ މި މުޖުތަމައުގައި ހިނގާ ކަންކަމުގެ ވާހަކަތައް ކިޔައިދީ، އެ ކަންކަން ރަނގަޅު ކުރުމަށް ވަސިއްޔަތްކޮށްފައެވެ.
ޚުތުބާގައި ބުނީ، އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާންނައްތައިލުން ކަމަށެވެ.
އެހެންވެ، މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި، އަހަރެމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވުން އެދި ޚުތުބާގައި ވަނީ ﷲއަށް ދުއާ ދަންނަވާފައެވެ.