އެއީ، މީގެ އަހަރުތައް ކުރިއެވެ. ލަވަ ކިޔުމާއި މިއުޒިކީ ކަންކަމަކީ ގިނަ ދިވެހީންގެ ދިރިއުޅުން ފަޅުފިލުވައިދިން ކަމެކެވެ. އެ ދުވަސްވަރު އެންމެ ގިނަ މިއުޒިކީ ފަންނާނުން، އުފެދުނު އެއް ރަށަކީ ތ. ހިރިލަންދޫއެވެ. ގިނަ ދިވެހީންގެ ހިތްތަކާ ކުޅެލި، އެތައް ބަޔަކު އެ ދުވަސްވަރު ފެނުނެވެ.
އޭގެތެރެއިން އެއް އަޑުގެ ވެރިޔަކީ، އެ ރަށަށް އުފަން ރަނިއްޔާ ޙުސައިންނެވެ. ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ރަނިއްޔާގެ އަޑަކީ ގިނަ ބަޔެއްގެ އިހުސާސްތަކާ ކުޅެލި ހިތްގައިމު އަޑެވެ. ޒުވާން އުމުރުގައި ލަވައިގެ ތެރެއަށް ވަތް ރަނިއްޔާގެ އަޑަށް އަދިވެސް ބަދަލެއް ނާދެއެވެ.
މި ކިޔައިދެނީ، އޭނާގެ ލަވަކިޔުމުގެ ދުނިޔޭގެ ވާހަކަތަކެވެ.
ލަވައިގެ ދުނިޔެއަށް ވަނީ ޒުވާން އުމުރުގައި، އަޑަށް އަދިވެސް ބަދަލެއް ނާދެ
އޭރު އޭނާއަށް ގާތްގަނޑަކަށް އެގާރަ އަހަރެވެ. މިއުޒިކަށް މަޝްހޫރު ހިރިލަންދޫގައި އެތައް ބަޔަކު އެ ދުވަސްވަރު އެ ކަން ކުރެއެވެ. ފޫހިފިލުވާލުމަށް ރަނިއްޔާގެ ވެސް އެ ތަންތަނަށް ގޮސް އުޅެއެވެ. އޭނާ ލަވަކިޔުމާއި ނެށުމުގެ ތެރެއަށް ވަނީ ވެސް އެ ކަމުގެ ތެރެއިންނެވެ.
މި ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ރަނިއްޔާއަށް ހިތްވަރު ދިނީ، އަބްދުލްވައްހާބެވެ. ވަރަށް އަވަހަށް ރަނިއްޔާ ލަވަ ދަސްކުރާ ކަމަށާއި ރީތި ކަމަށް ބުނެ، އަބްދުލްވައްހާބު ތައުރީފުކުރެއެވެ. އެ ބަސްތަކުން އުފާވެ، ރަނިއްޔާ ލަވަ ކިޔުމުގެ ދާއިރާގައި ފިޔަ ޖަހާލީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެކަމަކު، އެ ކަން ކުރުމަށް ރަނިއްޔާގެ މަންމަ ގަބޫލެއް ނޫނެވެ. އެހެންވިޔަސް ރަނިއްޔާގެ މިއުޒިކީ ހަޔާތް އޭނާ ދޫކޮށެއް ނުލިއެވެ.
"ދެން ވާ ގޮތަކީ، މިއުޒިކް ކުޅޭ ރޭރެއަށް އެ ތަނަށް ދާން ޖެހެނީ، މަންމައަށް ނާންގާ ވަގަށް. ގޮސް ދެން ލަވަކިޔަނީ. ބައެއް ފަހަރަށް ނަށާ ވެސް ހަދަން" މާޒީގެ ހަނދާންތައް އާކޮށް އޭނާ ކިޔައިދިނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އެކެއްގައި ރަނިއްޔާ ލަވަ ކިޔަނީ ---
މީގެ އަހަރުތަކެއް ކުރިން މި ދާއިރާއަށް ވަތް ރަނިއްޔާގެ ޚާއްސަ ކަމަކީ، އޭނާ ލަވަ ކިޔާކަށް ލިޔެފައި އޮންނަ ކަރުދާހެއް ބޭނުމެއް ނުވެއެވެ. ދެތިން ފަހަރަކު ކިޔާއިރަށް ހިތުން ކިޔަން އޭނާއަށް މާ ފަސޭހައެވެ. އޭނާ ބުނި ގޮތުގައި، ބަލައިގެން ލަވަ ކިޔުމަށް ވަރަށް އުނދަގުލެވެ. ލަވަ ލިޔެފައި އޮންނާނީ، ވަރަށް ބޮޑު ފޮތެއްގައެވެ.
މި ދާއިރާގައި ފިޔަ ޖަހަމުން ގޮސް، ރަށްތަކަށް ވެސް އޭނާ ލަވަކިޔުމަށް ދަތުރުކުރިއެވެ. އޭރު ހުރިހާ ލަވައެއް ޝޯތަކުގައި ކިޔަނީ ލައިވްކޮށެވެ. ރޭގަނޑު 09:00 ޖަހާއިރު، ފަށާ ގޮތަށް ނިމޭނީ ދަންވަރު 12:00 ފަހުންނެވެ.
މިހާރާ ޚިލާފަށް އެ ޒަމާނުގައި މާ ގިނަ ވަސީލަތްތަކެއް ނުހުރެއެވެ. އެހެންވެ، ކަންކަން ކުރަން ޖެހެނީ ވެސް އެންމެ އުނދަގޫ ގޮތަށެވެ.
މަރުހޫމް ޢަބްދުﷲ މޫސާ ނުވަތަ ދޮހޮއްކޮބެއާއެކު، އަލްބަމެއް ރެކޯޑުކުރި ރަނިއްޔާ ބުނީ، ލަވަ ރެކޯޑުކުރާއިރު، ނުބައިކޮށް ކިޔިއްޖެނަމަ އަލުން ޖެހޭނީ ފަށާން ކަމަށެވެ. އެހެންވެ، ގިނަ ވަގުތުތަކެއް ހޭދަވެއެވެ.
އެންމެ ގިނައިން އޭނާ މިއުޒިކް ޝޯތައް ދިނުމަށް ދިޔައީ، ލ. އަތޮޅަށެވެ. ޝޯދޭން އޭނާއަށް ނުދެވޭ ރަށެއް އެ އަތޮޅުގައެއް ނެތެވެ.

ރަނިއްޔާ ޝޯއެއްގައި ލަވަ ކިޔަނީ ---
އޭނާއަށް މިއުޒިކް ޝޯތައް ދިނުމަށް ދެވުނު ރަށްތަކުގެ ތެރެއިން، އެންމެ ބޮޑު ސަޕޯޓެއްކުރަނީ ފ. ނިލަންދޫއާއި ލ. މާމެންދޫއިންނެވެ. ރަނިއްޔާ ބުނި ގޮތުގައި، ނިލަންދޫ މީހުން އޭނާއަށް ސަޕޯޓުކުރުމުގައި މޮޔަވާނެއެވެ.
"އެ މީހުން ދެން ވަރަށް ގާތްކޮށް [އުޅެނީ]. ވަރަށް ހިތްހަމަޖެހޭ ކަހަލަ ޝުކުރާ ހެޔޮ ވެދުންތައް ރައްދުކުރެވޭ. އެ ރަށްރަށަށް ދިޔައީމަ ވަރަށް ހިތްހަމަ ޖެހޭ" ރަނިއްޔާ ބުންޏެވެ.
އޭގެތެރެއިން، ނިލަންދުއަށް ކުރި އެއް ދަތުރަކީ، އޭނާގެ ހަނދާނުން ފިލުވާލަން ދަތި ދަތުރެކެވެ. އެ ދަތުރުގައި ރަނިއްޔާގެ ފޮށި އެ ރަށު މީހުން ފޮރުވިއެވެ. އެންމެން ވެސް ބޭނުންވީ، އެ މީހެއްގެ ގެޔެއްގައި ރަނިއްޔާ ބަހައްޓާށެވެ. އެ ކަމުގެ ތެރޭގައި، ޝޯ ފެށުނު އިރު ވެސް ހުރީ ފެންނުވެރި ކަމަށް މާޒީގެ ހަނދާންތައް އާކުރަމުން އޭނާ ބުންޏެވެ.
މިހާރު 67 އަހަރުގެ ރަނިއްޔާ ކިޔާފައިވާ ގިނަ ލަވަތަކެއް ގިނަ ބަޔަކަށް ކަމުދިޔައެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ލަވައަކީ، "ޗަމަން މޭ ރެހެކޭ ވީރާނާ"އެވެ.
މި ލަވަ، ސަން ސިޔާމް މީޑިއާގެ ސީއީއޯ މުޙައްމަދު ޢާޞިފް (މޮންދު) ރިކޯޑުކުރެއްވީ، 1991ގައި ހިރިލަންދުއަށް ކުރެއްވި ދަތުރެއްގައި ޚިތާނީ ޕާޓީއެއްގެ ތެރެއިންނެވެ.
މިއީ، ހިންދީ ފިލްމު ދީދާރަށް ޝަމްޝާދު ބޭގަމް ކިޔާފައިވާ ލަވައެކެވެ. މިހާރު މި ލަވަ ކިޔާ އަޑު އިވުމުން ގިނަ ބަޔަކަށް ވައްތަރުވަނީ، ޝަމްޝާދު ބޭގަމްގެ އަޑާއެވެ. އެކަމަކު، ތަފާތެއް ހުރެއެވެ.
ރަނިއްޔާ ބުނި ގޮތުގައި، ލަވަ ކިޔާއިރު، އަމިއްލަ އަޑު ބަދަލު ކުރަން އޭނާ މަސައްކަތެއް ނުކުރެއެވެ. އޭނާ ހަމައެކަނި ބަދަލުކުރަނީ، ބަސް ކިޔާ ގޮތެވެ.
"ކުޑަކޮށް ނޯށަށް އަރުވާލާ. އެގޮތަށް ބަސްކިޔުމުގައި ބަދަލު ގެންނަނީ. އަޑަކަށް ނުގެންނަން ބަދަލެއް" ރަނިއްޔާ ކިޔައިދިނެވެ.
ލަވަ ކިޔުމަށް ރަށްތަކަށް ދަތުރުކުރި ދުވަސްވަރު އެންމެ ގިނައިން ކިޔުމަށް ރިކުއެސްޓު އަންނަނީ ވެސް އެ ލަވައެވެ. މިހާރު ޝޯތަކުގައި ލަވަ ނުކީ ނަމަވެސް ގޭގައި އުޅޭއިރު ވެސް ކޮންމެވެސް ވަރަކަށް އޭނާ ލަވަކިޔައެވެ. މިހާރު ވެސް ޝޯއަކުން ފުރުސަތެއް ލިބިއްޖެނަމަ، ލަވަ ކިޔަން އޭނާ ހުރީ ތައްޔާރަށެވެ.
ފަސް ދޮޅަހުގެ އަހަރުތައް ރަނިއްޔާ ގުނަމުން ދިޔަ ނަމަވެސް، އޭނާގެ މި ރަން އަޑަކަށް އެއްވެސް ފަޑުވުމެއް ނާދެއެވެ. އުއްމީދަކީ ވެސް އެ ގޮތުގައި ދެމި ހުރުމެވެ.