ގޫގުލް ކީޕްގައި ޗެކް ބޮކްސްއާއެކު ޓު ޑޫ ލިސްޓް ހެދޭ ފީޗާއެއް އިތުރުކުރަނީ

ގޫގުލް ކީޕަށް ގެންނަ ބޮޑު ބަދަލާއެކު ބޭނުންކުރަން ފަސޭހަ އެޕަކަށް ވެގެންދާނެ ---

ގޫގުލްގެ މަގުބޫލު ނޯޓު ލިޔާ އެޕްލިކޭޝަން ކަމަށްވާ ގޫގުލް ކީޕް ބޭނުންކުރާ ފަރާތްތަކަށް، އާދައިގެ ލިޔުންތަކުގެ ތެރޭގައި ފާހަގަޖަހާ ގޮޅި ހިމަނައިގެން ޓު ޑޫ ލިސްޓް ނުވަތަ ކުރަން ހުންނަ ކަންކަމުގެ ލިސްޓު ހެދޭނެ މުހިންމު އައު ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިހާރު ވެސް އެ އެޕްލިކޭޝަނުގައި އާދައިގެ ލިޔުމާއި، ލިސްޓާއި، އަޑު ރެކޯޑުކުރުމާއި، ކުރެހުމާއި، ފޮޓޯ ފަދަ ތަފާތު ބާވަތްތަކުގެ ނޯޓުތައް ހެދެއެވެ. ނަމަވެސް އެކި ބާވަތްތައް އެއް ނޯޓެއްގެ ތެރޭގައި އެއްކޮށްލުމުގައި ގިނަ ހުރަސްތަކެއް ހުރެއެވެ. އެގޮތުން ފޮޓޯއާއި ކުރެހުން ފަދަ ތަކެތި ލިޔުމުގެ މެދުތެރެއަށް ލުމުގެ ބަދަލުގައި ފެންނަން ހުންނަނީ ނޯޓުގެ އެންމެ މަތީގައެވެ.

އަލަށް ގެންނަ ބަދަލާއެކު، އާދައިގެ ޕެރެގްރާފް ލިޔުންތަކުގެ މެދުގައި ވަކިވަކިން ފާހަގަޖަހާ ގޮޅިތައް ލެވޭނެ ---

މީގެ އިތުރުން ކުރިން އާދައިގެ ލިޔުމެއްގެ ގޮތުގައި ހުންނަ ނޯޓަކަށް ފާހަގަ ޖަހާ ފޮށި އިތުރުކުރަން އުޅެފިނަމަ، މުޅި ނޯޓު އެއްކޮށް ލިސްޓަކަށް ބަދަލުވެ، ލިޔުމުގެ ތަރުތީބު އެއްކޮށް ގެއްލިގެންދެއެވެ. ނަމަވެސް އަލަށް ގެންނަ ބަދަލާއެކު، އާދައިގެ ޕެރެގްރާފް ލިޔުންތަކުގެ މެދުގައި ވަކިވަކިން ފާހަގަޖަހާ ގޮޅިތައް ހިމަނައިގެން ލިސްޓުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އައު ބަދަލު ފާހަގަކޮށްފައިވަނީ އެންޑްރޮއިޑް އޮތޯރިޓީންނެވެ. އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ހިމެނޭ ކޯޑުތައް މިހާރު އެޕްލިކޭޝަންގެ އައު އަޕްޑޭޓުގެ ތެރޭގައި ހިމަނާފައިވެއެވެ. އަދި ޓެސްޓު ކުރުމަށްޓަކައި މެނުއަލްކޮށް މި ބައި މަސައްކަތްކުރުވައިގެން ބެލިއިރު، ލިޔުންތަކާއި ފާހަގަޖަހާ ގޮޅިތައް އެއް ނޯޓެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް މަސައްކަތްކުރާކަން ވަނީ ފެނިފައެވެ.

މި އައު ބަދަލުގެ ސަބަބުން ކަންކަން ރޭވުމަށާއި، ތަފާތު ޚިޔާލުތައް އެއްތަނެއްގައި ނޯޓުކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. އަދި މިއީ އެ އެޕްލިކޭޝަން ބޭނުންކުރާ ގިނަ ފަރާތްތަކަކުން އިންތިޒާރު ކުރަމުން އައި މުހިންމު ބަދަލެކެވެ.

މި ބަދަލު އަދި އާންމުކޮށް ހުރިހާ ފަރާތްތަކަށް ލިބޭގޮތަށް ދޫކޮށްލާފައި ނުވި ނަމަވެސް، އެޕްލިކޭޝަންގެ ކޯޑުގެ ތެރޭގައި މި ބައި ހިމަނާފައިވާތީ، މާ ލަސްތަކެއް ނުވެ ރަސްމީކޮށް ހުރިހާ އެންމެންނަށް މި ބައި ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް