ޤާނޫނު ހަދާ މަޖިލީހުގައި ވިޖޭގެ ރަސްމީ ގޮނޑި ދޫކުރުމަށްފަހު އިށީނީ ވަޒީރުންނާ އެކު

އިންޑިއާގެ ތަމަޅަ ނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ ޓެމިލް ނާޑޫގެ ޤާނޫނުހަދާ މަޖިލީހުގައި (އެސެމްބްލީގައި) ޗީފް މިނިސްޓަރަށް ޚާއްސަކުރެވިފައިވާ ރަސްމީ ގޮނޑި ދޫކުރައްވައި، ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ، ވަޒީރުންގެ އަރިހުގައި އިށީންނަވައިފިއެވެ.

މަޖިލީހަށް އިސް އޮފިޝަލުން ހާޒިރުވެ ތިބުމާ ގުޅޭގޮތުން ހިނގި ހޫނު ބަހުސެއްގެ ތެރެއިން ފެނުނު މި އާދަޔާ ޚިލާފު މަންޒަރަކީ، މަޖިލީހުގައި މެންބަރުން އިށީނުމަށް ކަނޑައެޅިފައިވާ ޒަމާންވީ އުސޫލުތަކާ މުޅިން ޚިލާފު ކަމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ދަންފަޅީގައި، ޗީފް މިނިސްޓަރު ވިޖޭ ވަނީ އެސެމްބްލީގެ ކުރީބަރީގައި ވަޒީރުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީންނަވައި، ޒަމާނުއްސުރެ އަމަލުކުރަމުން އައި ޕްރޮޓޮކޯލް މުގުރާލައްވާފައެވެ.

ޗީފް މިނިސްޓަރަށް ހާއްސަކުރެވިފައިވާ ރަސްމީ ގޮނޑި ދޫކުރައްވައި، ސީ. ޖޯސެފް ވިޖޭ ވަޒީރުންގެ އަރިހުގައި--ފޮޓޯ/އިންޑިއާޓުޑޭ

އާންމު އުސޫލުން ޗީފް މިނިސްޓަރުން އަބަދުވެސް އިށީންނަވަނީ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅާ އެންމެ އަރިހުގައި ހުންނަ ވަކި ޚާއްސަ ގޮނޑިކޮޅެއްގައެވެ. ވަޒީރުން ތިއްބަވަނީ އެމަނިކުފާނުގެ އަރިހުގައި، އެ ބޭފުޅުންގެ ސީނިއަރިޓީއަށް ބަލައި ތަރުތީބު ކުރެވިފައިވާ ގޮނޑިތަކުގައެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ޚާއްސަ ކުރެވިފައިވަނީ ސަރުކާރުގެ ބެންޗާ ކުރިމަތިލައިގެން ހުންނަ ބަރިތަކެވެ.

ޖުމްލަ 234 މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހުގައި، އިދިކޮޅު ލީޑަރާއި އެކި ޕާޓީތަކުގެ އިސްވެރިން އިށީންނަވާނެ ތަރުތީބު ކަނޑައަޅަނީ އެ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. އެހެން މެންބަރުން ތިއްބަވަނީ އެ ބޭފުޅުން ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުންގެ ފަހަތުގައެވެ.

އެހެންނަމަވެސް، ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ޖޭ.ސީ.ޑީ. ޕްރަބާކަރުގެ ކަނާތްޕުޅު ފަރާތުގައި ހުރި ރަސްމީ ގޮނޑިކޮޅު ދޫކުރައްވައި، ވިޖޭ އިށީންނެވީ ވަޒީރުން ކަމަށްވާ ކޭއޭ ސެންގޮއްޓައިޔާން އާއި އާދަވް އަރުޖުނާގެ ދެމެދުގައި ހުރި ގޮނޑިއެއްގައެވެ.

މަޖިލީހުގެ މަސްދަރުތަކުން މައުލޫމާތު ދޭގޮތުގައި، ޗީފް މިނިސްޓަރަކު ޚާއްސަ ގޮނޑިކޮޅު ދޫކުރައްވައި، ވަޒީރުންގެ ގޮނޑިއެއްގައި އިށީނުމަކީ މަޖިލީހުގެ ތާރީޚުގައިވެސް ވަރަށް ނާދިރު ކަމެކެވެ.

މެންބަރުންނާއި ވަޒީރުން މަޝްވަރާ ކުރުމަށްޓަކައި ވަގުތީގޮތުން ގޮނޑި ބަދަލުކުރެއްވި ނަމަވެސް، ޗީފް މިނިސްޓަރަކު މިފަދަ ގޮތަކަށް އަމަލުކުރެއްވުމަކީ މީގެކުރިން ދުވަހަކުވެސް ފެނިފައިނުވާ މަންޒަރެކެވެ.

މަޖިލީހުގެ އިދާރީ ހިންގުމާއި ސިޔާސީ އިސްވެރިންގެ މެދުގައި ހިނގި ބަހުސްތަކުގެ އިތުރުން، އެ ދުވަހުގެ ޖަލްސާއިން އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ވެސް ޗީފް މިނިސްޓަރު ވިޖޭ ޒަމާންވީ ސިޔާސީ ސަގާފަތް ބަދަލުކުރައްވައި، ވަޒީރުންގެ އަރިހުގައި އިށީންނެވި ތާރީޚީ މަންޒަރެވެ.

ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ސީ ޖޯސެފް ވިޖޭ (މަޝްހޫރު ނަމުން ނަމަ ތަލާޕަތީ ވިޖޭ) ޓެމިލް ނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

ފިލްމީ ދާއިރާގެ އެންމެ އުހުގައި ހުރި މަގުބޫލު ތަރިއަކު، ފުރިހަމައަށް ސިޔާސީ ދާއިރާއަށް ހިދުމަތްކުރުމަށްޓަކައި ސިނަމާއާ ވަކިވެ، ސްޓޭޓްގެ ވެރިކަމާ ހަވާލުވުމަކީ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ބޮޑު ސިޔާސީ ބަދަލެވެ.

ވިޖޭގެ ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައިވަނީ އާންމު ރައްޔިތުންނަށް ސީދާ ލުއިތައް ހޯދައިދިނުމާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ މައްޗަށެވެ. އެގޮތުން ވެރިކަމަށް އައުމަށްފަހު އޭނާ ވަނީ ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބައެއް ނިންމުންތައް ނިންމަވާފައެވެ.

އޭގެތެރޭގައި، "އަންނަޕޫރަނީ ސުޕަ ސިކްސް" ސްކީމްގެ ދަށުން ކޮންމެ އާއިލާއަކަށް އަހަރަކު ތިން ގޭސް ސިލިންޑަރު ހިލޭ ދިނުމަށް ނިންމަވައި، އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ވަނީ ހޯއްދަވައިދެއްވާފައެވެ.

އާންމުންނާއި ދަނޑުވެރިންގެ ބޮޑު ދެކޮޅުވެރިކަމެއް އޮތް ޕަރަންދޫރު އެއާޕޯޓް މަޝްރޫއު ހުއްޓާލުމަށް ނިންމެވި ނިންމެވުމަކީ ވެސް ބިޖޭގެ ސަރުކާރުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާނެކަމުގެ އުއްމީދު ރައްޔިތުންނަށް ދިން ނިންމެވުމެކެވެ. އާންމު ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި 290 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން 250އާ ބަސް ރައްޔިތުންގެ ޚިދުމަތަށް ނެރެދެއްވިއިރު، ވިޖޭގެ އެންމެ ބޮޑު އެއް އަމާޒަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ، ސާފު އަދި ދެފުށް ފެންނަ ސަރުކާރެއް ޓެމިލް ނާޑޫގައި ގާއިމުކުރެއްވުމެވެ.

comment ކޮމެންޓް