ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ ދޮށީ ދަރިފުޅު ރިހާން ރޯޝަން، އަމިއްލަ ފަންނާނެއްގެ ގޮތުގައި މިއުޒިކީ ދާއިރާއަށް ރަސްމީކޮށް ތައާރަފުވެއްޖެއެވެ.
އޭނާގެ ފުރަތަމަ ސިންގަލް "ދިސް ހެވަންލީ ޕްލޭސް" މިހާރު ވަނީ އާންމުކޮށްފައެވެ.
މި އިނގިރޭސި ލަވައިގެ ޅެން ހަދައި، އަޑުއަޅައި އަދި ގިޓާ ކުޅެފައިވަނީ ވެސް ޚުދު ރިހާން އަމިއްލައަށެވެ. މި އުފެއްދުމުގެ ޕްރޮޑިއުސަރަކީ ސޫދާންއެވެ. އަދި އޭ އެންޑް އާރްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އަންކުރު ތެވާރީއެވެ. ލަވައިގެ ވީޑިއޯއިން ފެންނަނީ ކަޅާއި ހުދުގެ ރީތި މަންޒަރުތަކަކާ އެކު، ރިހާންގެ ހުނަރުވެރި އަޑާއި ގިޓާގެ ހަރަކާތްތަކެވެ.

ރިތިކް އާއި ސުޒޭން ދެ ކުދިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ދަރިފުޅުގެ މި އުފެއްދުން އިންސްޓަގްރާމްގައި ހިއްސާކުރަމުން ރިތިކް ބުނެފައިވަނީ، އެއީ އުފަންވިއިރުވެސް ތޫނުފިލިކަން ލިބިފައިވާ ކުއްޖެއް ކަމަށާއި ދަރިފުޅުގެ ހުނަރަށް އޭނާ ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށެވެ. އެހެންވެ ރިތިކްގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވަނީ ސިފަކޮށްފައެވެ.
މީގެއިތުރުން ރިހާންގެ މަންމަ އަދި ރިތިކްގެ ކުރީގެ އަނބިމީހީ ސުޒޭން ޚާން ވެސް ވަނީ ދަރިފުޅަށް އޮތް ލޯތްބާއި އުފާވެރިކަން ފާޅުކޮށް ސޯޝަލް މީޑިއާގައި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
ބޮލީވުޑްގެ ކުޅަދާނަ ތަރި ރިތިކް ރޯޝަންގެ އާއިލާއަކީ އިންޑިއާގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ނުފޫޒުގަދަ އާއިލާއެކެވެ. އެގޮތުން ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އަކީ ފިލްމީ ދާއިރާގައި ކާމިޔާބު އެކްޓަރެއްގެ އިތުރުން، ފާހަގަކޮށްލެވޭ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. އަދި ބޮޑުބޭބެ، ރާޖޭޝް ރޯޝަން އަކީ ބޮލީވުޑްގެ އެތައް މަޝްހޫރު ފިލްމުތަކަކަށް ހިތްގައިމު މިއުޒިކް އުފައްދައިދީފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރެކެވެ.
ރިތިކް އަދި ސުޒޭންގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. އެއީ 2006 ވަނަ އަހަރު އުފަންވި ރިހާން އަދި 2008 ވަނަ އަހަރު އުފަންވި ރިދާންއެވެ. ސާދަ އަހަރަށްފަހު މި ދެމަފިރިންގެ ކައިވެނި ރޫޅުނު ނަމަވެސް، ދެމީހުން ގުޅިގެން ދަނީ އެކުވެރި މާހައުލެއްގައި ކުދިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އަދާކުރަމުންނެވެ. އަދި މިއަދު ވެސް އެ ދެމެދުގައި ގާތް އެކުވެރިކަމެއް ދެމިއޮތްއިރު، ދެފަރާތުގެ އާއިލީ ގުޅުމަށްވެސް އެއްވެސް ބަދަލެއް ނާދެއެވެ.