ފަރުހާދުގެ ނަންބަރު ހޯދައިގެން ޝާކިރު އެ ނަންބަރަށް ގުޅިއެވެ. ދެތިން ރިންގާއިއެކު، ފަރުހާދު ފޯނު ނެގިއެވެ.
"ވަރަށް ބޮޑު ކަމެއް ކޮށްދޭންވެއްޖެ..." ޝާކިރުގެ އަޑު ކުރެހުނެވެ.
********
"ޝާކިރު ތި ގުޅީ އިޒީގެ ވާހަކަ ދައްކަން ކަމަށް ވަންޏާ، އެ ވާހަކަ ދެން ބާއްވާ... މިހާރު އެއީ މީހެއްގެ އަނތްބެއް..." ޝާކިރުދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް، ފަރުހާދު ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ.
"އަހަންނަށް އެނގޭ އިޒީ މީހަކާ އިންކަން..." ފުން ނޭވާއެއް ދޫކޮށްލަމުން ޝާކިރު ބުނެލިއެވެ. "އަހަރެން މިގުޅީ، އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދޭށޭ ބުނަން... އެކަން ވާނީ އިޒީއަށް... ހަމަ އެންމެ ފަހަރަކު ރިޝާނަށް ނަސޭހަތެއް ދޭށޭ ބުނެދީބަލަ... އެސޮރު އުޅޭ ގޮތުން އަހަރެންގެ ހިތް ފަޅައިގެން ދާން ކައިރިވެއްޖެ... އިތުރު ހަމަ އެއްވެސް ގޮތެއް ނެތީމަ އަހަރެން މި ގުޅީ... ދެން ދުވަހަކުވެސް އެއަށްވުރެ ބޮޑު ކަމަކު ނޭދޭނަން..."
ފަރުހާދު އެއްޗެއް ނުބުނެ އިރުކޮޅަކު ވިސްނަން ހުއްޓެވެ.
"އަހަންނަކަށް ޔަގީންކަމެއް ނުދެވޭނެ... ދަރިއެއްގެ ކަންތަކުގަ ކޮންމެ މީހަކުވެސް ކަންބޮޑުވާނެވަރު އަހަންނަށް އެނގޭ... ވިސްނޭ... އެހެންވީމަ، ޝާކިރުގެ ތި އެދުން އަހަރެން އިޒީއާ ހަމައަށް ގެންގޮސްދޭނަން...." ފަރުހާދު ފޯނު ބާއްވާފައި، ކައިރީގައި ހުރި އިޒީއަށް ބަލައިލިއެވެ.
"މިހާރު ކޮންކަމެއް ކުރަން އެމީހުން އެ އުޅެނީ؟..." އާގިސާ ހިތްހަމަނުޖެހުނެވެ.
"އެއްއިރެއްގަވެސް ރަނގަޅު މީހެއް ނޫން އެ ރިޝާނަކީ... ދަރިފުޅު ބޭނުން ނޫނިއްޔާ އެކަން ކުރާނެކަމެއް ނެތް..." ފަރުހާދު ބުނެލިއެވެ.
އިޒީ ހުރީ ހިޔާލަކަށް ގެއްލިފައެވެ. މާޒީގައި މީހަކު ގޯސްކޮށް ކަންތައް ކޮށްފައި އޮތުމަކީ، އެމީހަކާއިމެދު ގޮތް ނިންމުމަށް އޮތް ސަބަބެއް ނޫނެވެ. ތައުބާވުމުގެ ފުރުސަތުވެސް އެމީހަކަށް ބަންދެއް ނުވެއެވެ. ރިޝާނަކީ ގޯސް މީހެއް ނޫނެވެ. އިންސާނަކަށްވުމުން، ކުށް ކުރެވޭނެއެވެ. އެހެނަސް، އެކަމުގެ ބަދަލު މުޅި އުމުރަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ނަސޭހަތްދީގެން ރިޝާން ބަދަލުކުރެވޭނެނަމަ، އެކަން ނުކޮށްދޭންވީ ސަބަބެއް ނެތެވެ.
********
ބޭރަށް ދާން ތައްޔާރުވެގެން ރިޝާން ނުކުތްއިރު، ސިޓިންގްރޫމުގައި ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. އޭނާ ކުރިއަށް ހިނގަމުން ދިޔައީ، ގޭގައި ތިބީ ކޮން ބައެއްކަން ނޭނގޭ ހާލުގައެވެ. ވަކި ހިސާބަކުން ރިޝާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ސިޓިންގްރޫމުގައި ތިބި މީހުންގެ ތެރެއިން ރިޝާންގެ ލޮލުގައި އަޅައިގަތީ، އިޒީއެވެ. ކަނދުރާ އާއި ހަމައަށް އިސްތަށިގަނޑު ކޮށާލާފައި އޮތުމުން، އިޒީގެ ރީތިކަން ކުރިއަށްވުރެ އިތުރުވެފައިވާހެން ރިޝާނަށް ހީވިއެވެ. ރިޝާންގެ ހިތުގެ ތެޅުން އިތުރުވިއެވެ. އިޒީއަށް ބަލަން އޭނާއަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ.
"ދަރިފުޅާ ބައްދަލުކޮށްލަން އިޒީ އައިސް އޭނީ..." ނަޖުމާއަށް ރިޝާން ފެނުމުން، އަތުގެ އިޝާރާތުން އެތަނަށް އައުމަށް އެންގިއެވެ.
ކައިރީގައި އިން ޔައިލްއަށް ބަލައިލާފައި، އިޒީ ތެދުވިއެވެ. ރިޝާނާއިއެކު އޭނާ ނުކުތީ ގޭގެ ބެލްކަންޏަށެވެ. އިޒީ ގޮނޑީގައި އިށީންނަމަވެސް، ރިޝާން ހުރީ ކޮޅަށެވެ. ކުރިން އިޒީގެ މޫނުން ފެނުނު ބީރަށްޓެހިކަން މިއަދު އެ މޫނުން ނުފެންނާތީވެސް، ރިޝާނަށް އުނދަގޫވިއެވެ.
"ކިހިނެއް؟..." އިޒީ ސުވާލުކުރީ ގާތްގޮތަކަށެވެ.
"އޯކޭ..." ދުރަށް ނަޒަރު ހުއްޓައިލަމުން ރިޝާން ބުނެލިއެވެ.
"ޔަގީން؟..." އިޒީ އަހައިލިއެވެ.
ރިޝާން އަނެއްކާވެސް އިޒީ އާއި ހަތަރުކަޅި ހަމަކުރިއެވެ. އެ ދެލޮލުން ފެނުނީ ރިހުމެވެ. ރިޝާން ދުރު ބަލައިލީ، އޭނާގެ ހިތުގެ އިހުސާސްތައް އިޒީގެ ކުރިމަތީގައި ބޭޒާރުވާން ބޭނުން ނުވާތީއެވެ.
"ބައްޕަ އެއްޗެއް ބުނީދޯ؟..." އިޒީއަށް ބަލައިލުމެއްނެތި ރިޝާން ބުނެލިއެވެ.
"އަހަރެން ވާހަކައެއް ބުނެފިއްޔާ ރިޝާން ގަބޫލު ކުރާނަންތަ؟..." ރިޝާންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އިޒީވެސް ކުރީ ސުވާލެކެވެ.
ރިޝާން ބޯ ޖަހައިލިއެވެ.
"އަހަރެން ރިޝާން ގޯހެއް ނުކުރަން... ތީ ގޯސް މީހެއް ނޫން...." އިޒީ ބުނެލިއެވެ. "މާޒީގަ ކޮންމެ ގޮތަކަށް ކަންތައްވެފަ އޮތަސް، އަހަރެންގެ ހިތުން އެކަންކަން ފޮހެލައިފިން... ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ ބުނެއެއްނު.... އެދުވަހު އެކްސިޑެންޓްވީ، އަހަރެން މަރުން ސަލާމަތްވާން ކަމަށްވެސް ވެދާނެ... އަހަންނަށް އެނގޭ މާޒީ ހަނދާންކުރަން ރިޝާން އަހަންނަށް އެކި ގޮތްގޮތުން އެހީވިކަންވެސް..."
އިޒީގެ ފަހު ޖުމުލަ އަޑު އިވިފައި ރިޝާން ކުއްލިއަކަށް އިޒީއަށް ބަލައިލިއެވެ. އޭނާ އެހީވިކަން އިޒީއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
"ކޮންމެ މީހަކަށްވެސް ގޯސް ހެދޭނެ... އެކަންކަން ވިސްނުނީމަ، ރަނގަޅު ކުރަން މަސައްކަތް ކުރާނީ... މާޒީގަ ގޯސް ހެދުނީމަ، ރިޝާން މަސައްކަތް ކުރީމެއްނު އެކަން ރަނގަޅު ކުރަން... މިއަދުވެސް ގޯސް ހެދުނީމަ، އެކަމެއް އަވަހަށް ރަނގަޅު ކުރާނީއޭ... އަހަންނަށް އެނގޭ ގޯސް މަގަކުން ދާން ރިޝާންވެސް ބޭނުން ނުވާނެކަން... އަހަރެން ރިޝާނަށް އިތުބާރު ކުރަން..." އިޒީ ބޭނުންވީ ރިޝާން އޭނާގެ އަމިއްލަ ނަފުސަށް އިތުބާރު ކުރާށެވެ.
ރިޝާންގެ ދެލޯ ފެންކަޅިވިއެވެ. އިޒީގެ ވާހަކައިން އޭނާއަށް ޖަޒުބާތީ ވެވުނީއެވެ. ކުރެވުނު ކުށުން އަރައިގަންނަން ފަރުދާގެ ފުރަގަހުގައި ރިޝާނަށް ރަނގަޅު ކަމެއް ކުރެވިފައިވާކަންވެސް އޭނާއަށް އެނގުނީ އިޒީގެ ވާހަކައިންނެވެ. އަމިއްލަ މައިންބަފައިންގެ ފަރާތުން ދުވަހަކުވެސް ތައުރީފުގެ ބަހެއް އިވިފައިނުވާތީ، އިޒީގެ އެ ވާހަކައިން ރިޝާންގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ.
"ތޭންކްސް..." ކުރެހިފައިވާ އަޑަކުން ރިޝާނަށް ބުނެވުނެވެ.
"އައިޝާއަށް އިންސާފު ލިބުނީވެސް، ރިޝާން އެކަމުގަ ބުރަ މަސައްކަތްތަކެއް ކޮށްގެންކަން އަހަންނަށް އެނގޭ... މިއަދު ކުށް ކުރި އެންމެން އެތިބީ ޖަލުގަ... އެހެންވީމަ، ރިޝާންވެސް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓާލާ... މަންމަމެން ދެރަވާގޮތަށް ކަންތައް ނުކުރޭ... ނޫނީ، މާދަމާ އެމީހުން ވަކިވެދިޔާމަ، ފަހުން ހިތާމަކުރަން ޖެހިދާނެ..." އިޒީ ވިސްނައިދިނީ ކުޑަ ކުއްޖަކަށް ވިސްނައިދޭހާ ލޯބިންނެވެ.
ރިޝާން މަޑުމަޑުން ބޯޖަހައިލިއެވެ. އޭރު ލުއި ހިނިތުންވުމެއްގެ އަސަރު އެ ތުންފަތުގައި ވިއެވެ. އިޒީގެ އޯގާތެރި ބަސްތަކުން، ރިޝާންގެ ވިސްނުން ބަދަލު ކުރުވީ، މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
ރިޝާންގެ ގެއިން ނުކުތް އިޒީ ޔައިލްގެ އަތުގައި ހިފައިލިއެވެ. ޔައިލް މަޑުމަޑުން އެ އަތަށް ފިތައިލީ، އިޒީ އާއިމެދު ފަރުހުރުވެރިވާ ހާލުގައެވެ.
"ދެން ކޮންއިރަކުންތަ އަހަރެންގެ މައްސަލައަށް ހައްލެއް ލިބޭނީ؟..." ސައިކަލަށް އަރަމުން ޔައިލް އަހައިލިއެވެ.
ޔައިލް ބުނީ އެ ދެ މީހުންގެ ކައިވެނީގެ ވާހަކަ އޮފީސް މީހުންނާއި ހިއްސާކުރާ ވާހަކަ ކަން އެނގުމުން، އިޒީއަށް ހެވުނެވެ.
"ކޮންމެ ކަމަކަށްވެސް ހައްލެއް ލިބޭނެ..." ޔައިލް ބުނީ ކީކޭކަން ނޭނގޭކަމަށް ހަދަމުން، އިޒީ ބުނެލިއެވެ.
*********
އޮފީހަށް ދާން ތައްޔާރުވެގެން އިޒީ ނުކުތްއިރު، ޔައިލް ސައިކަލުގައި ނައްޓާލަނީއެވެ. އިޒީއަށް ސައިކަލާއި ހަމައަށް ދެވުނީ ކިރިޔާއެވެ.
"އަހަރެން ނުގެންދާނަންތަ؟.." ސައިކަލުގެ ކުރިމައްޗަށް އަރަމުން އިޒީ ސުވާލުކުރިއެވެ.
ޔައިލް އަޖައިބުވިއެވެ. ދެމީހުން ވަކީން އޮފީހަށް ދިޔުމަކީ އިޒީގެ ނިންމުމެކެވެ. ކުއްލިއަކަށް އެ ނިންމުން ބަދަލުވުމުން، ޔައިލްގެ ހިތަށް އުފާވެރިކަން ލިބުނެވެ.
"މިއަދު އަހަރެންގެ ފިރިމީހާގެ މައްސަލައަށް ހައްލެއް ހޯދައިދޭން މިއުޅެނީ..." ސައިކަލަށް އަރަމުން އިޒީ ބުނެލިއެވެ.
އޮފީހާއި ހަމައަށް ދެވުނުއިރުވެސް ޔައިލްގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފިލާނުދެއެވެ. އޮފީހަށް ވަނީ ދެމީހުން އެއްކޮށެވެ. ކާން ނުކުތީ ވެސް އެއްކޮށެވެ. އިޒީ ކުރާ ހުރިހާ ކަމެއްގައި ޔައިލް ހުރީ އިޒީގެ ފަހަތުގައެވެ. ކުރިން ނުހުންނަހާ ގާތުގައެވެ. އެކަމަކު، ދެ މީހުންގެ ގާތްކަން ފާހަގަވި އެކަކުވެސް ނެތެވެ. އެކަމުން މާޔޫސްކަން ލިބުނީ ޔައިލްއަށެވެ. އިޒީއަށް އެކަންވީ މަޖާ ކަމަކަށެވެ. އެންމެން އެއްވި ގަޑި ބަލާފައި އިޒީ އޭނާގެ ކައިވެނީގެ ވާހަކަ އިއުލާން ކުރިއެވެ. އެންމެން އަޖައިބުވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ.
"މީ އަހަރެންގެ ފިރިމީހާ...." ޔައިލްގެ އަތުގެ މުލައްދަނޑީގައި ހިފައިލަމުން އިޒީ ބުނެލީ ފަހުރުވެރިކަމާއި އެކުގައެވެ.
ސާރާ ދެލޯ ބޮޑުކޮށްލަމުން ޔައިލްއަށް ބަލައިލިއެވެ. ތަނުގައި ތިބި އެހެން މުވައްޒަފުންނަށްވެސް ވީ އެވަރެވެ. ޝިފްލީން ފިޔަވައެވެ. އިޒީ އާއި ޔައިލް ގުޅުނުކަން އެނގުމުން، ޝިފްލީން ހުރީ އުފަލުންނެވެ. އެތައް ދުވަހެއް ފަހުން އިޒީގެ މޫނުން ފެންނަމުންދިޔަ އުފާވެރިކަމުގެ އަސްލަކީ ޔައިލްއެވެ. ޝިފްލީން ޔައިލްއަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.
"މިހާރު ހެޕީތަ؟..." އިޒީ ސުވާލުކުރީ ހަމައެކަނި ޔައިލްއަށް އިވޭ ވަރަށެވެ.
"ތޭންކްސް މައި ލަވް...." ޔައިލް އަވަސް އަވަހަށް ބޯ ޖަހައިލިއެވެ.
"ބައެއް ކުދިން ތިބީ ދެރަވެފަ..." ކެބިންއަށް ވަންގޮތަށް އިޒީ ބުނެލިއެވެ.
"އަހަރެން ވިސްނަނީ ހަމައެކަނި މިކުއްޖާއާ ދޭތެރޭ..." ޔައިލް އިޒީ އާއި ގާތަށް ޖެހުނެވެ. "މި ހިތް އެދެނީ މުޅި އުމުރަށް މިކުއްޖާއާ އެކީ ވާން..."
********
ގޭތެރެ އެއްވަސް ކުރުވާފައިވީ ކާތަކެތީގެ މީރު ވަހުންނެވެ. އިޒީ އާއި ޔައިލް އޮފީސް ނިންމާފައި ގެއަށް އައިއިރު، އާގިސާ އާއި އާމިނަތު ބަދިގެ ތެރޭގައި އުޅޭތީ ފެނުނެވެ. ފަރުހާދު އިނީ ޓީވީ ބަލާށެވެ. ޔައިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފަހަރަކު އެއްޗެއް ރަހަބަލަން ފެށިއެވެ. އާމިނަތު ޔައިލްގެ ފަހަތުން ދުއްވައިގަތްއިރު، ޔައިލްގެ ސަލާމަތުގައި ހުރީ އާގިސާއެވެ. ފަރުހާދުވެސް ޓީވީދަށުގައި ނީނދެވިގެން ކާގެއަށް ދިޔައެވެ.
އެންމެން ހީހީފައި އުޅުނު މަންޒަރު ބަލަން އިޒީ ހުރީ ފެންކަޅިވެފައެވެ. މިއަދު އޭނާގެ އެކަނިވެރި ދިރިއުޅުން ނިމުމަކަށް އައިސް، އެހެން މީހުންނަށް އިތުބާރު ކުރެވެން ފަށައިފިއެވެ. މާޒީގައި ދިމާވި ހިތާމަތަކަށް ފަރުވާ ލިބިއްޖެއެވެ. އެކަނިވެރިކަމުން ނުލިބުނު އެ ފަރުވާ ލިބުނީ، ލޯބިވާ މީހުންގެ ފަރާތުންނެވެ. އާއިލާއެއްގެ މުހިއްމުކަމަކީ އެއީއެވެ. އެފަދަ އުފާވެރި އާއިލާއެއް ލިބިދާނެކަމަށް އިޒީ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އިޒީ ހިތާއިހިތުން ޝުކުރުވެރިވިއެވެ. އެ ހިތުގެ އެދުން ފުރިހަމަވީތީ، މާތްﷲއަށް ހަމްދު ކުރަމުން، ދިރިއުޅުމުގެ އައު ބާބެއް ފެށުމަށް ތައްޔާރުވިއެވެ.
(ނިމުނީ)
ٱلْحَمْدُ لِلَّٰهِ