ސިނަމާލެ ބުރިޖުގައި ސައިކަލުގެ އެއް ފަޅިއަކަށް އިށީނދެ އިނދެ ދުއްވި މީހެއްގެ ވީޑިއޯ އާންމުވުމުން، ފުލުހުން އެ މީހާ ހޯދައި އޭނާ ޖޫރިމަނާކޮށްފިއެވެ.
ޓިކްޓޮކްގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ ކަޅު ކުލައިގެ އެއާ ބްލޭޑެއް ސިނަމާލޭ ބްރިޖު މަތީ ދުއްވަމުން ދިޔަ މީހަކު، ސައިކަލު ދުއްވި ވަގުތު ވަކި ފަޅިއަކަށް ބުރަވެ އިށީންނަ މަންޒަރެވެ. ދިހަ ސިކުންތުވަންދެން ވަކި ފަޅިއަކަށް ބުރަވެ އިނުމަށްފަހު، ކުރިން އިން ގޮތަށް ރުޖޫއަވެއެވެ.
ފުލުހުން މިރޭ ބުނީ، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ، އެ އުޅަނދާއި އުޅަނދު ދުއްވި މީހާ ދެނެގަނެ، އެ އުޅަނދު 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައި އޭނާ ޖުރީމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޖޫރިމަނާކުރީ ކޮން އަދަދަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ ވީޑިއޯ ނަގައިފައިވަނީ ކޮން ދުވަހަކު ކަމެއް މިހާތަނަށް ކަށަވަރުކުރެވިފައިނުވެއެވެ. އަދި އެ މައްސަލައިގައި ޝާމިލުވާ މީހާގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ސިނަމާލެ ބްރިޖު މަތީގައި ބަނޑު އަޅައި އޮށޯވެ އޮވެ ތިން މީހަކު ސައިކަލު ދުއްވި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މީގެ މަހެއް ކުރިން އާންމުވިއެވެ. އެ މައްސަލައިގައި އެ ތިން މީހުންގެ ސައިކަލު ވެސް 30 ދުވަހަށް ޓޯ ކުރިއެވެ.
މީގެ ކުރިން ވެސް ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނައަށް ނުރައްކާވެފައި އެބަހުއްޓެވެ. އަދި އޭގެ ތެރޭގައި މަރުގެ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭގެ ތެރޭގައި ވެސް ގިނައީ ޒުވާނުންނެވެ.
ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖެއްގެ ހާލު ސީރިޔަސްވެ، އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1،984 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވެއެވެ.