ރިސޯޓުތަކަށް ލިބޭ އާމްދަނީން 40 އިންސައްތަ މާރުކުރަން އެންގުމަކީ، ތަދުވާ ތަނަކަށް ފަރުވާ ހޯދާއިރު އެމްއާރުއައި ނުހަދައި، ބެންޑޭޖު އެޅުމުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ސިފަކުރައްވައިފިއެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުން 40 އިންސައްތަ މާރުކުރަން މިދިޔަ ހަފުތާގައި އެންގީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
އެ އިސްލާހުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ ބަދަލު ގެންނެވީ ދިރާސާ ކުރެއްވުމަށް ފަހުގައި ކަމަށާއި މި ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.
މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ގެންނަން ނިންމަވާފައިވާ ކަމަށް އިއުލާނުކުރެއްވި ބަދަލުތަކެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ، ރިސޯޓުތަކަށް ޑޮލަރު މާރުކުރަން އެންގުމަކީ ތަދުތަނެއްގައި އެމްއާރު ނުހަދާ ބެންޑޭޖު އެޅުން ކަމަށް -- ފޮޓޯ/ ޕީއެންއެފްނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ ވިދާޅުވި ގޮތުގައި، މިއީ އާންމުންގެ މަސްލަހަތަށްޓަކައި ރައީސް މުއިއްޒު ގެންނެވި ބަދަލެކެވެ.
މި ވާހަކަތަކަށް މިރޭ، އަމިއްލަ ގެކޮޅުގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ރައްދުދެއްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރުން 40 އިންސައްތަ މާރުކުރަން އެންގީ ދެކޮޅު ޖެއްސޭނެ ގޮތެއް ސަރުކާރަށް ނެތުމުން ކަމަށެވެ.
ޕީއެންއެފުގެ ޖަލްސާތަކުގައި ސަރުކާރަށް ޕްރެޝަރު ކުރާތީ ޑޮލަރު އެތެރެކުރެވޭތޯ މަސައްކަތްކޮށްފި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"ދިރާސާއެއް ނުކުރެ. ދިރާސާކޮށްފައި ކުރަންޏާ މުނައްވަރަށް އެނގިވަޑައިގަންނަވާނެ ރިޒާވްގައި ބަހައްޓަން އެ ބުނި މިންވަރުން އެއްވެސް އަސަރެއް ނުކުރާނެ،" އެ މަނިިކުފާނު އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.
ކުރީގެ ރައީސް ޔާމީން -- ސަން ފޮޓޯ: މޫސާ ނަދީމްރާއްޖެއަށް ޑޮލަރު ވަންނަ ނިސްބަތަށް އިޝާރާތްކުރައްވައި ޔާމީން ކިޔައިދެއްވި ގޮތުގައި، މިހާރު ގާތްގަނޑަކަށް 3.5 ބިލިއަނާއި ފަސް ބިލިއަނާ ދޭތެރޭގެ އަދަދެއްގެ ރުފިޔާ ގައުމުގައި އެބަ ދައުރުވެއެވެ. އެ އަދަދު ކުޑަކުރެވިގެން ނޫނީ ޑޮލަރު ލިބޭ ވަރު ގިނަ ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ގާނޫނަކުން ރިސޯޓުތަކަށް 40 އިންސައްތަ މާރުކުރަން އެންގުމުން އެކަން ކުރި ނަމަވެސް ހުރިހާ ރިސޯޓުތަކުން ދުސްތޫރީ މައްސަލައެއް ކޯޓަށްލައިފިނަމަ، ރިސޯޓުތައް މޮޅު ވާނެ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ، ދެމެހެއްޓޭނެ ގާނޫނެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރަން ބިސް އަޅާ ކުކުޅަށް ކިހިނެއްތޯ މިހެދީ. އެހެންވީމަ ވިދާޅުނުވޭ މިއީ ދިރާސާކޮށްފައި ކުރި ކަމެކޭ. މިއީ ދިރާސާކޮށްފައި ކުރި ކަމެއް ނޫން. [މިއީ] ތަދުވާ ތަނެއްގައި އެމްއާރު ނުހަދާ، ތަދު މި ވަނީ ކީއްވެތޯ ބަލާނުލާ ބެންޑޭޖު އެޅުން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އެ އިސްލާހާ ދެކޮޅަށް ވާހަކަދެއްކެވިއިރު، ރިސޯޓުތަކުގެ މުވައްޒަފުން އަންނަނީ މި އިސްލާހާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އަދި އިދިކޮޅު ސިޔާސީ އެހެން ލީޑަރުން ވެސް އެ ބަދަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.