އިންޑިއާގެ ބަތަލާ ޕަރިނީތީގެ ދެމަފިރިން ދަރިފުޅާ އެކު ރާއްޖޭގައި

އިންޑިއާގެ ބަތަލާ ޕަރިނީތީ ޗޯޕްރާ ފިރިމީހާ ރާގަވް ޗައްދާއާ އެކު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ މަގުބޫލު ބަތަލާ ޕަރިނީތީ ޗޯޕްރާގެ ދެމަފިރިން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

މީގެކުރިންވެސް އެކި ފަހަރުމަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބަތަލާގެ މިފަހަރު ދަތުރުގައި މަޑުކޮށްލައިގެން ހުރީ ރ.އަތޮޅުގައި އޮންނަ ފަސް ތަރީގެ ލަގްޒަރީ ރިސޯޓު ޖޯލި މޯލްޑިވްސްގައެވެ.

ބެލެވޭގޮތުގައި ޕަރިނީތީ އާއި ފިރިމީހާ ރާގަވް އަދި އަލަތު ދަރިފުޅު ނީލް ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޕަރިނީތީ ވަނީ ޖޯލި މޯލްޑިވްސްގެ ސީޕްލޭންގައި ދަތުރުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްގެ އިތުރުން އެ ރިސޯޓުގައި ނަގާފައިވާ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ބަތަލާ ޕަރިނީތީ ޗޯޕްރާ ޖޯލި މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

މި ޕޯސްޓުތައް ހިއްސާކުރަމުން ޕަރިނީތީ ބުނީ، ޖޯލި މޯލްޑިވްސްގެ އަމިއްލަ ސީޕްލޭންއެއް އޮތުމުން އެ ރިސޯޓަކީ ފަތުރުވެރިންނަށް ބޭނުންވާ ފުރިހަ ޚިދުމަތާއި ހިތްހަމަޖެހުން އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދޭނެ މަންޒިލެއްކަން ސާބިތުކޮށްދޭ ކަމަށެވެ.

ޕަރިނީތީ އެންމެފަހުން ރާއްޖެއަށް އައިސްފައި ވަނީ މީގެ ދެ އަހަރު ކުރިން ބަތަލާގެ ކައިވެންޏަށް އަހަރުފުރުން ފާހަގަކުރުމަށެވެ. އިންޑިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ރާގަވް ޗައްދާ އާއި ޕަރިނީތީ ކައިވެނިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ކައިވެންޏަށްފަހު އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ޕަރިނީތީ ވަނީ ފިލްމީ މަސައްކަތާ ދުރަށްޖެހިލާފައެވެ. ނަމަވެސް ބައެއް ޝޯތަކުންނާއި އިޝްތިހާރުތަކުގައި ޕަރިނީތީ ވަނީ ފެނިފައެވެ. ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ލޭޑިސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2024ގައި ރިލީޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު "އަމަރް ސިންގް ޗަމްކީލާ"އިންނެވެ.

comment ކޮމެންޓް