ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި އެއްގޮތް އުސޫލުތަކެއްގެ މައްޗަށް: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްްޒު މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުމަކީ ދެ ގައުމުން ގަބޫލުކުރާ އެއްގޮތް ކަންތައްތަކާއި، އެއް ގައުމު އަނެއް ގައުމަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވަކިވަކިން ސިޓީފުޅު ފޮނުއްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެ ގައުމުގެ ވެރިންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްޙަމަސަލަސްކަމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.

ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތީ އެކުވެރިކަމާއި އަދަބުއިޙްތިރާމާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެކެވެ.

"ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބިނާވެފައި ވަނީ ދެ ގައުމުން ގަބޫލުކުރާ އެއްގޮތް ކަންތައްތަކާއި އިޙްތިރާމުގެ މައްޗަށް،" ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި އެކުވެރި ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވީ، ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން އިގްތިޞާދީ ކުރިއެރުމަށާއި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ.

އަދި މި ގުޅުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ އިޤްތިޞާދީ ގުޅުންތައް ފުޅާވެ، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި އިނގިރޭސީންގެ އަޅުވެތިކަމުން މެލޭޝިއާ މިނިވަންވީ 1957 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1968 ވަނަ އަހަރެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތަޢުލީމު ޙާސިލުކުރުމަށާއި ޗުއްޓީ ދަތުރުތަކުގައި ގޮސް އުޅޭ ރާއްޖެއާއި ގާތްގުޅުމެއް އަބަދު ވެސް އޮންނަ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް