އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް ސަރުކާރުން އުފައްދަވާފައިވާ "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީސީއޯގެ މަގާމުގައި ހުންނެވި އާއިޝަތު ޒަމްރާ ޒާހިރު ހަމަޖައްސަވައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މި މަގާމަށް އޭނާ ވަނީ އައްޔަންކުރައްވައިފައެވެ. ނަމަވެސް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރަސްމީ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވީ މި ހިނގާ މަހުގެ 27 ވަނަ ދުވަހެވެ.
މި ކޯޕަރޭޝަން އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލްގެ ދަށުން ހަންކެޑަ ތަރައްގީކޮށް، އައްޑޫ ސަރަޙައްދުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދިނުމާއި، މި ދާއިރާގައި އެ ސިޓީގެ ބައިވެރިވުން އިތުރުކޮށް، މި މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އިގްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހަރުދަނާ އުސޫލަކުން ކުރުމެވެ.
ހަންކެޑަ އަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރާ ސަރަޙައްދެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، 2021 ޑިސެމްބަރު ދެވަނަ ދުވަހު ގަރާރަކުން ކަނޑައަޅުއްވާފައެވެ.