ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓު އެމްއެމްއޭއަށް މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓައިގެން ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރެއްވުމަށް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ތަސްދީގުކުރެވުނު ބިލުގެ ދަށުން ރިސޯޓުތަކުން ކުރިން ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން ބަދަލުވެ، ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާދަމާއިން ފެށިގެން ބޭންކުތަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ކެޓަގަރީ ބީ ނުވަތަ ގެސްޓްހައުސް ވިޔަފާރިތަކަށާއި، މި ދާއިރާގައި މަސައްކަތްކުރާ އެއްވެސް ދިވެއްސަކަށް މިހާރު ޤާނޫނުގައި އޮތް މިންވަރަށް ބަދަލެއް ނާންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަމަށް ވިދާޅުވިއެވެ. މި އައު އިސްލާހުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ޚާއްސަކޮށް އަސާސީ މުދާ އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައެއް ރިސޯޓު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ހިސާބުތަކާއި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.
"ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނުވަތަ އޮޕަރޭޝަނަލް ޚަރަދުތަކަށް އެއްވެސް ދައްޗެއް ނުވާނެ ސާޅީސް އިންސައްތަ މާރުކޮށްގެން. އެއީ ޔަގީންކަމެއް،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ލިބެންޖެހޭ މުސާރަ ޑޮލަރުން ދިނުން އެއްގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެ ކަމަށާއި، އެކަން ކުރުމަކަށް އެއްވެސް އުޒުރެއް ނެތް ކަމަށް ވިދާޅުވެ ރައީސް ވަނީ މުވައްޒަފުންގެ ހައްޤުގައި ވަކާލާތުކުރައްވާފައެވެ. މުވައްޒަފުންގެ މުސާރައާއި ލޯނުތައް ދެއްކުމަށްފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ހުންނާނެކަން ފާހަގަކުރައްވައި، ރައީސް ވަނީ ހުރިހާ ފަރާތްތަކުން ވެސް ގާނޫނަށް ފުރިހަމައަށް ތަބާވެ، ގައުމީ އަދި ވިޔަފާރީގެ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި މި ގާނޫނު ތަންފީޒުކުރުމުގައި އެމްއެމްއޭ އަދި ކަމާބެހޭ އިދާރާތަކުން ފުރިހަމަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކުން ވެސް ޤާނޫނަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޑޮލަރުން މުސާރަ ދިނުން ހުއްޓައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުމާއި، ރާއްޖޭގެ އެތެރޭގައި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުމާއި، އެފަދަ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް 2030 ވަނަ އަހަރާ ހަމައަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މި މަހުގެ 24ވަނަ ދުވަހު ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނު ތަސްދީގުކުރެއްވިއިރު މި ބަދަލާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓު މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ވެސް ވަނީ ސޮއިކުރަން ފަށައިފައެވެ.
އެ ޕެޓިޝަންގައި ވަނީ ރިސޯޓު މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް ޑިމާންޑުކޮށްފައެވެ.