ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-7 ކައިރި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ އަންހެންކުއްޖާ މަރުވެއްޖެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ މިއަދު ފަތިހުގެ ވަގުތުގައެވެ. އެއީ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ފަހަތުގައި އިން އަންހެން ކުއްޖާއެވެ. އެ ކުއްޖާގެ ހާލު ސީރިއަސްކަމުން ފަރުވާދެމުން އައީ ވެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް-2 ގެ ހިތިގަސްމަގު، ވިނަރެސް-7 ކައިރީގައެވެ.
ފުލުހުން ބުނި ގޮތުގައި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް-7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ދެން އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށެވެ.