މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "އާވާރާޕަން 2" އަކީ، ކެރިއަރުގެ އެންމެ ފުރިހަމަ ފިލްމުގެ ގޮތުގައި އެ ފިލްމުގެ ލީޑް ރޯލް ކުޅެފައިވާ އިމްރާން ހާޝްމީ ސިފަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އިމްރާން ބުނީ، ބައެއް ފިލްމުތަކަކީ ހަމައެކަނި މަސައްކަތެއްގެ ގޮތުގައި ބެލެވޭ އެއްޗެއް ކަމަށާއި، ނަމަވެސް "އާވާރާޕަން 2" އަކީ ބައިވެރިވެވުނީތީ އިންތިހާއަށް ފަޚުރުވެރިވާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮޑިއުސަރު ވިޝޭޝް ބަޓްގެ ތަސައްވުރަށާއި ސާބިތުކަމަށް އިމްރާން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ވިޝޭޝް ބަޓްގެ ހިތްވަރާއި ތަސައްވުރުގެ ސަބަބުން މުޅި ފިލްމަށް ދިރުން ލިބުނު ކަމަށާއި، އޭނާއާ އެކު މަސައްކަތް ކުރަން ނިންމި ނިންމުމާމެދު މިހާރު އުފާކުރާ ކަމަށް އިމްރާން ވަނީ ބުނެފައެވެ.

އިމްރާން ހާޝްމީ--ފޮޓޯ/އިންޑިއާޓުޑޭ
އަސަރުގަދަ މިއުޒިކާއި، ވަރުގަދަ އެކްޝަން ހަރަކާތްތަކެއް ހިމެނޭ ގޮތަށް ބޮޑު ބަޖެޓަކުން ތައްޔާރުކޮށްފައިވާ މި ފިލްމަކީ ސިނަމާގައި ބަލާލަން އެންމެ އެދެވޭ އެއް ފިލްމު ކަމަށްވެސް އިމްރާން ފާހަގަކުރިއެވެ.
މި ފިލްމަކީ ކުޑަކުދިން ރަހީނުކޮށްގެން ކުރާ ވިޔަފާރިއާ ދެކޮޅަށް އިންޓަޕޯލް އޮފިސަރަކަށް އެހީތެރިވުމަށް ފިލްމުގެ މައި ކެރެކްޓާ ކުރާ މަސައްކަތާއި، ބަދަލުހިފުމާއި އަދި އިސްލާހުވުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ގޭންގްސްޓާ ޑްރާމާއެކެވެ.
ފިލްމު "އާވާރާޕަން 2" އަކީ، 2007 ވަނަ އަހަރު ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދިން "އާވާރާޕަން"ގެ ސީކުއަލްއެކެވެ. ދެވަނަ ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައިވާ ތަރިންގެތެރޭ، ދިޝާ ޕަޓާނީ އަދި ޝަބާނާ އަޒްމީ ހިމެނެއެވެ.
އެންމެ 45-25 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް 205.65 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.