މަގުބޫލު ވިޝުއަލް ކޮމިއުނިކޭޝަން ޕްލެޓްފޯމް ކެންވާއިން އެ ކުންފުނީގެ "ވިޝުއަލް ސޫޓް" ގެ ވަސީލަތްތަކަށް މުހިންމު އައު ފީޗާތަކެއް ތައާރަފުކޮށް، މުޅި ދުނިޔެއަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މީގެ ތެރޭގައި ކެންވާ ޑޮކްސް، ޝީޓްސް، ވައިޓްބޯޑްސް، ޕްރެޒެންޓޭޝަންސް އަދި ވެބްސައިޓް ހިމެނޭހެން ގިނަ ޓޫލްތަކަކަށް އައު އަޕްގްރޭޑްތައް ވަނީ ގެނެސްދީފައެވެ. ކެންވާއިން ބުނި ގޮތުގައި މި ބަދަލުތަކާއެކު، މި އަހަރުގެ ތެރޭގައި އެކަނިވެސް އެ ކުންފުނީގެ ވިޝުއަލް ސޫޓަށް 100 އަށް ވުރެ ގިނަ އައު ފީޗާ ވަނީ އިތުރުކޮށްފައެވެ.
ކެންވާ ޑޮކްސްއަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އިތުރަށް ފުރިހަމަކޮށްފައިވާ ވިޝުއަލް ލޭއައުޓްތަކާއި ފޯމެޓިން ކޮންޓްރޯލްތައް ހިމެނެއެވެ. އަދި އާދައިގެ ޓެކްސްޓް ލޭއައުޓްތަކުން ބޭރުވެ، ފުރިހަމަ ފުލް-ޕޭޖް ޑިޒައިންތައް ހެދުމުގެ ފުރުސަތު ދިނުމުގެ އިތުރުން، އޮޓޮމެޓިކް ޕޭޖް ބްރޭކްސް ފީޗާއާއި އައު ސްޓައިލްތައް ވެސް މިހާރު ޑޮކްސް އިން ލިބެން ހުންނާނެއެވެ.
ޑޭޓާ އެނަލިސިސްއަށް ބޮޑު ލުޔެއް ގެނެސްދިނުމުގެ ގޮތުން، ކެންވާ ޝީޓްސްއަށް ވަނީ އައު އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ގާބިލިއްޔަތުތައް ތައާރަފުކޮށްފައެވެ. މި އައު އޭއައި ފީޗާތަކުގެ އެހީގައި ޝީޓްސްގައި ހުންނަ ޑޭޓާތައް ވަގުތުން ދިރާސާކޮށް، ޗާޓުތަކަށާއި ތާވަލުތަކަށް ބަދަލުކޮށްލެވޭނެއެވެ. މީގެ އިތުރުން ޝީޓްސް ފޯމެޓްކުރުމާއި ކަސްޓަމައިޒްކުރުމަށް އައު ގޮތްތަކެއް ތައާރަފުކޮށްފައިވާއިރު، ކޮލަމް ފޮރުވުމާއި، ޕަބްލިކް ފިލްޓަރުތައް ބޭނުންކުރުމާއި، އަދި ރޯތައް ގްރޫޕްކޮށްލެވޭ ފީޗާތައް ވަނީ ހިމަނާފައެވެ.
ޓީމުތަކަށް އެކުގައި މަސައްކަތްކުރުމަށް ހާއްސަ ކެންވާ ވައިޓްބޯޑްސްއަށް "ފޮލޯ ކޮލެބޮރޭޓާސް" ގެ ނަމުގައި އައު ފީޗާއެއް ވަނީ ގެނެސްދީފައެވެ. މި ފީޗާގެ ސަބަބުން ބޯޑުގައި އެހެން މީހަކު މަސައްކަތްކުރަމުންދާ ދިމާއަށް އެންމެ ކްލިކަކުން ވަގުތުން ވާސިލުވެވޭނެއެވެ. އަދި އިންފިނިޓް ކެންވަސްގެ ތެރޭގައި ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށް ޕޭނިން އަޕްގްރޭޑްކޮށް، މޮބައިލް ޕޭސްޓިން ހިމަނައި، ވަން-ކްލިކް ރިއެކްޝަންސް ވަނީ ތައާރަފުކޮށްފައެވެ. މީގެ އިތުރުން ވައިޓްބޯޑެއް އެންމެ ކްލިކަކުން ޕްރެޒެންޓޭޝަނަކަށް ނުވަތަ ޑޮކިއުމަންޓަކަށް ބަދަލުކޮށްލުމުގެ ގާބިލުކަން ވެސް ވަނީ ދީފައެވެ.
ކެންވާ ޕްރެޒެންޓޭޝަނަށް ބަލާއިރު، އެންމެ ކްލިކަކުން ޕްރެޒެންޓްކުރަން ފެށޭ ފީޗާގެ އިތުރުން، ޕްރެޒެންޓޭޝަން ދައްކަމުންދާއިރު ވަގުތު މެނޭޖުކުރުމަށް އެހީތެރިވެދޭނެ "އެސްޓިމޭޓެޑް ޕްރެޒެންޓިން ޓައިމަރު" އެއް ވަނީ ހިމަނާފައެވެ. ކެންވާ ވެބްސައިޓްސްއަށް ވަނީ އެސްއީއޯ (ސާޗް އިންޖީން އޮޕްޓިމައިޒޭޝަން) އަދި ޑޮމެއިން ކޮންޓްރޯލްތައް އިތުރަށް ވަރުގަދަކޮށް، ބޭނުންކުރަން ފަސޭހަވާނެ ގޮތަށް އެކްސްޕޭންޑެޑް ބަޓަންތަކެއް ތައާރަފުކޮށްފައެވެ.
ކެންވާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގައި އެ ކުންފުނީގެ ވިޝުއަލް ސޫޓް އެންމެ ގިނައިން ބޭނުންކުރަނީ އިންޑިއާގައެވެ. އަދި އިންޑިއާގެ ޔޫޒަރުންގެ ތެރެއިން 70 އިންސައްތައަށް ވުރެ ގިނަ މީހުން ޑިޒައިންތައް ތައްޔާރުކުރަނީ ފޯނު އެޕްލިކޭޝަން މެދުވެރިކޮށެވެ.
މުޅި ދުނިޔޭގައި މިހާރު ކޮންމެ މަހަކު އެއް ބިލިއަނަށް ވުރެ ގިނަ ޑިޒައިން ކެންވާ މެދުވެރިކޮށް އުފައްދަމުންދާއިރު، ކޮންމެ މިނެޓަކު 1،000 ޑޮކްސް، 3،000 ޕްރެޒެންޓޭޝަން އަދި 5،000 ސޯޝަލް މީޑިއާ ޕޯސްޓް އެ ޕްލެޓްފޯމުގައި އުފައްދައެވެ. އަދި ހަމައެކަނި ކެންވާ ޕްރެޒެންޓޭޝަންސް ވެސް ކޮންމެ މަހަކު 100 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.