އިންޑިއާގެ ހައިދަރުއާބާދު ސެންޓްރަލް ޔުނިވަސިޓީގައި އިނގިރޭސި ބަހުން ޕީއެޗްޑީ ހަދަމުންދިޔަ ދަރިވަރަކަށް 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ކުރިމަތިވި ނުރައްކާތެރި ބްރެއިން ސްޓްރޯކަކާ ގުޅިގެން، ފަރުވާ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ބުނެ، ކޮންސިއުމަ ކޮމިޝަނުން އަމިއްލަ ހޮސްޕިޓަލަކާއި އެތަނުގެ ނިއުރޮލޮޖިސްޓް ކުށްވެރިވާ ކަމަށް ކަނޑައަޅައިފިއެވެ.
މި ހާދިސާގައި ސްޓްރޯކް ޖެހުނުތާ ހަތަރު ދުވަސް ފަހުން އެ ދަރިވަރު ވަނީ މަރުވެފައެވެ.
ހައިދަރުއާބާދު ޑިސްޓްރިކްޓް ކޮންސިއުމަ ޑިސްޕިއުޓްސް ރެޑްރެސަލް ކޮމިޝަނުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ، އުމުރުން 30 އަހަރުގެ މި ދަރިވަރަށް ދޭންޖެހޭ ކުއްލި ފަރުވާ ލަސްކުރުމަކީ ހޮސްޕިޓަލާއި ޑޮކްޓަރުގެ ފަރާތުން ވެފައިވާ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.
އެހެންކަމުން، އެ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމާއި މުސްތަގުބަލުގެ އުއްމީދުތައް ބުރޫއެރުމުގެ ބަދަލެއްގެ ގޮތުން 1 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 1.2 މިލިއަން އެމެރިކާ ޑޮލަރު) އަދި ޤާނޫނީ ޚަރަދުގެ ގޮތުގައި 50,000 ރުޕީސް ދަރިވަރުގެ މައިންބަފައިންނަށް ދިނުމަށް ވަނީ ހުކުމްކޮށްފައެވެ.

އިންޑިއާގެ ހޮސްޕިޓަލެއްގައި މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ކޮމިޝަނުގެ ރައީސާ ބީ އުމާ ވެންކަޓަ ސުއްބާ ލަކްޝްމީ އަދި މެންބަރުން ކަމަށްވާ ސީ ލަކްޝްމީ ޕްރަސަންނާ އާއި ބީ ރާޖީ ރެޑީ ބެއްލެވި މި މައްސަލައިގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވަނީ، ކޮވިޑް-19 ގެ އާރުޓީ-ޕީސީއާރު ޓެސްޓުގެ ނަތީޖާ ލަސްވުމާއި، އާއިލާގެ ހުއްދަ ހޯދުމުގެ ނަމުގައި ކޮންމެހެން ދޭންޖެހޭ އަވަސް ފަރުވާ ދިނުން ގަސްތުގައި ލަސްކޮށްފައިވާ ކަމަށެވެ.
އާއިލާއިން ހާމަކުރި ގޮތުގައި، 17 އޮގަސްޓް 2020ގައި ދަރިފުޅަށް ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ސްޓްރޯކް ޖެހޭތާ އެންމެ ފުރަތަމަ ހަތަރު ގަޑިއިރުގެ ތެރޭގައި ދޭންޖެހޭ މުހިންމު ކުއްލި ފަރުވާ ދިނުމުގެ ބަދަލުގައި، ހޮސްޕިޓަލުން އިސްކަންދިނީ އެޑްވާންސް ފައިސާ ހޯދުމަށެވެ.
އޭގެ އަނެއް ދުވަހު އޮޕަރޭޝަން ކުރާނެ ކަމަށް ބުނެ، ފަހުން ވަނީ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުމާ ހަމައަށް އޮޕަރޭޝަން މެދުކަނޑާލާފައެވެ. އަދި 19 އޮގަސްޓުގައި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވުމުން، އެހެން ހޮސްޕިޓަލަކަށް ބަލިމީހާ ބަދަލުކުރުމަށް އެންގިއެވެ. ނަމަވެސް، ދެވަނަ ހޮސްޕިޓަލަށް ގެންދެވުނުއިރު އެ ދަރިވަރު އޮތީ ސިކުނޑި މަރުވެފައެވެ.
މި މައްސަލައިގައި ހޮސްޕިޓަލުން ދިފާއުގައި ބުނެފައިވަނީ، އެއީ ކޮވިޑަށް ފަރުވާދޭ މަރުކަޒަކަށް ނުވާތީ ސަރުކާރުގެ އުސޫލުތަކާ އެއްގޮތަށް ޓެސްޓު ހެދުން ލާޒިމުވި ކަމަށެވެ. އަދި ބަލިމީހާ ހޮސްޕިޓަލަށް ގެނެވުނީ ހަތަރު ގަޑިއިރުގެ "ކްރިޓިކަލް ވިންޑޯ" ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ނަމަވެސް ކޮމިޝަނުން ކަނޑައެޅި ގޮތުގައި، އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ކުއްލި ފަރުވާއަކަށް އިދާރީ ހުރަސްތަކާއި ހުއްދަތަކުގެ ސަބަބުން އެއްވެސް ލަސްކަމެއް އައިސްގެން ނުވާނެއެވެ. މި ދަރިވަރަކީ އާއިލާގެ މުސްތަޤުބަލާއި މާލީ ހާލަތު ބިނާކުރުމުގެ ބޮޑު އުއްމީދެއް އޮތް ޒުވާނަކަށް ވީހިނދު، ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން އެ އާއިލާއަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައެވެ.
މި ނިންމުމަކީ ސިއްޙީ ކުއްލި ހާލަތްތަކުގައި އިދާރީ އުސޫލުތަކަށްވުރެ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް އިސްކަންދޭންޖެހޭނެކަން ސާފުކޮށް ހާމަކޮށްދިން މުހިންމު ނިންމުމެކެވެ.