"ލޯނެއް ބޭނުންވަނީ." ނަހާ ބުނެލިއެވެ.
"ލޯނެކޭ... ދަރިފުޅު ކީއްކުރާ ލޯނެއް؟" ކަމްރާންއަށް ބުނެވުނެވެ.
"ލިބޭނެތަ ނޫނީ ނުލިބޭނެތަ؟" ކަމްރާންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ނަހާ ވެސް ކޮށްލީ ސުވާލެކެވެ. ބައްޕަގެ އެ ސުވާލަށް ޖަވާބު ދޭން އޭނާ ބޭނުންނުވާ ފަދަ އަސަރުތައް އޭރު އެ މޫނުމަތިން ފެންނަމުން ދިޔައެވެ.
"ކިވާވަރެއް ބޭނުންވަނީ؟" ކަމްރާން މި ފަހަރު ސުވާލުކޮށްލިއެވެ.
"އެއްލައްކަ ފަންސާސް ހާސް." ނަހާ ބުނެލިއެވެ. އެއަށްފަހު، އޭނާ ކަމްރާނަށް އަވަސް ނަޒަރެއް ދީފައި އަވަސްއަވަހަށް ނަޒަރު ވަކިކޮށްލައިފިއެވެ.
"އެއްލައްކަ ފަންސާސް ހާހޭ؟ ކީއްކުރަން އެހާ ބައިވަރު؟" ކަމްރާނަށް އަހައިލެވުނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމުގެ އަސަރެވެ. ކުރިމަތީގައި އިން އޭނާގެ އަމިއްލަ ދަރިފުޅަށް ބަލަން އިނީ ޖަވާބަކަށް ބޭނުންވެފައިވާ ޙާލުގައެވެ. އޭނާގެ ފަރާތުން ލޯނަކަށް އެދި އެ ދަރިފުޅު އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ނަހާ ބޭނުންވެއްޖެ ނަމަ ބޭނުން ވަރަކަށް އޭނާ ފައިސާ ދީފާނެއެވެ. އެ ކަމަކަށް އޭނާ ހުރަހެއް ވެސް ނާޅާނެއެވެ. އެހެންނަމަވެސް، އޭނާއަށް އެ ފައިސާއިން ކުރާނެ ކަމެއް އެނގެން ޖެހޭކަމުގައި ކަމްރާން ޤަބޫލުކުރެއެވެ. ނަހާއަކީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އެއީ ވިސްނޭ ހަރުދަނާ ކުއްޖެއްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް، އެ ވަރުގެ އަދަދަކަށް ފައިސާ ދޭން ބުނާ އިރު އެ ފައިސާއިން ކުރާކަމެއް ވެސް އޭނާގެ ގާތުގައި ބުނަންޖެހޭނެއެވެ. އެހެން ނޫނަސް ނަހާ ބޭނުންކަމެއް ކުރުމަށް ލޯނެއް ނޫނަސް، އޭނާ ބޭނުންވަރަކަށް ފައިސާ ޚަރަދުކޮށްފާނެއެވެ. ވީއިރު ނަހާ ކަންބޮޑުވަނީ ކޮންކަމަކާ ހެއްޔެވެ؟
"ބައްޕަ ޤަބޫލުކުރަނީ ދަރިފުޅު ތި ކުރަން އުޅޭކަމެއް ބައްޕައަށް އެނގެން ޖެހޭނެކަމަށް. އެއްގޮތަކަށް ވެސް ފައިސާ ނުދޭކަށް ނޫޅެން. ބައްޕަގެ ފައިސާއާ މުދަލަކީ ހަމަ ދަރިފުޅުގެ ވެސް އެއްޗެހި. އެކަމަކު، މީ ނަހާގެ ބައްޕައޭ. ނަހާ ތި ކުރަން އުޅޭ ކަމެއް މި ބައްޕައާ ހިއްސާނުކުރެވޭނެތަ؟ ބައްޕަގެ އެހީތެރިކަމެއް ބޭނުމެއްނުވޭތަ؟" ނަހާގެ ޖަވާބެއް ނައިސް ގިނަ އިރު ވާން ފެށުމުން މި ފަހަރު ވެސް ވާހަކަ ދެއްކީ ކަމްރާނެވެ. އޭނާ ނަހާގެ ފަރާތުން ޖަވާބަކަށް އިންތިޒާރުކުރިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލީ ވެސް އެހެންވެގެންނެވެ.
"ބައްޕަގެ އެއްވެސް އެހީތެރިކަމެއް ބޭނުމެއް ނޫން!. ފައިސާ މި ހޯދަނީ އަމިއްލަ މަސައްކަތެއް ފަށަންވެގެން. އިރާދުކުރެއްވިއްޔާ ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ލޯނު އަނބުރާ ދައްކާނަން،" ނަހާ އެންމެފަހުން ކުޑަ ތަފްސީލެއްދިނެވެ. ކިތަންމެ ލޯނެއް ބޭނުންވި ނަމަވެސް، އޭނާއަށް މި ވަގުތު ބޭންކުން އެ ވަރުގެ ލޯނެއް ނުލިބޭނެއެވެ. އެހެންކަމުން، އޮތް ހަމައެކަނި ގޮތަކީ ބައްޕަ އަތުން އެ ފައިސާ ހޯދުމެވެ. "ކެފޭއެއް ހުޅުވަން ބޭނުންވަނީ... އަމިއްލަ ތަނެއް."
"ދަރިފުޅު ބައްޕައާ އެކީ މި އޮފީހަށް ޖޮއިންކުރިޔަސް މީހެއްގެ ދަށުން، މީހަކު ބުނިހާ ގޮތަކަށް މަސައްކަތް ކުރާކަށްނުޖެހޭނެ." ނަހާ ގެ ޖަވާބު އަޑު އެހުމަށް ފަހު، ކަމްރާންގެ ވާހަކައިގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ދާން ފެށިއެވެ.
"ނޫން! ބޭނުމެއް ނޫން!..." ނަހާ ވަގުތުން ދެކޮޅުހެދިއެވެ. އަދި އޭނާ ބޭނުންވާ ގޮތް އަނެއްކާ ވެސް ހާމަކޮށްލިއެވެ.
"މައްސަލައެއް ނެތް. މިއަދު ބައްޕަ ތިކަންތައް ކޮށްދޭނަން. ދަރިފުޅުގެ އެކައުންޓު ނަންބަރަށް މިއަދު ތި އަދަދު ޖަމާކޮށްދޭނަން." ނަހާގެ ވާހަކަ އަޑުއަހަން އިނުމަށް ފަހު، ގޮތް ދޫކޮށްފައި، ކަމްރާން ބުނެލިއެވެ. ނަހާ އޭނާގެ ބަސް ޤަބޫލުނުކުރާނެކަން ޔަޤީންވީ ކަންނޭނގެއެވެ. އެހާ އަވަހަށް ގޮތް ދޫކުރީ އެހެންވެ ކަންނޭނގެއެވެ.
"ތެންކިއު...." ނަހާ ކަމްރާނަށް ބަލައިލީ ޝުކުރުވެރި ބެލުމަކުންނެވެ.
"އެކަމަކު ބައްޕަ އެ ލާރި އަނބުރާ ބޭނުމެއް ނޫން. ބައްޕަ ތި ކަންތައް ދަރިފުޅަށް ކޮށްދީފާނަން." ކަމްރާން އިތުރުކޮށްލިއެވެ.
"ނޫން...،" ކަމްރާންގެ ވާހަކަ އަޑުއަހަން އިން ނަހާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "އެއީ ލޯނެއް، މިއައީ ލޯނަކަށް އެދެންވެގެން."
އެހެން ބުނެލުމަށް ފަހު ނަހާގެ މޫނުމަތީގައި ކޮންމެ ވެސް ވަރަކަށް ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. އެ ކަން ކަމްރާނަށް ވެސް ފާހަގަކުރެވިއްޖެއެވެ. ނަހާ އަދިވެސް އިތުރު ވާހަކައެއް އޭނާގެ ކައިރީގައި ބުނަން ބޭނުންވެގެން އުޅޭކަން ފަހުމްވުމާ އެކު، އެ ކަން އޮޅުންފިލުވަން ކަމްރާން އަވަސްވެގަތެވެ. އޭނާ ނަހާއާ ސުވާލުކޮށްލިއެވެ.
"ނަހާ! ދަރިފުޅު އިތުރުކަމެއް ބޭނުންވީތަ؟ ދަރިފުޅު ބޭނުންކަމެއް ބުނެބަލަ! އޭރުން ބައްޕަ ކޮށްދޭނަމޭ..." ކަމްރާން އޭނާގެ ދަރިފުޅަށް ޔަޤީންކަން ދޭން ބޭނުންވެފައިވާ ފަދައެވެ. ނަހާގެ މޫނަށް ފުންކޮށް ބަލަން އިނީ އެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައަކުންނެވެ.
"ހެންވޭރުކޮޅުގަ ހުރި ގުދަން އަދިވެސް ހުންނަނީ ކުއްޔަށް ދީފަތަ؟" ނަހާ އަހައިލިއެވެ. އެތަން ހުރީ ހުހަށްކަން އޭނާއަށް އެނގުނު ނަމަވެސް، މައުޟޫއުއަށް ވާހަކަ ފެށުމުގެ ގޮތުން ސުރުޚީ އަޅައިލީއެވެ. ކަމްރާން ވިސްނައިލިއެވެ. އެއީ އޭނާ ގަނެފައިވާ ބިންކޮޅެކެވެ. އެ ތަނުގައި އޭނާ ކުރިން ކުޑަ ފިހާރައެއް ހިންގިއެވެ. އެހެންނަމަވެސް، ފަހުން ވިޔަފާރި ބަންދުކުރުމަށް ފަހު، އެތަން ގުދަނެއްގެ ގޮތަށް ކުއްޔަށް ދިނީއެވެ. މިހާރު އެ ތަން ނަގައިގެން އުޅުނު މީހުން އެތަން ހުސްކުރި ފަހުން ވެސް 3 މަސް ވަރު ވެދާނެއެވެ. ވީއިރު އެތަން ހުންނާނީ ހުހަށެވެ.
"ނޫން... އެ މީހުން އެ ތަން ދޫކޮށްލިތާ މިހާރު ވެދާނެ 3 މަސް. ކިހިނެއްވީ؟" ކަމްރާން ސުވާލުކޮށްލި އިރު ވެސް ނަހާގެ ބޭނުން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް، އޭނާ ބޭނުންވަނީ ނަހާ ލައްވާ ނަހާ ބޭނުންވާކަމެއް ބުނާށެވެ. އެ ސުވާލުކޮށްލީ ވެސް އެހެންވެގެންނެވެ. ނަހާއާ ވާހަކަ ދެއްކެން އޮތް ގޮތަކީ ހަމައެކަނި އެއީކަމަށް ވީތީއާ ވެސް އެކުގައެވެ. ނަހާއަކީ އަމިއްލަ ދަރިފުޅު ނަމަވެސް، އެ ގުޅުމަކީ ވަރަށް ދުރު، ނާޒުކު ފައްތަރެއްގައިވާ ގުޅުމެކެވެ.
"އެ ތަން ވެސް ކުއްޔަށް ނަގަން ބޭނުން." ނަހާ ބުނެލިއެވެ.
"ކުއްޔަށް ނުނެގިޔަސް ބައްޕަ އެ ތަން ދީފާނަމޭ. އެހެންނޫނަސް މިހާރު އެ ތަން އެ ހުންނަނީ ވެސް ހުހަކަށްނު." ކަމްރާން ބުނެލިއެވެ.
"ނޫން، ހިލޭ އެއްވެސް އެއްޗެއް ބޭނުމެއް ނޫން!" ނަހާ ބުނެލިއެވެ. އޭނާ އިސްޖަހައިލިއެވެ.
"ކުއްޔާ ބެހޭގޮތުން ދެން ފަހުން ވާހަކަ ދެއްކިދާނެތާ. ދަރިފުޅު އެ ތަން ބޭނުންކުރޭ. އެކަމަކު، ތަން ތަންކޮޅެއް ބާވެފަ ހުންނާނީ. އެއީ އެމީހުން ގުދަނެއް ގޮތަށް އެތަން ބޭނުންކުރީމަ. ރިނޮވޭޓް ކޮށްލީމަ ރަނގަޅުވާނެ. އާދައިގެ ކެފޭއެއް ހިންގަން ޖާގަ ވެސް ކުޑައެއްނުވާނެ." ކަމްރާން ބުނެލިއެވެ. ނަހާ ވެސް އިތުރު އެއްޗެއް ނުބުނެއެވެ. އޭނާ ހަމައެކަނި ބޯ ޖަހައިލީއެވެ. ބައްޕަ އޭނާއަށް ކަންތައްކޮށްދޭން ބޭނުންވެފައިވާކަން އެނގުނު ނަމަވެސް، އެކަމަށް ސަމާލުކަން ދޭކަށް، އަދި ވިސްނާކަށް ވެސް ނަހާ ބޭނުމެއް ނޫނެވެ. ބައްޕަގެ ފައިސާއިން އޭނާގެ އަމިއްލަ ކަންކަމަށް ޚަރަދުކުރާކަށް ވެސް ބޭނުމެއް ނޫނެވެ. މިނިވަންކަމާ އެކު، އަމިއްލަ ވިޔަފާރިއެއް ފެށުމަކީ އޭނާގެ އުންމީދެވެ. ބިޒްނަސް މެނޭޖްމެންޓު އަދި އޮންޓްރޮޕްރޮނޯޝިޕް އިން ޑިގްރީ ހެދި އެންމެ ބޮޑު ސަބަބަކީ ވެސް އެއީއެވެ. ޑިގްރީ ނިމުނުތާ ގާތްގަނޑަކަށް، ތިން މަސް ފާއިތުވެފައިވާ އިރު، މާސްޓަރސް ފަށަން އޭނަ ބޭނުންވަނީ، މަސައްކަތުގެ ޢަމަލީ މައިދާނުގައި ހަރަކާތްތެރިވެފައެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމަށް ފަހުއެވެ. އިތުރަށް ކަމްރާން ވެސް އެއްޗެއް ނުބުނީ ނަހާ އޭނާގެ އަޑު ނާހާނެކަން އެނގޭތީއެވެ. މި ވަގުތު ނަހާ ބޭނުންގޮތަކަށް އާނ ބަސް ދީފައި ފަހުން ވާހަކަ ދައްކައިގެން ކަންތައްތައް ހަމަޖެއްސިދާނެކަމުގައި އޭނާ ނިންމިއެވެ.
"ތި ކަހަލަ ކަމެއް ކުރާ އިރު، ޖެހޭނެ މަސައްކަތްކުރާ ބަޔެއް ވެސް ހޯދަން. ބައްޕަ ތިކަމާ އުޅެދެންތަ؟ ބައްޕަ ދަންނަ ވަރަށް ގިނަ މީހުން އުޅޭނެ ތި ކަހަލަ ކަންތައްތައް ކޮށްދޭ." ކަމްރާން އިތުރުކޮށްލިއެވެ.
"ނޫން. އައިލް މެނޭޖް." ނަހާ ވަގުތުން ދެކޮޅުހެދިއެވެ. ކަމްރާންގެ ފަރާތުން އޭނާ ބޭނުންވަނީ ލޯނާއި، އެ ގުދަންކަމާއި، އޭގެ އިތުރުން އެއްވެސް އެހީތެރިކަމެއް ބޭނުންނުވާކަމުގައި ސާފުކޮށް ނަހާ ބުންޏެވެ.
"އެންމެ ރަނގަޅު. މިއަދު ރުފިޔާ ޖަމާކޮށްލަދޭނަން. ދެން، ގުދަނުގެ ތަޅުދަނޑި މާދަން ހަވާލުކޮށްލަދޭނަން." ކަމްރާން ބުނެލިއެވެ. މައްސަލައެއް ނެތްކަމަށް ބުނެ އެތަނުން ދާންވެގެން ނަހާ ތެދުވެލިއެވެ.
"ދަރިފުޅު ރަނގަޅުތަ؟" ނަހާ ފަސްދިންހެން ހީނުވެ ކަމްރާން ސުވާލުކޮށްލިއެވެ. ހީވީ ނަހާ ހުއްޓުވަން ބޭނުންވެފައި ވާހެންނެވެ. އެއީ ނަހާ އެ ތަނަށް ވަނީއްސުރެ އޭނާ ކުރަން ބޭނުންވެފައިވާ ސުވާލެކެވެ. ހަޤީޤަތުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ސުވާލު އެ ކޮށްލެވުނީ އެންމެ ފަހުންނެވެ.
"ރަނގަޅު." ނަހާ ބުނެލިއެވެ. ކަމްރާންގެ ޙާލު އެހުމަށް ބޭނުންވި ނަމަވެސް، ދޫ ޙަރަކާތެއްނުކުރިއެވެ. އެ ދެމެދުގައި ވާ ނުތަނަވަސްކަމުގެ ބޯ ފާރުގެ މިން އެ ކަމުން އެކަނި ވެސް އަންދާޒާކޮށްލެވެއެވެ. ކަމްރާން އުންމީދުކޮށްގެން ހުރީ ނަހާ އޭނާގެ ޙާލު އޮޅުންފިލުވާނެކަމަށެވެ. އެހެންނަމަވެސް، ނަހާގެ ފަރާތުން އެ ފަދަ ޢަމަލެއް ނުފެނުމުން ކަމްރާން މާޔޫސްވިއެވެ. ކިތަންމެ ފޮރުވަން ބޭނުންވި ނަމަވެސް، އެ ވަގުތު ތުންފަތަށް ވެރިކޮށްލައިގެން އިން ލުއި ހިނިތުންވުން ފިލައިގެން ގޮސް މީހާ މާޔޫސްވީ މިންވަރު މޫނުމަތިން ވެސް ފެންނަން ފެށިއެވެ.
ޝުކުރު އަދާކުރުމަށް ފަހު، ގޮސް ނަހާ ކަމްރާންގެ އޮފީހުން ނުކުމެއްޖެއެވެ. އެއަށް ފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ފަސްއެނބުރި ބައްޕަ އިންނަ ކެބިންއަށް ބަލައިލިއެވެ.
ނަހާ ގޮސް ލިފްޓު ކައިރިއަށް ހުއްޓުނެވެ. ތިރިއަށް ދިޔުމަށް ފަހު، ގޮސް އޮފީހުން ނުކުމެއްޖެއެވެ. ސައިކަލު ނެތްކަން ހަނދާންވެ، ޓެކްސީއެއް ލިބޭތޯ އޭނާ މަސައްކަތްކުރަން ފެށިއެވެ. އޭރު މަޖީދީ މަގު ފުދޭވަރަކަށް ބާރުބޮޑެވެ. ދުއްވާ އެއްޗެހީގެ އަޑުފަށްގަނޑުން މާޙައުލުގެ ހިމޭންކަންވަނީ އެކީ ނައްތާލާފައެވެ. ކެނޑިނޭޅި އަޅަމުންދިޔަ ބަރުގޮނުގެ އަޑާ އެކު ނަހާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ޓްރެފިކްގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ބައެއްމީހުން އޭރު ޝަކުވާކުރަމުން ދިޔަތަން ފެނުނެވެ. ކެތްކޮށްލައިގެން ތިބީ މަދު ބަޔެކެވެ. އޭރު އެ ތަނުގައި އެންބިއުލާންސްއެއް ވެސް މަޑުކޮށްލައިގެން އޮތެވެ. ހޮސްޕިޓަލުން ގެނައި މުސްކުޅި އުމުރުފުރައިގެ މީހަކު ބޭލުމަށްޓަކައެވެ. އެ މަންޒަރު ފެނުނު ނަމަވެސް، އެ ވަގުތުކޮޅު ވެސް ކެތްކޮށްލުން ގިނަ މީހުންނަށް ވީ ދަތިކަމަކަށެވެ.
"ޕިސްޕިސް... ދިވެހިން މީ...." ނަހާއަށް ބުނެވުނެވެ. އެ ވަގުތު ޓެކްސީއެއް ހޯދުމަކީ އުނދަގޫކަމެއްކަން ވިސްނުމާ އެކު، އެތަނުގައި މަޑުކޮށްގެން ހުރުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ. ހިނގާފައި ދާންޖެހުމުން، އޭނާ ހުރީ ކުޑަކޮށް ފޫހިވެފައެވެ.
ނަހާ ގޮސް ވަނީ މާފަންނުގައި ހުންނަ ގެއަކަށެވެ. ފަސްބުރިއަށް ނަގާފައިވާ އެ ގެއަކީ އާދައިގެ ގެއެކެވެ. ނަހާ އުޅެނީ ހަތަރުވަނަ ފަންގިފިލާގައެވެ. ލިފްޓެއް ނުހުރެއެވެ. ސިޑިން އެރުމަކީ، އުނދަގޫކަމެއް ނަމަވެސް، މި ވަގުތު އިތުރުގޮތެއް ނެތެވެ. މައްޗަށް އެރުމަށް ފަހު، ޗޮކްލެޓްކުލައިގެ ދޮރުގައި ތަޅުދަނޑި ޖަހާލާފައި، ދޮރު ހުޅުވައިލިއެވެ. ގޭތެރެއިން މީހަކު ފެންނާކަށް ނެތެވެ. ކުޑަ ސިޓިންރޫމެކެވެ. ކައްކާތަންކޮޅު ވެސް އެހާ ކުޑައެވެ. ކާ މޭޒާ، ދެމީހުންނަށް އިށީނދެލެވޭ ވަރުގެ ސޯފާއަކާއި، އައިސްއަލަމާރިއެއް ބަހައްޓާފައި ބާކީ ހުސް ޖާގައެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެ ކޮޓަރީގެ އެ އެޕާރޓްމެންޓަކީ ޒުވާން ދެމަފިރިއަކު ކުއްޔަށް ނަގައިގެން އުޅޭ އެޕާރޓްމެންޓެކެވެ. އެމީހުން އެއް ކޮޓަރީގައި އުޅެފައި އަނެއްކޮޓަރި ހުންނަނީ ނަހާއަށް ކުއްޔަށް ދީފައެވެ. ނަހާއާ އެކު އަދި އިތުރު ކުއްޖަކު ވެސް އެ ކޮޓަރީގައި އުޅެއެވެ.
ނަހާ އެންމެ ފުރަތަމަ އެ ކޮޓަރި ނެގީ އެކަނި އުޅެންކަމުގައި ވީ ނަމަވެސް، އެކަނި އުޅެމުން ކޮޓަރީގެ ކުއްޔަށް ދައްކަން ޖެހޭ، 6 ހާސް ރުފިޔާ އޭނާ އެކަނި ދައްކަން ބޮޑުވާތީ އިތުރު ކުއްޖަކު ހޯދީއެވެ.
ނަހާ ގޮސް ކޮޓަރިއަށް ވަތް އިރު އެ ކޮޓަރީގެ ދެން އުޅޭ ކުއްޖާކަމުގައި ވާ ޔޫލިއާ އޮތީ ބަންކުބެޑުގެ މަތީބައިގައި އޮށޯވެލައިގެން ފޮތެއް ކިޔަންވެގެންނެވެ. ދޮރު ހުޅުވައިލުމާ އެކު، އޭނާ ފޮތުން ނަޒަރު ވަކިކޮށްލަމުން ތެދުވެ އެނދުމަތީގައި އިށީނެވެ.
"ނާ... ކިހިނެއް ވީ؟" ޔޫލިއާ އަހައިލިއެވެ. އެގެއަށް އައިފަހުން އަހަރެއް ފާއިތުވެގެން ގޮސްފައިވާ އިރު، އޭނާއާ ނަހާއާ ދެމެދު ވަނީ އެކުވެރިކަން ބަދަހިވެގެން ގޮސްފައެވެ. ލޯނެއް ނެގުމަށް ނަހާއަށް އެންމެ ފުރަތަމަ ޚިޔާލު ދިނީ ވެސް ޔޫލިއާއެވެ. ބޭންކުން ނުލިބޭނެތީ، ބައްޕަ ކައިރިއަށް ގޮސް އެހީތެރިކަމަށް އެދެން ލަފާ ދިނީ ވެސް އޭނާއެވެ. އެހެންނަމަވެސް، ބައްޕަގެ ފަރާތުން އެހީތެރިކަމަށް އެދެން ނަހާ އެންމެ ފުރަތަމަ ދެކޮޅު ހެދީއެވެ. ހިލޭ އެހީތެރިކަން ބޭނުންނުވަންޏާ ލޯނެއްގެ ގޮތުގައި ފައިސާ ދޭން ބުނުމަކީ ވެސް، ހަމަ ޔޫލިއާގެ ޚިޔާލެކެވެ. ނަހާ އެގޮތަށް އެއްބަސްވީ ވެސް ޔޫލިއާގެ އެތަކެއް ވާހަކަތަކަކަށް ފަހުއެވެ.
މިހާ ދުވަސްވީ އިރު ވެސް، ޔޫލިއާ އަށް ވެސް ނަހާއާ އޭނާގެ ބައްޕައާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސިއްރެއް ނޭނގެއެވެ. އެނގޭކަމަކީ އެ ދެމެދުގައި ގުޅުން ރަނގަޅު ނޫންކަމެވެ. ސަބަބެއް ނޭނގެއެވެ. އެ ވާހަކަ ދައްކަން ނަހާ ބޭނުންނުވާކަން ވެސް އޭނާއަށް އެނގެއެވެ. ކިތަންމެ ޝައުޤުވެރިވީ ނަމަވެސް، ނަހާގެ ޒާތީ ކަންކަމުގެ ތެރެއަށް ވަނުމަށް އޭނާގެ ޒަމީރު އުޒުރުވެރިވާތީ، އެ ކަން ކުރަން ޔޫލިއާއަށް ވެސް ނުކެރެނީއެވެ. ކިތަންމެ އެކުވެރިކޮށް އުޅުނު ނަމަވެސް، ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެމީހަކު ސިއްރުކުރަން ބޭނުންވާ ކަންތައްތައް ހުރެދާނެކަމަށް އޭނާ ޤަބޫލުކުރެއެވެ. އަދި އެކަންތައްތައް ސިއްރުކުރުމަކީ ކޮންމެހެން އެކުވެރިކަމަށް ހުރަސްއެޅެން ޖެހޭނެކަމެއް ނޫން ކަމުގައި ވެސް ޤަބޫލުކުރެއެވެ. ހަޤީޤަތުގައި ނަހާއަކީ ކާކުކަމެއް އެންމެ ފުރަތަމަ މި ގެއަށް އައި އިރަކު އޭނާއަކަށް ނޭނގެއެވެ. އޭނާ ވެސް ހީކުރީ ނަހާ ވެސް އެއީ އޭނާ ގޮތަށް މާލެއަށް ކިޔަވަން އައިސް ހުރި ކުއްޖެއްކަމަށެވެ. އެހެންނަމަވެސް، ނަހާއަކީ ކާކުކަމާއި، ކާކުގެ ދަރިއެއްކަން އޭނާއަށް އެނގުނީ އިއްތިފާޤަކުންނެވެ. އެއީ ޔުނިވަރސިޓީގައި އޮތް ބިޒްނަސް އެކްސްޕޯއަކުންނެވެ. އޭނާއާ ނަހާއާ ދެމީހުން އެ ތަނަށް ދިޔައީ ނަހާގެ ބައްޕަ އެ ތަނަށް ދާނެކަމަކަށް ނޫނެވެ. ކަމްރާން ދިޔައީ ޔުނިވަރސިޓީގެ ޗާންސެލަރއާ އޮތް ގުޅުމެއްގެ ސަބަބުން، އޭނާގެ ދަޢުވަތަކަށެވެ. އެ ދުވަހު ނަހާއާ އޭނާގެ ބައްޕައާ ދެމެދު ދެކެވުނު ބައެއް ވާހަކަތަށް ޔޫލިއާއަށް އަޑު އިވުނީއެވެ. ހަމައެކަނި އެނގޭވަރުވީ ނަހާއަކީ ކަމްރާންގެ ދަރިއެއްކަމާއި، އެ ދެމެދުގައި ނުރުހުންތެރިވަން ވާކަން އެކަންޏެވެ. އޭގެ ފަހުން ޔޫލިއާ، އެކަމާ ބެހޭގޮތުން ނަހާއާ އެއް ފަހަރު ސުވާލުކުރިއެވެ. ނަހާ ރުންކުރުވުމުން، މާފަށް އެދުމަށް ފަހު ދެން އަލުން އެ ކަން އޭނާ ތަކުރާރެއްނުކުރެއެވެ. އެކުވެރިއަކަށް ވިޔަސް ހުރިހާކަމެއް އެނގެން ނުޖެހޭނެކަމުގައި ޔޫލިއާ ޤަބޫލުކުރީ އެހާ ހިސާބުންނެވެ. ފަހުން ނަހާ ވެސް މާފަށް އެދުނެވެ. އޭނާ ގަސްތުގައި ހަރުކަށިވީ ނޫންކަމުގައި ބުނެއެވެ. ޔޫލިއާ ވެސް ނަހާގެ މައްޗަށް ހިތްހެޔޮ ކުރީއެވެ. އިތުރަށް އޭނާ އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރަން ނިންމިއެވެ. ނަހާގެ ޒާތީ ކަންތައްތަކަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ.
"ލިބޭނެޔޯ ބުނީ....،" ނަހާ ޔޫލިއާއަށް ބަލައިލަމުން ބުނެލިއެވެ. "މިއަދު ޖަމާކޮށްދޭނަމޯ!..."
"އަޅޭ! ވަރަށް އުފާވެއްޖެ. ދެން އަވަހަށް މަސައްކަތް ފަށަންއުޅޭ." ޔޫލިއާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.
"ހޫމް. ބަޔަކާ މިހާރު ވާހަކަ ވެސް ދައްކާލާފަ ހުންނާނީ. އެމީހުން ބުނީ ބޭނުން ގޮތަކަށް މަސައްކަތްކޮށްދޭނަމޯ. އަހަރެން ބުނާގޮތަކަށް ޑިޒައިންވެސް ކޮށްދޭނަމޭ ބުނީ. އެކަމަކު، އެތަން ބަލާފައޯ އަގެއް ކިޔަން އެނގޭނީ.،" ނަހާ އޮޅުން ފިލުވައިދިނެވެ. "ތަޅުދަނޑިލިބޭނެ މާދަން. އޭރުންދެން އަނެއްކާ އެމީހުންނަށް ގުޅާނީ. ކަންތައްތައް ފައިނަލްކުރަން."
"އާނ. ތި ތަން ރިނޮވޭޓްކޮށްފަ ކެފޭއެއްގޮތަށް ހިންގަން ފެށުނީމަ ދެން ރަނގަޅުވާނެ އިންޝާ ﷲ. މިހާރު ނަހާ ތި ދާ އޮފީހުން ވެސް ލިބެނީ އެންމެ ނުވަ ހާސް ރުފިޔާ ވިއްޔަ. ހަފްތާއަކު އޮފް ދުވަހެއް ހޯދަން ވެސް ޖެހެނީ އާދޭސްކުރަން." ޔޫލިއާ ބުނެލިއެވެ. ނަހާ މަސައްކަތްކުރާ އަމިއްލަ ކުންފުނީގެ ކަންތައްތައް ހުންނަ ގޮތާ ދޭތެރޭ އޭނާ ވަރަށް ފާޑުކިޔެވެ.
"އެންމެން ވެސް ބޭނުންވަނީ މަދު މުވައްޒަފުންކޮޅެއް ލައްވާ ކުޑަ މުސާރައަކަށް މަސައްކަތްކުރުވަން. އެހެންވެ އެހެން އެވަނީ..." ނަހާ ބުނެލިއެވެ.
ނަހާއާ ޔޫލިއާ އާ ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ.
މެންދުރު ވުމުން ސައިކަލު ބަލާ ދާން ހިތަށް އަރާފައި ވެސް ނަހާ މަޑުކޮށްލީ ކުޑަކޮށް ހަވީރުވެލުމުން ދިޔުމުގެ ބޭނުމުގައެވެ. އެހެންކަމުން، އޭނާ ގެއިން ނުކުތީ އަޞުރު ނަމާދު ވެސް ކޮށްލައިގެންނެވެ. މަގުމަތިން އައި ޓެކްސީއަކަށް އަތް ނެގިތަނާ ހުއްޓައިފިއެވެ. އެއާއެކު އެ ޓެކްސީއަށް އެރިއެވެ.
"ތިމީ... ތައި.... މީ ގަރާޖެއް... ނަން ހަނދާންނެތިގެން...." ނަހާއަށް އޭނާ ސައިކަލު ސަރވިސްކުރަން ލީ ގަރާޖުގެ ނަން ހަނދާންކުރަން އުޅެއުޅެ ހަނދާންވާ ގޮތެއްނުވިއެވެ. އެންމެފަހުން، އެ ތަނާ ކައިރީގައި ހުރި ތަނެއްގެ ވާހަކަ ބުނުމާ އެކު، އެއީ ތައިމޫރު ގަރާޖު ތޯ ޑްރައިވަރު ސުވާލުކޮށްލިއެވެ. އާނއެކޭ ބުނެލުމަށް ފަހު، ނަހާ ބޯ ޖަހައިލިއެވެ. އެ ހިސާބަށް އާދެވުމުން ފައިސާ ދީފައި ނަހާ ފޭބިއެވެ. އޭނާ ގޮސް ގަރާޖުގެ ދޮރުމަތީގައި ހުއްޓުނެވެ. ފަރާތް ފަރާތަށް ނަޒަރު ހިންގައިލީ ކުރިން ބައްދަލުވި ޒުވާނާ ފެނޭތޯއެވެ. އެހެންނަމަވެސް، މީހަކު ފެންނާކަށް ނެތެވެ. އޭރު އޭނާގެ ސައިކަލު އެއްފަރާތެއްގައި ބަހައްޓައިފައި ހުއްޓެވެ. ރީތިކޮށް ދޮވެ ސާފުކޮށްފައި ހުރި ގޮތުން ހީވީ މުޅިން އާ ސައިކަލެއް ހެންނެވެ. ސައިކަލަށް އެކަނި ބަލައިލުމުން ވެސް މަސައްކަތުގެ ފުރިހަމަކަން އޭނާއަށް ވަޒަންކޮށްލެވުނެވެ.
ސަލާމްގޮވައިލަން އުޅުނު ވަގުތު، އެއްފަރާތަށް ވާ ގޮތަށް އެތެރެއަށް ވަދެވޭ ގޮތަށް ހުރި ދޮރެއް ހުޅުވައިލައިފައި، މީހަކު ނުކުމެއްޖެއެވެ.
(ނުނިމޭ)