ސަރުކާރުން ސިއްހީ ޚިދުމަތް ދޭ އެންމެ ބޮޑު މަރުކަޒު ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދާދިފަހުން ހާމަކޮށްފައިވެއެވެ. މިއާއެކު ވެސް، ބަލިމީހުން ޚާއްސަކޮށް ވީލްޗެއާގައި ގެންދާ ބަލިމީހުން ހޮސްޕިޓަލުގެ މަތީ ފްލޯތަކަށް އެރުވުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުން ފަދަ ކަންކަމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަކުރެއެވެ.
ބަލިމީހުންނަށް ޚާއްސަ ލިފްޓެއްނެތް
މި ހޮސްޕިޓަލުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލިފްޓު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި، އުމުރުން ދުވަސްވީ އަދި ފުރޮޅުލީ ގޮނޑީގައި ތިބޭ ބަލިމީހުން ވެސް މައްޗަށް އަރުވަންޖެހެނީ އާންމުންނާ އެއް ލިފްޓަކުންނެވެ. މިފަދަ ހާލަތްތަކުގައި ތިބޭ މީހުންނަށް އެއްވެސް އިސްތިސްނާއެއް ނެތުމުން، މިއީ އިންތިހާއަށް ވޭންހުރި އަދި ތަކުލީފު ބޮޑު ކަމެކެވެ. ލިފްޓު ނުލިބިގެން އެތައް އިރެއް ހޭދަވާ އިރު، އެހެންމީހުންނަށް އުނދަގޫވެދާނެތީ ބަލިމީހުންނާއި އާއިލާތައް ތިބެންޖެހެނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވަރަށް މަދު ފަހަރެއްގައި މެނުވީ ލިފްޓު ބޭނުންކުރާ އާންމުންގެ ފަރާތުން ބަލިމީހުންނަށް އިސްކަމެއް ދޭތަނެއް ނުފެނެއެވެ. ހަމައެކަނި މުވައްޒަފުންނަށް ހުޅުވޭ ގޮތަށް ޚާއްސަ ލިފްޓުތައް ހުރި ނަމަވެސް، ޕޭޝަންޓުންނަށް އެތަން ބޭނުން ނުކުރެވޭނެކަމަށް ރިސެޕްޝަނުން އަންގާކަމަށް ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަކުރެއެވެ.
ހަލާކުވެފައިވާ ފުރޮޅުލީ ގޮނޑިތަކުގެ ސަބަބުން އުފުލަންޖެހޭ ބޮޑު ތަކުލީފު
އަމިއްލައަށް ނުހިނގޭ ބަލިމީހުން އުފުލަން ހޮސްޕިޓަލުގެ ދޮރުމަތީގައި ބަހައްޓާފައި ހުންނަ ފުރޮޅުލީ ގޮނޑިތަކުގެ ހާލަތު އޮތީ އިންތިހާއަށް ދެރަކޮށެވެ. މަދު ގޮނޑިއެއް ފިޔަވައި އެތަނުގައި ހުރި ހުރިހާ ގޮނޑިއެއްހެން ވަނީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުންނުކުރެވޭ ހާލަތުގައެވެ. އެ ގޮނޑިތަކުގެ ފުރޮޅުތައް ތާށިވެ، ބޭނުންވާ ގޮތަށް ގޮނޑި އަނބުރައި ހަދަން ޖެހެނީ ގަދަބާރުންނެވެ. މިކަމުގެ ސަބަބުން ބަލިމީހާއަށާއި އެ ގޮނޑި ދުއްވާ އެހީތެރިޔާއަށް ވެސް އެތައް ތުރާލެއް ކުރިމަތިވެ ބޭކާރު ގޮތުގައި އެތައް ވަގުތެއް ގެއްލިގެންދެއެވެ.
ކަށީގެ ޑިޕާޓްމަންޓުން މެމޯ ނެގުމާއި ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިތައް
އިދާރީ އިންތިޒާމުތައް ހުރިގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހެއެވެ. ޚާއްސަކޮށް ކަށީގެ ޑިޕާޓްމަންޓުން ނަންބަރު ދޫކުރަނީ ހެނދުނު 8:30 އިން 10:00 އަށެވެ. އަދި އެތަނަށް ނުގޮސް ނަންބަރެއް ނެގުނުކަމުގައިވިޔަސް މެމޯ ހެއްދެނީ ސީދާ އެތަނަށް ގޮސްގެންނެވެ. މިއީ މިޒަމާނުގެ ކުރިއަރާފައިވާ ޚިދުމަތްތަކާ ބީރައްޓެހި އިންތިޒާމެކެވެ.
މީގެ އިތުރުން، ހުޅުމާލެއިން އެންބިއުލާންސް ފަދަ އުޅަނދުފަހަރުގައި ގެންދަންޖެހޭ، އަމިއްލައަށް ނުހިނގޭ ބަލިމީހުންގެ ކަންކަމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑެވެ. ބަލިމީހާ ގޮވައިގެން ހޮސްޕިޓަލަށް ދާން ގިނަ ވަގުތުތަކެއް ނަގާތީ، މެމޯ ނެގުމަށް ކުރިއާލައި އެހެން މީހަކު ފޮނުވުމުން ރިސެޕްޝަނުން މެމޯ ދޫކުރަން ދެކޮޅު ހަދައެވެ. އަދި މެމޯ ނެގޭނީ ޑޮކްޓަރު ބަލާ ގަޑިކަމަށް ދީފައިވާ ގަޑީގެ 15 މިނެޓު ކުރިން ބަލިމީހާ ގޮވައިގެން އައިސްކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، ޑޮކްޓަރުން ބަލާ ކޮޓަރިތައް އިންތިހާއަށް ކުދިވުމުން، ފުރޮޅުލީ ގޮނޑި ވެއްދެނީ އެހީތެރިޔާގެ ގޮނޑި ދުރަށް ޖައްސައިގެން، ވަރަށް ދަތި ގޮތަކަށެވެ. އަމުދުން، ކުރިން ފާހަގަކުރި، ފުރޮޅު ހަލާކުވެފައިވާ ގޮނޑިއެއް ގަދަކަމުން ދަމާފައި ގެންދިއުމަކީ ކުޑަވަރެއްގެ އަދަބެއްކަމަށް ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
އެންބިއުލާންސް ޚިދުމަތުގައި ހުރި މައްސަލަތަކާއި އުނދަގޫ އިންތިޒާމުތައް
ހޮސްޕިޓަލުގެ ބޭނުމަށް ގިނަ އަދަދަކަށް އެންބިއުލާންސް ހުރި ނަމަވެސް، އެ އުޅަނދުތައް ދުއްވާނެ ޑްރައިވަރުންނާއި އެހީތެރިންގެ ޓީމު މަދުވުމުގެ ސަބަބުން، ޚިދުމަތް ލިބެންދެން ބަލިމީހުން ގަޑިއެއްހާއިރު އިންތިޒާރުކުރަންޖެހޭ ފަހަރު އާދެއެވެ. މިއީ އެއްވެސް ހާލެއްގައި މިވަގުތު އެންބިއުލާންސްގައި މަސައްކަތްކުރާ ޓީމުތަކުގެ މައްސަލައެއް ނޫނެވެ. އެ އުޅަނދުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އޯގާތެރިކަމާއި އަޅައިލުން ބޮޑުކަން، ތަކުރާރުކޮށް އެންބިއުލާންސްގެ ޚިދުމަތް ހޯދި ފަރާތަކުން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
ނަމަވެސް، ނިޒާމުގައި ހުރި ދަތިތަކުގެ ސަބަބުން ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހެއެވެ. އެގޮތުން، އެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އައިޖީއެމްއެޗްގެ މައި ދޮރުމަތީގައި ހަދާފައިވާ ބައިން ޚިދުމަތް ހޯދުމުގައި ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. އެތަނުގެ ކުޑަކުޑަ ދަމާ ދޮރެއްގެ ބޭރުގައި، "ޓަކި ޖެހުމަށްފަހު ޖަވާބެއް ލިބެންދެން މަޑުކުރުމަށް" ނޯޓިހެއް ޖަހާފައި ހުރެއެވެ. ނަމަވެސް އެއީ ތަންކޮޅެއް މައްޗަށް ބޯ ދިއްކޮށްގެންނޫނީ އެތެރެ ފެންނަ ގޮތަށް ހުންނަ ތަނަކަށް ނުވާތީ، އެތެރޭގައި މުވައްޒަފަކު އިންކަމެއް ނުވަތަ ނޫންކަމެއް ވެސް އެނގޭނެގޮތެއް ނޯވެއެވެ. މިފަދަ ކަންކަމާ ގުޅިގެން ޚިދުމަތް ހޯދާ ފަރާތްތަކުން ވަނީ، ސަރުކާރުގެ މައި ހޮސްޕިޓަލުން ޚިދުމަތް ދޭންޖެހެނީ ފިލާ ތިބެގެންތޯއާއި މިއީ މިޒަމާނުގައި ކަންކަން ކުރާ އުސޫލުތޯ ސުވާލު އުފައްދާފައެވެ.
މިފަދަ ކަންކަމުގެ އިތުރުން، ހޮސްޕިޓަލުގެ ރިސެޕްޝަނުން ފެންނަ މަންޒަރުތަކާ މެދު ވެސް ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްދޭ ތަންތަނުގެ ރިސެޕަޝަނުން ފެންނަންޖެހޭ ޕްރޮފެޝަނަލްކަމާއި އަދަބު އިހްތިރާމް ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންގެ ކިބައިން ނުފެންނަކަމަށް ޝަކުވާކޮށްފައިވެއެވެ. އެގޮތުން، ޚިދުމަތް ހޯދަންދާ މީހުންނަށް އަޅައިނުލައި، ފޯނާ ކުޅުމުގައި މުވައްޒަފުން ތިބޭ މަންޒަރު ފެންނަ ކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.
މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އައިޖީއެމްއެޗްއިން ބުނީ، ވީލްޗެއާ ބޭނުންކުރާ ބަލިމީހުން ހޮސްޕިޓަލުގެ މަތީ ފްލޯތަކަށް އެރުވުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ވީލްޗެއާ ބޭނުންކުރާ ބަލިމީހުންނަށް ޚާއްސަ ވަކި ލިފްޓެއް ހޮސްޕިޓަލުގައި ނެތްކަމީ ހަގީގަތެކެވެ. އެހެންނަމަވެސް، "އެފަދަ ބަލިމީހުންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ލިފްޓް ބޭނުންކުރެވޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭގޮތުން "ޚިދުމަތް ހޯދާ ފަރާތްތަކުން މިހާތަނަށް އެއްވެސް ޝަކުވާއެއް ވެސް އެކަމާ ގުޅޭގޮތުން ކޮށްފައެއް ނުވޭ" ކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.
ހޮސްޕިޓަލުން ވީލްޗެއާ ލިބުމުގައި ވެސް އެއްވެސް ދަތިކަމެއް އުޅޭކަން އެނގިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި "ބޭނުން ކުރާ ވީލްޗެއާއެއް ބޭނުންނުކުރެވޭ ވަރަށް މައްސަލަ އުޅޭނަމަ، ވަގުތުން އެ ވީލްޗެއާ އެއް ބަދަލުވެސް ކުރަން" ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބައެއް ފަހަރު ގިނަ އަދަދެއްގެ ބަލިމީހުން އެއްފަހަރާ ޑޮކްޓަރަށް ދައްކަން އަންނަ ގަޑިތަކުގައި ޚިދުމަތް ލިބިގަތުމުގައި ދަތިތަކެއް ހުރެދާނެކަމަށް އޮފިޝަލް ގަބޫލުކުރެއްވިއެވެ. ނަމަވެސް، އާންމު ހާލަތްތަކުގައި އެފަދަ އެއްވެސް ކަމެއް ދިމާނުވާކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމަށް ޓަކައި ލިފްޓު އަދި އެންބިއުލާންސުގެ ނިޒާމު ހަރުދަނާކޮށް، ފުރޮޅުލީ ގޮނޑި ފަދަ ވަސީލަތްތައް އާކޮށް، އަދި އޮންލައިންކޮށް މެމޯ ނެގޭނެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ ކަންތައްތައްކަމަށް ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަ ކުރެއެވެ.