ޚިޔާނާތުގެ ތުހުމަތުގައި ހިފަހައްޓާފައިވާ ލަންކާ މީހާގެ ޕާސްޕޯޓު ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި

ހައި ކޯޓު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެސްޖޭ ޕްރައިވެޓް ލިމިޓެޑްގެ ހޯލްސޭލް މެނޭޖަރެއްގެ މަޤާމުގައި ހުރެ ކުންފުނީގެ މުދަލަށް ޚިޔާނާތްތެރިވެ، ނަޖާއިޒް މަންފާތަކެއް ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހަޝާންޕްރަގީތް ޓްސޯގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މި އަހަރުގެ ޖަނަވަރީ ހަތަރަކުން ފެށިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓަމުން އައިސްފައި ވާއިރު، އެންމެ ފަހުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ މި މަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި އެ އަމުރު މުރާޖަޢާކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން ވެސް އެ އަމުރަށް ބަދަލުގެންނަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހަޝާންޕްރަގީތް ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

https://sun.mv/221846

މި މައްސަލައިގައި ހައިކޯޓުން ނިންމެވި ނިންމެވުމުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި އެކަށީގެންވާ ހެކި ނެތުން ހިމެނެއެވެ. އަދި މައްސަލައިގެ ތަހުޤީޤަށް އަށް މަސްދުވަސް ވެފައިވާއިރު، ތުހުމަތުކުރެވޭ ފަރާތުން އިތުރު މަންފާއެއް ހޯދާފައިވާކަން ތަހުޤީޤަށް ހޯދިފައި ނުވާ ކަމަށް ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަން ފާހަގަކުރެވުނެވެ.

އަދި މީގެ އިތުރުން ހުށަހަޅާފައިވާ ރިޕޯޓުތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއެކު، ކުށާ އޭނާއާ ގުޅުވައިދޭ އެކަށީގެންވާ ކާފީ ހެކި ނެތް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.

މީގެ އިތުރުން ލަންކާ މީހާ ފިލައިގެން ދާންއުޅޭ ކަމަށް ނުބެލެވޭކަން ހައިކޯޓުން ފާހަގަކުރިއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފުރުން މަނާކުރެވެނީ "ފިލައިގެން ދާންއުޅޭ" ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށްވާއިރު، ހަމައެކަނި ބިދޭސީއަކަށް ވީތީ ނުވަތަ ވަޒީފާގައި ނޫޅޭތީ ފިލައިގެން ގޮސްދާނެ ކަމަށް ބެލުމަކީ ތަޢައްޞުބީ ނިންމުމެއް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރެއްވިއެވެ. އަދި އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅައިގެން އުޅުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމަށް ފިލަން ނޫޅޭކަމުގެ ނިޝާނެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނެނީ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު އިސްމާޢީލް ޝަފީޢުއެވެ. ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުއްވީ ކްރިމިނަލް ކޯޓުން ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރާއި، އެ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށްވާތީ އެ އަމުރު ބާޠިލުކުރުމަށެވެ.

comment ކޮމެންޓް