ޔުނައިޓެޑް ސްކޮޑާމެދު ކެރިކްގެ އިތުބާރު: ''މިއީ ތަށި ހޯދޭނެ ފެންވަރުގެ ޓީމެއް''

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކް--

މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އެހެން ކްލަބްތަކާ އަޅާބަލާއިރު މަދުން ޚަރަދުކުރި ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަނުގައި ތަށިތަކަށް ވާދަކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް އެ ކްލަބުގެ ހެޑު ކޯޗު މައިކަލް ކެރިކް ބުނެފިއެވެ.

އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ކެރިކް ފާހަގަކުރީ، ކާމިޔާބީ ހޯދުމަށް ގިނަ އަދަދަކަށް ފައިސާ ޚަރަދުކުރުމަކީ އެކަނި އޮތް ހައްލު ނޫން ކަމަށާއި، އޭގެ ބަދަލުގައި އެންމެ މުހިންމީ ޓީމުގެ ބެލެންސް ހިފެހެއްޓުމާއި، ކުޅުންތެރިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދައި، ކްލަބުގައި ތިބި ކުޅުންތެރިންގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުން ކަމަށެވެ.

މި ފަހަރުގެ ސީޒަނަށް ޔުނައިޓެޑުން ވަނީ 155 މިލިއަން ޕައުންޑުގެ ބަޖެޓަކާއެކު މެދުތެރެ ވަރުގަދަކުރުމަށް ކާލޯސް ބަލެބާ، އެންޑްރީ ސަންތޯސް އަދި ޔޫރީ ޓީލެމަންސް ޓީމަށް ގެނެސްފައެވެ.

ލީގުގެ އެހެން ބޮޑެތި ކްލަބްތަކާއި އަލަށް ޕްރޮމޯޓްވި ބައެއް ޓީމުތަކުންވެސް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާއިރު، މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ފަދަ ވާދަވެރިން ވަނީ އެއް ކުޅުންތެރިއަކަށް އެކަނިވެސް ބޮޑެތި އަދަދުތަކުން ޚަރަދުކޮށްފައެވެ.

ނަމަވެސް ކެރިކް ބުނީ ކްލަބުގެ މާލީ ހާލަތު އޮތްގޮތުން ކުރެވުނު ޚަރަދާމެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި، ގެނެވުނު ކުޅުންތެރިންގެ ސަބަބުން ސްކޮޑު ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށެވެ.

ޖެނުއަރީ މަހު ޓީމާ ހަވާލުވި ފަހުން ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ލީގުގެ ތިންވަނައިގައި ނިންމާލައިގެން ޗެމްޕިއަންސް ލީގަށް އެ ޓީމު ވަނީ ކޮލިފައިވެފައެވެ.

ކެރިކް ގަބޫލުކުރާ ގޮތުގައި ފާއިތުވި މަސްތަކުގައި ޓީމުން ދެއްކި ކުޅުމުން ކޮންމެފަދަ މާހައުލެއްގައިވެސް މޮޅުވެވޭނެކަން ކުޅުންތެރިން ވަނީ ސާބިތުކޮށްދީފައެވެ. އަދި މިހާރު ޓީމުގެ ކުޅުންތެރިންގެ ކިބައިގައި އައު އުންމީދަކާއި، ތަށިތަކަށް ވާދަކުރުމުގެ ބޮޑު ޝައުގުވެރިކަމެއް އެބައޮތް ކަމަށާއި، ކްލަބް މިހާރު ދަނީ ސީދާ ރަނގަޅު މިސްރާބަށް ކަމަށް އޭނާ ބުންޏެވެ.

އާދީއްތަ ދުވަހު ރާއްޖެގަޑިން 18:00 ގައި ޔުނައިޓެޑުން އެވަޓަންއާ ދެކޮޅަށް ނުކުންނައިރު، ކުރިއަށް އޮތް ބުރާސްފަތި ދުވަހު ސަބާހްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު މެޗަށްވެސް އެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް