ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ދައުލަތުގެ ބޭސް ކުންފުނީގައި ގާއިމުކުރެވިއްޖެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ނުވަތަ ސްޓޮކް ނޭނގުންކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވިގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި މިހާރު ގާއިމުކުރެވުނު ނިޒާމުގެ ސަބަބުން ހުރިހާ ފާމަސީތަކެއްގެ ސްޓޮކް ދެނެގަނެވޭނެ ކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް މި ސްޓޮކް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޝާހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ބޭސް ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖްތައް ގާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ގާއިމުކުރުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.
އަދި ބޭސް ސިޓީއެއްގައި ހިމެނޭ ބޭހެއް ވަކި ފާމަސީއެއްގައި ނެތްނަމަ އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއްގެ މަޢުލޫމާތު ބަލިމީހުންނާ ހިއްސާކުރާނެ ކަމަށާއި، ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ އެ ފާމަސީއަކުން ވީއެންމެ އަވަހަކަށް އޯޑަރު ޖަހައިދޭނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.
ބޭހާއި ގުޅޭ ކަންކަމުގައި މަޢުލޫމާތު ހޯދުމަށް 24 ގަޑިއިރު ޚިދުމަތްދޭ 1505 ހޮޓްލައިނެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ބޭސް އެތެރެކުރުމަށްޓަކައި މިހާތަނަށް 3 ކުންފުންޏަކާއެކު އެއްބަސްވުން ގާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކުވެސް އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.
އެކުންފުނިން އަންދާޒާކުރާ ގޮތުގައި މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލެއް އަންނަ އަހަރުގެ މެދުތެރޭގައި ފެނިގެންދާނެއެވެ.