ބިޕާޝާގެ ހަށިގަނޑަށް އައި ބަދަލުތަކަށް ފާޑުކީ މީހުންނަށް ބަތަލާގެ ހަރުދަނާ ރައްދެއް

އިންޑިއާގެ ބަތަލާ ބިޕާޝާ ބާސޫ--ފޮޓޯ/ފޭސްބުކް

ވިހެއުމަށްފަހު ހަށިގަނޑަށް އައި ބަދަލުތަކާ ގުޅިގެން މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ކުރިމަތިވި ފުރައްސާރައާއި ފާޑުކިޔުންތަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ ރައްދުދީފިއެވެ.

"އެލް އިންޑިއާ" މަޖައްލާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ބިޕާޝާ ވަނީ، އަންހެނުންގެ ހަށިގަނޑާ މެދު މުޖުތަމައުން ގެންގުޅޭ ހަގީގަތާ ޚިލާފު، ފާޑުކިޔުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އުމުރުން 40 އަހަރުގެ އަންހެނަކު ވިހެއުމަށްފަހު، އޭނާގެ 20 އަހަރުގެ ޒުވާން އުމުރުގައި ހުރި ބައްޓަމަށް ހަށިގަނޑު ވަގުތުން ބަދަލުވާންޖެހޭނެ ކަމަށް މީހުން ދެކޭ ދެކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބިޕާޝާ ފާހަގަކުރިއެވެ.

އަދި ވިހެއުމަށްފަހު އަވަސް މުއްދަތެއްގެ ތެރޭގައި ކުރީގެ ބައްޓަމަށް ހަށިގަނޑު ރުޖޫއަ ނުކުރެވިއްޖެނަމަ، ސޯޝަލް މީޑިއާގައި މަލާމާތްކޮށް ބުލީކުރުމަކީ ހިތާމަހުރި ކަމެއް ކަމުގައި އޭނާ ބުންޏެވެ.

ބިޕާޝާ، ފިރިމީހާ/އެކްޓަރު ކަރަން ސިންގް ގްރޯވަރު އަދި ދަރިފުޅު ދޭވީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެއިތުރުން، ބައެއް ޕަޕަރާޒީން އޭނާގެ ހަށިގަނޑު ނޭދެވޭ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށް، ފޮޓޯއާއި ވީޑިއޯތައް ނަގައިގެން ދަށުދަރަޖައިގެ އަމަލުތައް ހިންގާފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ބިޕާޝާ އިތުރަށް ބުނީ، ކުއްޖަކު ތަރުބިއްޔަތުކުރުމުގައްޔާއި، މައިވަންތަކަމާ އެކު ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ހޭނުމަށް އަންހެނުން ކުރާ ބުރަ މަސައްކަތުގެ އަގު މުޖުތަމައުން ވަޒަންނުކުރާ ކަމަށެވެ.

ނަމަވެސް، އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުކަމުން، މިފަދަ ފާޑުކިޔުންތަކުގެ ސަބަބުން އޭނާގެ އަޒުމަކަށް އެއްވެސް ގުޑުމެއް ނާންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި އަމިއްލަ ހަށިގަނޑަށް ބަދަލުތައް ގެންނާނެ ވަގުތާއި ގޮތް ނިންމާނީ އަމިއްލައަށް ކަމަށްވެސް ބިޕާޝާ ވަނީ ބުނެފައެވެ.

ބިޕާޝާއާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާގެ ކައިވެންޏަށް ދަރިފުޅު ދޭވީ ބާސޫ ސިންގް ގްރޯވާ ލިބިފައިވަނީ 12 ނޮވެމްބަރު 2022ގައެވެ. ބިޕާޝާ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވަރުގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ 2015 ވަނަ އަހަރު ދެ މީހުން އެކީގައި މަސައްކަތްކުރި ފިލްމު "އެލޯން" ކުޅުނު ދުވަސްވަރުއެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނެނު ބިޕާޝާ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 2020 ވަނަ އަހަރު ނެރުނު ވެބް ސީރީޒް "ޑޭންޖަރަސް"އިންނެވެ.

comment ކޮމެންޓް