ނޯތު ކޮރެއާގެ ކަނޑުގެ ސިފައިންނަކީ ނިއުކްލިއާ ހަތިޔާރު އެކުލެވޭ ބާރަކަށް ހެދުމަށް، އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވައުދުވެވަޑައިގެންފިއެވެ.
އޭނާ މިކަން ހާމަކުރެއްވީ، އާ މަނަވަރު "ކަންގް ކޮން" ޚިދުމަތަށް ނެރުމަށް ވޮންސަން ބަނދަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކިމް ވިދާޅުވި ގޮތުގައި، ކަނޑުގެ ސިފައިންނަކީ ނިއުކްލިއާ ބާރަކަށް ހަދައި، ހަގީގީ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން ނިއުކްލިއާ ހަތިޔާރުގެ ނިޒާމުތައް ފުޅާކުރަން ޖެހެއެވެ. އަދި އަމުރުކޮށްފި ކޮންމެ ހިނދެއްގައި ދުޝްމަނުންނަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާއެއް ދިނުމުގެ ގާބިލުކަން އާ ޖީލުގެ މަނަވަރުތަކުގައި ހުންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކިމްގެ އަރިހުގައި އޭނާގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ދަރިކަނބަލުން ޖޫ އޭ ބައިވެރިވެވަޑައިގަތެވެ.

ޚިދުމަތަށް ނެރުނު 5،000 ޓަނުގެ މަނަވަރު "ކަންގް ކޮން" އަކީ މިދިޔަ އަހަރުގެ މެއި މަހު ފެނަށް ބޭލުމުގެ ތެރޭގައި ގެއްލުންތަކެއް ލިބުނު އުޅަނދެކެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ކިމް ވަނީ މި މަނަވަރު ޓެސްޓުކުރުމުގެ ކަންކަން ބައްލަވާލައްވާފައެވެ. ކިމް އިތުރަށް ވިދާޅުވި ގޮތުގައި، ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް މުހިންމު ޕްލޭނެއް އެކުލަވާލާފައިވާއިރު، ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގައި އެކަން މުޅި ދުނިޔެއަށް ހާމަވެގެންދާނެއެވެ.
ކިޔުންގްނަމް ޔުނިވާސިޓީގެ ޕްރޮފެސަރު ލިމް އިއުލް-ޗުލް ވިދާޅުވި ގޮތުގައި، ނޯތު ކޮރެއާއިން ކަނޑުގެ ސިފައިން ނިއުކްލިއާ ބާރަކަށް ހެދުމަށް މަސައްކަތްކުރަނީ ޓެކްޓިކަލް ނިއުކްލިއާ ކްރޫޒް މިސައިލް ފޮނުވާލުމުގެ ގާބިލުކަން ހޯދުމަށެވެ. އަދި އަށް މަސްދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ބުނާ ޕްލޭނަކީ، ކަނޑުއަޑިން ދަތުރުކުރާ އުޅަނދުތަކުން ބެލިސްޓިކް މިސައިލް (އެސްއެލްބީއެމް) ފޮނުވާލެވޭ ފަދަ އާ ސަބްމެރީނެއް ދައްކާލުން ކަމަށް ވެދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
ނޯތު ކޮރެއާއިން މިފަދަ އިންޒާރުތަކެއް ދީފައިވާއިރު، އެމެރިކާއާއި ޖަޕާން އަދި ސައުތު ކޮރެއާ ގުޅިގެން "ފްރީޑަމް އެޖް" ގެ ނަމުގައި ކަނޑުމަތީގެ އަސްކަރީ ތަމްރީނުތަކެއް މި ހަފުތާގައި ވަނީ ފަށާފައެވެ.
ސައުތު ކޮރެއާގެ ޖެޖޫ އައިލެންޑުގެ އިރުމައްޗާއި ދެކުނުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހުކުރު ދުވަހުގެ ނިޔަލަށް މި ތަމްރީނުތައް ކުރިއަށްދާނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޯތު ކޮރެއާއާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ފެށުމަށްޓަކައި ސައުތު ކޮރެއާއާއެކު ބާއްވަން ހަމަޖެހިފައިވާ އެހެން ތަމްރީނުތަކެއް މަޑުޖައްސާލައްވާފައެވެ. ނަމަވެސް ނޯތު ކޮރެއާއިން އެކަމަށް އިޖާބަދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.