ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް އިމާރާތްކޮށްފައިވާ ކާގޯ ޓާމިނަލުން ހުސްކޮށް ހުރި އޮފީސް ޖާގަތައް ކުއްޔަށް ހިންގަން ދޫކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބީލަމަށް ހުޅުވާލައިފިއެވެ.
އެމްއޭސީއެލްއިން އިއްޔެ އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ޖާގަތަކަށް ކުރިމަތިލެވޭނީ ކަނޑައެޅިފައިވާ ހަތަރު ކެޓަގަރީއެއްގެ ތެރެއިން މަދުވެގެން އެއް ކެޓަގަރީއެއްގައި ރަޖިސްޓަރީވެ ހުއްދަ އޮންނަ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ކާގޯ އެއާލައިންތަކާއި ކާގޯ ސޭލްސް އެޖެންޓުންގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރަޖިސްޓަރީކޮށްފައިވާ ކާގޯ ބްރޯކަރުންނާއި ކުރިއާ އެޖެންޓުންނެވެ.
ބީލަން ކާމިޔާބުކުރާ ފަރާތްތަކުން މި ޖާގަތަކުގައި އޮފީސް ހަދައި ހިންގަން ޖެހޭނީ އެމްއޭސީއެލްއިން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ހުށަހަޅާ ބީލަންތަކުގެ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:15 ގެ ކުރިން އެމްއޭސީއެލްގެ ޓެންޑާ ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން ޖެހެއެވެ. ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓަރީވާ ފަރާތްތަކަށް ޓެންޑާ ޕޯޓަލް ތެރެއިން ބީލަންފޮތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:15 އެވެ. ހަމަ އެ ދުވަހުގެ 10:15 ގައި އެމްއޭސީއެލްގެ މައި އިދާރާގައި، ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބީލަންތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.