ހުރިހާ ދިވެހީންނަށް ހިއްސާ ލިބޭ ރިސޯޓުތައް އެޅުމުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

ފަތުރުވެރިއެއް: --- ފޮޓޯ/ ގެޓީ އިމޭޖަސް

ހުރިހާ ދިވެހި ރައްޔިތުންނަކީ ރިސޯޓުތަކުގެ ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ސީދާ ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ޓަކައި ތަރައްގީކުރާ ރިސޯޓުތަކުގެ މަސައްކަތް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ދިވެހިންނަށް ހިއްސާ ލިބޭ ގޮތަށް 10 ރިސޯޓު ހަދާނެ ތަންތަން މި ހަފުތާގެ ތެރޭގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ. އަދި މި ކަމާ ގުޅޭ މަސައްކަތްތައް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިޔާ ހަމަ އުއްމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި މީގެ ބައެއް މަޝްރޫއުތައް ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަންފާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށް ވެގެންދިއުން ކަމަށެވެ. އަދި މި ރިސޯޓުތައް ތަރައްގީކޮށް ހުޅުވިގެންދިޔުމާއެކު، ކޮންމެ ބޭފުޅެއްގެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި، އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

comment ކޮމެންޓް