ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރިއަށް އޮތް މާޗް މަހު ބާއްވާ ފީފާގެ އިންތިޚާބުގައި އަލުން ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ފީފާއިން ބުނެފިއެވެ.
2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ، ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓްމަންޓް ކުންފުނިތަކަށް ވިއްކާލުމަށް ރޭވި ރޭވުންތަކާ ގުޅިގެންނެވެ.
އިންފަންޓީނޯގެ މި ނިންމެވުމާއެކު ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ވަނީ ވޯލްޑް ކަޕް ހިމެނޭ ގޮތަށް ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓުކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
"ފީފާގެ ރައީސް 2027 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އޭޕްރީލް މަހު ވަނީ އިއުލާންކުރައްވާފައި. އޭގެ ފަހުން އެއްވެސް ބަދަލެއް ނާދޭ. އިންފަންޓީނޯ އިންތިޚާބުގައި ވާދަކުރައްވާނެ،" ފީފާއިން ނެރުނު ބަޔާނެއްގައިވެއެވެ.
ޕޯލަންޑްގައި ކުރިއަށްދާ އަންހެނުންގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ނޫސްވެރިން އޭނާގެ މުސްތަޤްބަލާ ގުޅޭގޮތުން ސުވާލުކުރުމުން އިންފަންޓީނޯ ވަނީ ޖަވާބުދެއްވަން އިންކާރުކުރައްވާފައެވެ.
އިންފަންޓީނޯ އަލުން އިންތިޚާބުގައި ވާދަކުރައްވާނެ ކަން ފީފާއިން ރަސްމީކޮށް ކަށަވަރުކޮށްދިން މިއީ ފުރަތަމަ ފަހަރެވެ. އުމުރުން 56 އަހަރުގެ ސުވިޒަލޭންޑަށް ނިސްބަތްވާ އިންފަންޓީނޯ އަލުން އިންތިޚާބުވެވަޑައިގެންފިނަމަ، 2031 ވަނަ އަހަރާ ހަމައަށް މަގާމުގައި ދެމިހުންނަވާނެއެވެ.
ފީފާއިން މި ހަފްތާގައި ވަނީ ޔުއެފާއިން އިންފަންޓީނޯއާއި ފީފާގެ ލީޑަޝިޕާ ދެކޮޅަށް ކެމްޕޭނެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ވޭތުވެދިޔަ ހަފްތާގައި ޔުއެފާއިން ވަނީ އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައި، ފީފާގެ ލިޔެކިއުންތައް ހާމަކުރުމަށް އެދި، ސުވިޒަލެންޑްގެ ކޯޓަކަށް ޖިނާއީ މައްސަލައެއް ހުށަހަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.
ޖުލައި މަހުގެ މެދުތެރެއާ ހަމައަށް އިންފަންޓީނޯ އަލުން އިންތިޚާބުވާނެ ކަމަށް ބެލެވުނެވެ. ފީފާގެ ގިނަ މެމްބަރުން އޭނާއަށް ތާއީދުކުރިއިރު، ވާދަވެރި ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެއް ނުވެއެވެ. ނަމަވެސް، އިނގިރޭސިވިލާތް، ސްކޮޓްލޭންޑް، ވޭލްސް އަދި ރިޕަބްލިކް އޮފް އަޔަލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ވަނީ އިންފަންޓީނޯއަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައެވެ.
ޔުއެފާއިން އިންފަންޓީނޯއާ ދެކޮޅަށް ވާދަކުރާނެ ކެންޑިޑޭޓަކު ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބީބީސީ އަށް އެނގިފައިވެއެވެ. ކެންޑިޑޭޓަކަށް ވާދަކުރެވޭނީ ފީފާގެ 211 މެމްބަރު އެސޯސިއޭޝަންގެ ތެރެއިން މަދުވެގެން 106 އެސޯސިއޭޝަންގެ ތާއީދު ލިބިގެންނެވެ.
އިންފަންޓީނޯ އިސްތިއުފާ ދިނުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ހިޔާލު ޔުއެފާއިން މިހާރު ވަނީ ދޫކޮށްލާފައެވެ. އެފަދަ ކަމަކަށް ފީފާގެ ގަވާއިދު ބަދަލުކުރަން ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވެއެވެ. އެއީ 159 ވޯޓެވެ.
އިންފަންޓީނޯއާ ދެކޮޅަށް ވާދަކުރާނެ ވަކި ކެންޑިޑޭޓެއްގެ ނަން އިއުލާންކޮށްފައި ނުވިނަމަވެސް، ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ އަކީ ވަރުގަދަ ކެންޑިޑޭޓެއްގެ ގޮތުގައި ބެލެވެއެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18 އެވެ.