ދިރާގަށް ސަރުކާރުގެ ނުފޫޒު ނެތީ އެ ކުންފުނި ޕްރަވަޓައިޒް ކޮށްފައިވުމުން ކަމަށާއި، ސަރުކާރުން ހިއްސާ ގަތުމަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެފަދައިން ވިދާޅުވިއިރު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އީ ސަރުކާރުގެ ވަރަށް ބޮޑު ހަރު މުދަލެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކުރައްވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިރާގު އެންމެ ފުރަތަމަ އުފެދިގެން އައީ ދިވެހި ސަރުކާރުގެ 55 ޕަސެންޓު ހިއްސާއާއި، އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް ކުންފުނީގެ 45 ޕަސެންޓު ހިއްސާ އޮންނަ ގޮތަށެވެ. ނަމަވެސް 2009 ވަނަ އަހަރު އޭރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިރާގުގައި އޮތް ދައުލަތުގެ ހިއްސާގެ ތެރެއިން ހަތް ޕަސެންޓް، 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުން، ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 ޕަސެންޓަށް ދަށްވެފައެވެ.
އޭގެ ފަހުން 2011 ވަނަ އަހަރު ސަރުކާރުން ވަނީ އެ ކުންފުނީގައި އޮތް ހިއްސާގެ ތެރެއިން އިތުރު 6.2 ޕަސެންޓު އާންމުންނަށް ވިއްކައި، ދިރާގަކީ އާންމު ހިއްސާދާރުން ހިއްސާވާ ޕަބްލިކް ކުންފުންޏަކަށް ބަދަލު ވެސް ކޮށްފައެވެ.
https://x.com/MohamedNasheed/status/2096912562009116905
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ އޮތް ހަމައެކަނި ކުންފުނި ކަމަށެވެ. ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒްކޮށްފައި އޮތުމުން ސަރުކާރުގެ މެޖޯރިޓީ ނެތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގައި ހިންގާ ސަރުކާރު ކުންފުނިތަކުން ފައިދާވެ، ސިޔާސީ ބޭނުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ނެތީ ހަމައެކަނި ދިރާގުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިރާގުގެ އިތުރު ހިއްސާ މިވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ދިރާގުގެ ހިއްސާ ބޮޑުކުރަން އުޅޭއިރު ގިނަ އެސްއޯއީތަކަކީ މިހާރު ވެސް މާ ބޮޑު ފައިދާއެއް ނުވާ ކުންފުނިތަކެކެވެ. އާއްމު ގޮތެއްގައި އެސްއޯއީތަކަކީ ސަރުކާރުތަކުން ކުންފުންޏާ ނުބައްދަލު މިންވަރަށް ބޭކާރު ގޮތުގައި މުވައްޒަފުން ނަގައި، ކޮރަޕްޝަންގެ މުއާމަލާތްތައް ހިންގާ ވަސީލަތެކެވެ.