ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު މިއަދު ހުޅުމާލޭގައި ފަށައިފިއެވެ.
އަންނަ ބުދަ ދުވަހާ ހަމައަށް ނިޔަލަށް ހުޅުމާލެ މެންހަޓަން ގްރޭންޑުގައި ކުރިއަށްދާ މި ހަރަކާތް އިފުތިތާހުކޮށްދެއްވީ، ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒެވެ.
މިއީ، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި އާ އީޖާދުތަކާއި މުބާރާތްތައް ބާއްވައި ދާއިރާގެ އިސް މީހުންނާ ގުޅުން ބަދަހިކުރުމަށް ބާއްވާ ހަރަކާތެކެވެ.
މި ހަރަކާތުގައި ކާބޯތަކެއްޗާއި މެހެމާންދާރީގެ ދާއިރާއަށް ބޭނުންވާ އެންމެ ފަހުގެ ހައްލުތަކުގެ އިތުރުން ކެއްކުމުގެ ދާއިރާގެ ފެންވަރު ރަނގަޅު އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

މި އަހަރުގެ އެގްރިބިޝަނުގައި 22އަށް ވުރެ ގިނަ ގައުމުން 100 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގެ ތެރެއިން، އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖެއް ވެސް ބާއްވާނެއެވެ. އެ ހަރަކާތުގައި 60އަށް ވުރެ ގިނަ ރިސޯޓުން 600އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ޗެލެންޖުގައި ރާއްޖޭގެ ޓީމުތަކުގެ އިތުރުން ލަންކާގެ ޓީމަކާއި ޕާކިސްތާނުގެ ޓީމަކާއި އައިއެޗްއެމް ޗެންނާއީއާއި ޗެންނާއީ އަމްރިތާ އިންޓަނޭޝަނަލް ހިމެނެއެވެ.
މީގެ އިތުރުން، ބަރިސްތާ ޗެމްޕިއަންޝިޕާއި 30 ރިސޯޓެއްގެ ޓީމުތަކާއެކު ހައުސްކީޕިން މުބާރާތަކާއި 35 ބައިވެރިންނާއެކު މޮކްޓެއިލް މުބާރާތެއް ވެސް ކުރިއަށްގެންދަން ވަނީ ރާވާފައެވެ.
މި ހަރަކާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.