ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ކެރިއަރުގައި ކުޅޭ ފުރަތަމަ ވެބް ސީރީޒްގެ ނަން ބަދަލުކުރުމަށްފަހު، އެ ސީރީޒް ޕްރީމިއާކުރާ ތާރީޚު އިއުލާންކޮށްފިއެވެ.
ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ފުރަތަމަ ޓީޒާ މިއަހަރުގެ ފެބްރުއަރީ މަހު ދައްކާލިއިރު ދީފައިވާ ނަމަކީ "ތަލާޝް: އަ މަދާސް ސާޗް"އެވެ.
ނަމަވެސް، މި މަހުގެ 24 ވަނަ ދުވަހު މި ސީރީޒް ނެޓްފްލިކްސްގައި ރިލީޒްކުރާނެކަން އިއުލާންކުރިއިރު، ސީރީޒްގެ ނަން ވަނީ "ޝައްކު: ޓްރަސްޓް ނޯ ވަން"އަށް ބަދަލުކޮށްފައެވެ.
ޕަރިނީތީގެ ވެބް ސީރީޒް 'ޝައްކު'ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާމިއީ ގެއްލިފައިވާ ނުވަ އަހަރުގެ ދަރިފުޅު ހޯދުމަށް މައަކު ކުރާ ވަރުގަދަ މަސައްކަތުގެ ތެރޭގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކްރައިމް ތުރިލާއެކެވެ. ސިދާތު ޕީ މަލްހޯތުރާ ޕްރޮޑިއުސްކޮށް ރެންސިލް ޑިސިލްވާ ޑައިރެކްޓްކުރާ މި ވެބް ސީރީޒްގެ ކާސްޓުންގެތެރޭ، ސޯނީ ރަޒްދާން، ސުމީތު ވިއާސް، ޖެނިފާ ވިންގެޓް، އަނޫޕް ސޯނީ، ތާހިރު ބާސީން، ހަރްލީން ސޭތީ އަދި ދްރޫވް ޗައުދަރީ ހިމެނެއެވެ.
ރެންސިލް ޑިސިލްވާ މީގެކުރިން އުފެއްދި މަޝްހޫރު ފިލްމުތަކުގެތެރޭ، "ގުރްބާން" (2009)، "އުނގްލީ" (2014) އަދި "ޑަޔަލް 100" (2021) ހިމެނެއެވެ.
އުމުރުން 37 އަހަރުގެ ޕަރިނީތީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2024ގައި ރިލީޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ "އަމަރު ސިންގް ޗަމްކީލާ"އިންނެވެ. އަދި މިއީ ޒަވާޖީ ހަޔާތެއް ފަށައި އަލަތު ދަރިފުޅު ލިބުނުފަހުން ޕަރިނީތީ ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމީ ޕްރޮޖެކްޓެވެ.